ރައްޔިތުންގެ މަޖިލިސް

ނަޝީދު މަގާމުން ވަކިކުރަން މެންބަރުން އެދެނީ

Jul 31, 2022
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކޮށްދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން އެދިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ ރައީސް ނަޝީދާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގަ އެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމުން އެ އޮންނަ އުސޫލުން އެ މައްސަލަ ވެސް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ނަމަވެސް އެކަމުގައި އަމަލުކުރައްވާނެ ވަކި ގޮތެއް ވިދާޅުވެފައެއް ނުވެ އެވެ.

"އަޅުގަނޑަށް މެންބަރުން ގުޅުއްވި ނަމަވެސް ރަސްމީކޮށް މައްސަލަ ހުށަހަޅުއްވާފައި ނުވާތީ އަޅުގަނޑަށް މިކަމުގައި ކުރިއަށް ދެވޭނީ ރަސްމީކޮށް މައްސަލަ ލިބިގެން ކަމުގައި މެންބަރުންނަށް އޮންނާނީ ދަންނަވާފައި،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް ބައެއް މެންބަރުން އެދިވަޑައިގެންފައިވާއިރު މަޖިލިސް މިވަގުތު އޮތީ ޗުއްޓީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގަ އެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ވެސް އިނގިރޭސިވިލާތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅުމުންނެވެ. ހިނގަމުންދާ މަޖިލީހުގައި ނަމަ ގަރާރު ހުށަހެޅުމަށް މަދުވެގެން 22 މެންބަރުންގެ ސޮއި ބޭނުންވާނެ އެވެ.

ގަރާރު ހުށަހެޅުމުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރެވޭނެ އެވެ. އެއީ ހިނގަމުންދާ މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއީދާ އެކު އެވެ.