ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ނެގެހެއްޓުމަށްޓަކައި ހުރިހާ ދީނީ އިލްމުވެރިންނާއެކުވެސް އެބޭފުޅުންގެ ސިޔާސީ ފިކުރަށް ބެއްލެވުމެއްނެތި އަދާލަތު ޕާޓީން މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު މިއަދު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ގޮންޖެހުން ކުރިމަތިވާ ކަމަށް އިހުސާސްކުރެވޭނަމަ އެކަމަށް އޮތް އެންމެ ހެޔޮ ފަރުވާއަކީ އެންމެން ގުޅިގެން އިސްލާހަށް މަސައްކަތްކުރުން ކަމަށެވެ.
ތަފާތުތަކާއި ބައިބައިވުންތައް ދޫކޮށް ދީނީ އިލްމުވެރިން މިކަމުގައި އެއްގަލަކަށް އަރާ ނަމޫނާ ދައްކަވަންޖެހޭ ކަމުގައިވެސް ނަޒީރު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ދީނީ މުހިއްމު ކަންކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ އިސްނެންގެވުމާއެކު މުހިއްމު މަސައްކަތްތަކެއް ކުރެވި ކާމިޔާބީ ހޯދިފައިވާ ކަމަށެވެ. އަދާލަތު ޕާޓީ އާއި ޕާޓީގެ އިލްމުވެރިންގެ މަޖިލީސް ދެމިއޮންނާނީ އިސްލާމްދީނަށް ޚިދުމަތް ކުރުމުގައި ކަމަށްވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ނަގަހައްޓާ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި، ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނާއެކުވެސް އެބޭފުޅުންގެ ސިޔާސީ ފިކުރަށް ބެއްލެވުމެއްނެތި އަދާލަތު ޕާޓީގެ އިލްމުވެރިން ގުޅިގެން މަސައްކަތް ކުރައްވާނެ،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ ނަޒީރު ވިދާޅުވެފައިވެ އެވެ.
އިލްމުވެރިންނާ ގުޅިގެން އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވިދާނެ ކަމަށް އެޕާޓީން ބުނެފައި މިވަނީ ދީނީ ބައެއް މައްސަލަތަކުގައި ސަރުކާރުން އިހްމާލުވަމުންދާ ކަމަށް ވިދާޅުވެ ސަރުކާރުގައި އަދާލަތު ޕާޓީ އޮވެމެ އެފަދަ މައްސަލަތައް ރަނގަޅު ކުރުމަށް އެ ޕާޓީން މަސައްކަތް ނުކުރާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވަމުން ގެންދަވާ ވަގުތެއްގަ އެވެ.
އެކަމަކު އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްމުވެރިންނާއި ލީޑަޝިޕްގެ ބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވަ އެވެ. އަދި ސަރުކާރުގެ ތެރެއިން މައްސަލަތައް އިސްލާހުކުރުމަށް އަބަދުވެސް އަދާލަތު ޕާޓީން މަސައްކަތް ކުރާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.