ލައިފްސްޓައިލް

30 އަހަރު ކުރިން މަރުވި ދެ ކުއްޖެއްގެ ކައިވެނި ކުރުވައިފި

ޓުވިޓާގައި މީގެ ދެ ދުވަހެއް ކުރިން މީހަކު ކިޔައިދިން ވާޙަކައެއްގައި އޭނާ ބައިވެރިވި ވަރަށް ތަފާތު، އަދި އާދަޔާޚިލާފު ކައިވެނީގެ ރަސްމިއްޔާތެއްގެ ވާހަކަ ހިއްސާކޮށްފައި ވެއެވެ.

ކައިވެންޏެއްގައި ދެން މާ ޔުނީކް ކަމަކަށް އޮންނާނީ ދެން ކޮން ކަމެއް ބާ އެވެ؟ މި ކައިވެނީ އެހާ ތަފާތު ކައިވެންޏަކަށްވީ ކައިވެނިކުރި ކައިވެނިކުރުވި ދެ ކުދިން ވެސް ވަނީ މީގެ 30 އަހަރު ކުރިން މަރުވެފަ އެވެ.
އެނީ އަރުން ޓުވިޓާގައި ވަރަށް ތަފްސީލުކޮށް މި ކައިވެނި ހިނގަމުންދިޔަ ގޮތް ކިޔައިދީފައި ވެއެވެ.

މިއީ އިންޑިޔާގެ ދަކްޝިނާ ކަންނާޑާގެ ޓްރެޑިޝަން އެކެވެ. އުފަންވުމުގެ ތެރޭގައި މަރުވާ ދެ ކުއްޖަކު ކައިވެނި ކުރުވުމެވެ.

"އަހަރެން މިއަދު އެބަ ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވަން. މިހެން ބުނާއިރަށް މީހުން ބުނެފާނެ އެއީ ދެން ޓުވީޓްކުރާވަރުގެ ކަމެއްހޭ. ޓުވީޓްކޮށް މި ވާޙަކަ ހިއްސާ މި ކުރަނީ މި ކައިވެނި ތަފާތުކަމުން. ކައިވެނިކުރާ ފިރިހެންމީހާ ނުވަތަ ކުއްޖާ ވަނީ މީގެ 30 އަހަރު ކުރިން މަރުވެފައި. ހަމަ އެގޮތަށް ކައިވެނިކުރާ އަންހެންކުއްޖާ ވެސް ވަނީ 30 އަހަރު ކުރިން މަރުވެފައި،" އެނީ އަރުން ކިޔާ މީހާގެ ޓުވީޓުގައި ވެއެވެ.

މަރުވެފައިވާ ދެ މީހެއްގެ ކައިވެންޏަށް ވިޔަސް މި ކައިވެނީގެ ރަސްމިއްޔާތު ވެސް ކުރިޔަށް ދަނީ ދިރި ތިބި މީޙުންގެ ކައިވެނި ވެސް ކުރާ އުސޫލުންނެވެ.

އެންމެ ފުރަތަމަ ކައިވެނިކުރަން ބޭނުންވާ ދެ އާއިލާ އެއް ބަޔަކު އަނެއް ބަޔެއްގެ ގެޔަށް ގޮސް ބައްދަލުކޮށް އެންގޭޖްމަންޓް ބާއްވަ އެވެ. އޭގެ ފަހުން ކައިވެނީގެ ރަސްމިއްޔާތުތައް ވެސް ބާއްވަނީ ހަމަ އިންޑީޔާގައި ހިންދޫން އާއްމުކޮށް އެކަން ކުރާ ގޮތަށެވެ.

އެކަކު އަނެކަކުގެ ކަރުގައި މާފަތި އެޅުވުމާއި ހިންދޫރަ ތިކި ޖެހުމާއި މަންގަލްސޫތުރަ އެޅުވުމާއި އަލިފާންގަނޑު ވަށައިގެން ހަތް ބުރު ޖެހުމާއި މި ހުރިހާ ކަމެއް ވެސް މި ކައިވެނީގައި ވެސް ކުރިޔަށް ގެންދިޔަ އެވެ. އަދި އެންމެ ފަހުން އޮންނަނީ ދެ މީހުންގެ ކައިވެނީގެ ގޮށް ޖަހާލުމެވެ.

މިއީ ސަމާސާއަށް ކުރާ ކަމެއް ނޫނެވެ. ސީރިއަސްކޮށް ކުރާ ކަމެކެވެ. އުފަންވުމުގެ ތެރޭގައި މަރުވާ ފިރިހެން ކުއްޖަކާއި ހަމަ އެގޮތަށް މަރުވާ އަންހެންކުއްޖެއްގެ ކައިވެނި އެކުދިން ދުނިޔޭގައި ތިބިނަމަ ބޮޑުވެ ފުރާ ފުރިހަމަވާ އުމުރަށް އެޅުމުން ކޮށްދިނުމެވެ.

މި ކަހަލަ ކައިވެނިތައް ހަމަޖައްސަން ވަރަށް ފަސޭހަވާނެކަމަށް ހީވެދާނެ އެވެ. ނަމަވެސް އެއީ އެހާ ފަސޭޙަ ކަމެއް ނޫނެވެ. ދާދިފަހުން މިފަދަ ކައިވެންޏެއް ކުރުވަން އަންހެންކުއްޖެއް ހޯދަން އުޅުނު އާއިލާއަކުން އެ ކައިވެނިކުރަން ހޯދި އަންހެންކުއްޖަކަށް ނޫނެކޭ ބުނެފައި ވެއެވެ. އެއީ ފިރިހެންކުއްޖާ އަށް ވުރެ އަންހެންކުއްޖާ އެތައް އަހަރެއް ދޮށިވެގެންނެވެ.

މި ކައިވެންޏަކީ މަރުވެފައިވާ ދެ މީހެއްގެ ކައިވެންޏަށް ވާތީ ކައިވެނީގެ ރަސްމިއްޔާތުގައި އެ މީހުން ބައިވެރިވަނީ ކިހިނެއްތޯ ސުވާލު އުފެދޭނެ އެވެ. ހަގީގަތުގައި މި ކައިވެނިކުރާއިރު ދެ ފަރާތުގެ އާއިލާއިން ގެންގުޅޭ ކައިވެނިކުރާ އަންހެންކުއްޖާ އަޅައިގެން އިންނަ ހެދުން ކަމަށް ބުނާ ހެދުމެކެވެ. ހަމަ އެގޮތަށް ފިރިހެންކުއްޖާގެ ލައިގެން އިންނަ ކަމަށް ބުނާ ގަމީހެއް އޭނާގެ އާއިލާއިން ގެންގުޅޭނެ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންނަށް ފެންނާނީ އަންހެންކުއްޖާ އަޅާ ސާޅިއާއި ފިރިހެންކުއްޖާގެ ގަމީހެވެ. ކައިވެނީގެ ގޮށް ޖަހާލާނީ ވެސް މި ސާޅީގެ ކަންގަނޑާއި ގަމީހުގެ އަތާ ގުޅުވާފަ އެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި ކުޑަކުދިންނާއި ކައިވެނިނުކޮށް ތިބޭ އަންހެނުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ.
މިއީ މަރުވެފައިވާ ދެ މީހެއްގެ ކައިވެންޏަށް ވާތީ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ޖަނާޒާއެއް ފަދަ ގޮތަކަށް ކަމަކަށް ހީކުރެވިދާނެ އެވެ. ނަމަވެސް ކަންތައް އޮތީ އެހެނެއް ނޫނެވެ. މި ކައިވެނީގެ މާހައުލުގައި އޮންނަނީ އުފާވެރިކަމެވެ. އެކަކު އަނެކަކަށް ހީނ މަޖާކޮށް ޖޯކު ޖަހާ ހެދުމެވެ. ނެށުމާއި ލަވަ ކިއުމެވެ.