ދުނިޔެ

ބައިޑަން 2024 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ

ޖޯ ބައިޑަން އަށް އެމެރިކާ ރައްޔިތުންގެ މެދުގައި އޮތް މަގުބޫލްކަން ބެލުމަށް ދޭތެރެ ދޭތެރެއިން ނަގާ ވޯޓުން އެކަށީގެންވާ މާކުހެއް ލިބިވަޑައެއް ނުގަންނަވަ އެވެ. އުމުރުން ދުވަސްވުމާއި އާލާސްކަންފުޅު ހުންނަ ގޮތް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް އޮތީ ވެފަ އެވެ.

އެހެން ނަމަވެސް، ބައިޑަން، 79، ދެވަނަ ދައުރަކަށް -- 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖޯން-ޕިއާ ވިދާޅުވި ގޮތުން ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ ބައިޑަން ކުރައްވާ އުންމީދެކެވެ.

ބައިޑަން ދެވަނަ ދައުރަކަށް ހޮވުމާ މެދު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓް ޕާޓީ ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ރައީސް ކަމަށް ކުރިމަތި ނުލެއްވުމަށް އެދި ވަޑައިގަންނަވާ މެމްބަރުން ގާނޫން ހަދާ މަޖިލީހުގައި ވެސް އެބަ ތިއްބެވި އެވެ.

ކަރީން ވިދާޅުވި ގޮތުގައި އަދި ދުވަސް އެބަ އޮތެވެ. އެ ހިސާބަށް ދަންދެން އުންމީދަކީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކަމަށް ބައިޑަންއާ ހަވާލާ ދެއްވައި ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

އެމެރިކާގެ ރައްޔިތުންނަށް އުޅެން ފަސޭހަ ދިރިއުޅުމެއް ފަހިކޮށް ދިނުމާއި ތަކެތީގެ އަގު މިހާރު އުފުލިފައި ހުރި ނަމަވެސް ތިރިކުރުމަކީ ބައިޑަން ސަރުކާރުގެ ވައުދެއް ކަމަށް ކަރީން ވިދާޅުވި އެވެ.

އެމެރިކާގެ އިގުދިސޯދު ހުއްޓުމަކަށް އަތުވެދާނެ ކަމަށް ދިރާސާތަކުން ދައްކާފައި އޮތް ނަމަވެސް ބައިޑަން ވިދާޅުވަނީ ގައުމު ދަތުރުކުރަނީ ރަނގަޅު މިސްރާބަށް ކަމަށެވެ.

އިގުތިސޯދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ބައިޑަންއަށް އަދި ހަރުދަނާ ނިންމުމެއް ނުނިންމެވެ އެވެ. ބައިޑަންގެ އިގުތިސޯދި ތަސައްވުރެ ރަނގަޅު ނޫން ކަމަށް ވެސް މާހިރުން ބުނެ އެވެ.