ވާހަކަ

އިޙްސާސްވޭ

( 28 ޖުލައި 2022 އާ ގުޅޭ )

އިވާން ގޯސް ހަދައިފިކަން އެނގުނަސް މާޔަލް ހުރީ މަޢާފުދޭށެވެ. ދެމެދުގައި އޮތް ދުވަސްވީ ގުޅުމުގެ ސަބަބުންނެވެ. އިވާން ލޯބިވާވަރު އެނގޭތީއެވެ. ކައިވެނި ހަމަޖެހިފަ އޮތީމައެވެ. ދެ ޢާއިލާއިން ވެސް އެ ދެމީހުން ބަލައިގެންފައިވާވަރު އެނގޭތީއެވެ. މީ އެންމެ ރަނގަޅު ގޮތްކަމުގައި މާޔަލްއަށް ހީވަނީއެވެ. އޭނާއަކީ މީހެއްގެ ހައްޤެއްކަން އެނގިއްޖެނަމަ އައިރިކް ވެސް ފަހަރެއްގައި އެ އުޅޭ ގޮތް ބަދަލުވެދާނޭ މާޔަލް ހީކުރިއެވެ. އައިރިކް ކައިރީ ކޮންމެވެސް ސިފައެއްގައި އެކަން ހާމަކުރާން މާޔަލް ނިންމީ އެހެންވެއެވެ.

ފަތިސް ނަމާދުކޮށްލައިގެން މާޔަލް ކޮޓަރިން ނުކުތެވެ. ގޭތެރެ ފަޅަށް އޮތުމުން މަންމަ އަދި ނުނިކުންނަނީކަން އޭނާއަށް އެނގުނެވެ. މާޔަލް ބަދިގެއަށް އައިސް ކަބަޑުން ނެގީ ސައިފަތް ޕެކެޓު އެޅި ދަޅެވެ. ފިނިފެނުން ދެ ސައިފަތް ޕެކެޓު ތެތްމާލުމާއެކު އައިސްއަލަމާރިއަށް ލިއެވެ. އެ ފިނިވަންދެން ބަހައްޓާފައި މާޔަލް ނުކުތީ ބެލްކަންޏަށެވެ. އެހިނދު އޭނާގެ ގައިގާ ބީހިލި ވައިރޯޅި ފިނިކަމުން ހީކަރުވައިގަތެވެ. އަނދިރީގައި ވެސް ރަތްކުރަމުން އައި އުޑުމަތި މާޔަލްއަށް ފެނުނެވެ. އޭނާ ދެއަތްއުރާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ.

"އެރޭ... އެރޭ އެއީ ވިއްސާރަ ރެޔެއް. އެކަމަކު ކޮންތާކަށް ދާން އަހަރެން އުޅުނީ. ގެއަށް އަންނަންތަ؟... އިވާން އެރޭ ކޮބާ؟. ކީއްވެ އަހަރެން އެކަނި ދާންވީ. އިވާން އަހަރެން ޑްރޮޕްކުރަން ނައީތަ؟. އެކްސިޑެންޓްގެ އެއްވެސް ވާހަކައެއް އިވާން ނުދައްކާ؟. އެއްވެސް ސުވާލެއް އަހަންނާ ނުކުރޭ... އަހަރެން ހަނދާންނެތުނީ ކޮންކަމެއް؟. އެއްވެސް ކަމެއް ބަދަލުވިހެނެއް ހިޔެއްނުވޭ. އަހަންނާއި އިވާންގެ ގުޅުން ކުރިޔަށްވުރެ ރަނގަޅުވެއްޖެ. އެކަމަކު އެއީ ބަދަލެކޭ ބުނާވަރު ކަމެއްނޫން. އެކްސިޑެންޓް ހިނގީ ދެމީހުން ރައްޓެހިވެގެން އުޅެނިކޮށް. އަހަރެން މަރުނުވެ ސަލާމަތްވީ ކިރިޔާ. އިވާން ދޭ ސަމާލުކަން އިތުރުވީ އެހެންވެ... އެކަމަކު... ކިހިނެއް!... ކިހިނެއް އަހަރެން ހޯދާނީ އެހަނދާންތައް. ކާކު ކައިރީ އަހާނީ؟."

"މައްޔު." އާމާލް ބެލްކަންޏަށް ނުކުންނަމުން ގޮވާލިއެވެ.

"ކީއްވެފަ ތިހުރީ؟. ނުނިދުނީތަ؟. ފިންޏެއް ވެސް ނޫންތަ؟." އާމާލް ސުވާލުތައް ކުރަމުން އައިސް މާޔަލްގެ ގާތުގައި ހުއްޓިލިއެވެ. ހާވިޔާވި ޚިޔާލުތަކާއެކު މާޔަލް ބަލާލިއެވެ.

"މައްޔު ބަލީތަ؟." ދަރިފުޅުގެ ރަތްކަމާއި ދުޅަކަން ހުރި ދެ ލޯ ފެނި އާމާލް ކަންބޮޑުވިއެވެ. މާޔަލްގެ ނިތްކުރީގައި ކަނާއަތްތިލަ ޖައްސާލާފައި ކަރުދޮށުގައި ވެސް އަތް ގެނެސް ޖައްސާލިއެވެ. މާޔަލް ގޮވައިގެން އަވަހަށް އޭނާ ވަނީ ގޭތެރެއަށެވެ. ފިނީގައި މާޔަލް ބަހައްޓަން ބޭނުންނުވެގެންނެވެ. ބެލްކަނީގެ ދޮރުފަތް ލައްޕާލާފައި އާމާލް ދަރިފުޅާ ކުރިމަތިލިއެވެ.

"މަންމައަށް ހިޔެއްނުވޭ ހުރިހާކަމެއް ރަނގަޅުހެން. ރޮއެފަތަ ތިހުރީ. މައްޔު ކަމެއް މަންމަ ސިއްރުކުރަނީތަ؟. ދަރިފުޅަށް ވާގޮތް ކިޔާދީބަލަ." ކާމޭޒު ދޮށުން ގޮނޑިއެއްގައި މާޔަލް ބައިންދާފައި އޭނާގެ ކައިރީ އާމާލް ވެސް އިށީނދެ ވާހަކަދެއްކިއެވެ. ދަރިފުޅު ކައިރީ ރޮއެފަތޯ އެހިއިރު ވެސް އެކުއްޖާ ރޮއެފިކަން އާމާލްއަށް ޔަގީން ކުރެވެއެވެ.

"މަންމާ... ބައެއްފަހަރު... ބައެއްފަހަރު އެއްވެސް ކަމެއް ޔަގީނެއްނުވޭ. އިޙްސާސްވާގޮތް ކިޔާދޭކަށް ނޭނގޭ. އުނދަގޫވިޔަސް އެއީ ކީއްވެކަން ބުނާކަށް ނޭނގޭ. މަންމާ... އަހަރެންގެ ސިކުނޑީގަ އުނިކަމެއް ހުރީތަ؟. ގައިމު ހަނދާންނެތޭނީ އެހެންވެއެއްނު. އަހަންނަކަށް ނޭނގޭ ހަނދާންނެތުނީ ކޮންކޮން ކަމެއްކަން. އެއީ ހަޔާތުން ކިހާ މުހިންމުކަމެއްކަން ނޫނީ ހަނދާންނެތުނީ އަހަންނަށް ރަނގަޅަކަށް ކަމެއް ނޭނގޭ. ކޮންމެގޮތެއްވިޔަސް އެއީ އަހަރެންގެ ހަޔާތުން ދުވަސްތަކެއް. އެ ހަނދާންތައް އަނބުރާ އަންނަން އަހަރެން ބޭނުން. އެ ދުވަސްތަކުގައި އަހަރެން ކުރީ ކީއްކަން އެނގެން ބޭނުން." މާޔަލްގެ އަޑުގައި ނުތަވަސްކަން ވިއެވެ.

"މައްޔުގެ އެއްވެސް މައްސަލައެއްނެތް. ޑަކްޓަރުން ބުނި ސިކުނޑިއަށް އެއްވެސް ގެއްލުމެއް ލިބިފައެއްނެތޭ. މާބޮޑަށް މައްޔު ތިވިސްނަނީ. ދަރިފުޅުގެ ސިއްޙަތައް ރަނގަޅުކަމެއްނޫން އެއީ. ފިކުރުބޮޑުނުކުރާން ޑަކްޓަރު އޮތީ ބުނެފަ. މީ ﷲގެ މިންވަރުފުޅު ކަމުގައި ޤަބޫލުކުރޭ. ހަނދާންނެތުނު ގޮތަށް އެ ހަނދާންތައް އަލުން އިޔާދަވުމަކީ ވެދާނޭ ގޮތެއްކަން ޑަކްޓަރު ބުންޏެއްނު. މައްޔުއަކީ ނުލާހިކު ޕޮޒިޓިވް ކުއްޖެއްނު. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. އެކަން އެއީ ވެ ނިމިފަ އޮތްކަމެއް. އެހެންވީމަ އެކްސިޑެންޓާ މެދު މައްޔު ވިސްނާކަށް މަންމަ ނޭދެން." މާޔަލްގެ ކޯތާފަތުގައި އާމާލް ފިރުމާލަމުން ހިނިތުންވެލިއެވެ.

"މަންމައަށް ވެސް ރަނގަޅީ އަހަރެން ހަނދާންނުވިއްޔާ." އާމާލްއަށް ބަލަން އިން މާޔާލްގެ ހިތް ބުންޏެވެ. މަންމަގެ ވާހަކައިން އޭނާއަށް ދޭހަވީ އެފަދައިންނެވެ. އެއްވެސް މީހަކު އޭނާގެ ގާތުގައި އެކްސިޑެންޓްގެ ވާހަކަ ނުދައްކަނީ އެހެންވެއެވެ. މާޔަލް ހަނދާންވާން އެމީހުން ބޭނުންނުވަނީއެވެ.

މާޔަލް ކާމޭޒުދޮށުން ތެދުވިއެވެ. އައިސްއަލަމާރިއަށް ލީ ތަށި ނެގިއެވެ. އޭގައި ފިނިކުރަން ލީ ދެ ސައިފަތް ޕެކެޓު އޮތެވެ. އެ ތަށިހިފައިގެން އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެލައި ލޯ މަތީ ސައިފަތް ޕެކެޓު ބާއްވާލިއެވެ. ހެނދުނުހެނދުނާ އައިތަންގެ ކުރިމައްޗަށް އެގޮތަށް ހުރެ އަރާން މާޔަލް ބޭނުމެއްނޫނެވެ. އެހެންވެ ދާންވާއިރު ލޮލުގެ ދުޅަ ތިރިކުރުމަށް މަސައްކަތް ފެށީއެވެ.

އިރު ނާރައިގެން އިވާން ހުރި ކަހަލައެވެ. އޭނާ މާޔަލްއަށް ގުޅައިފިއެވެ. ފޯނު ނުނަގަން އޮވެފައި ވެސް އިވާން ދެތިން ފަހަރަށް ގުޅުމުން މާޔަލް ކޯލު ނެގިއެވެ. އޭނާ ވާހަކަ ނުދެއްކީމަ އިވާން ހެލޯއޭ ގޮވާލިއެވެ.

"ރުޅީތަ؟." މާޔަލް އަނގައިން ނުބުނުމުން މަޑުޖެހިލާފައި އިވާން އަހާލިއެވެ. ދެން ވެސް މާޔަލް ވަކި އެއްޗެއް ނުބުންޏެވެ.

"ސޮރީ. ވަރަށް ބޮޑަށް ސޮރީ. އަހަންނަށް މަޢާފެއް ނުކުރާނަންތަ؟. ރޭގަ ނުވެސް ނިދުނު... މައްޔު މަތިން ހަނދާންވަނީ. އަހަންނަށް ކުރެވެން އުޅުނު ކަންތައް ހިތަށް އަރަނީ. އެހެންވެ ނުގުޅާ ނުހުރެވުނީ. މައްޔު... އެނގޭ ދޯ އަހަރެން ވަރަށް ލޯބިވާކަން. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ. އެކްސްކިއުޒް ދައްކަނީއެއްނޫން. އެނގޭ މައްޔުގެ ނުޤަބޫލުގަކަން އަހަރެން އުޅުނީ. އެއީ އަހަރެންގެ ފޯލްޓް. ޕްލީޒް މައްޔު. އައިމް ސޮރީ." އިވާންގެ އަޑުގައިވީ އާދޭހެވެ. އޭނާ ރޯން އުޅޭ ކަހަލައެވެ. މާޔަލްއަށް ތުންފިއްތާލެވުނެވެ.

"މިވަގުތު އިވާންއާ ވާހަކަދައްކަން އަހަންނަށް ވަރަށް އުނދަގޫ." މާޔަލް ބުންޏެވެ.

"ދެން އެހެންނެއްނުވާނެ. އައި ޕްރޮމިސް. މައްޔު އައި ޕްރޮމިސް. ދެން އެކަހަލަކަމެއް ނުވާނެ. އައި ވޯންޓު ސީ ޔޫ. ޕްލީޒް." އިވާން ނިކަން އަވަސްއަވަހަށް ބުންޏެވެ.

ވާހަކަދައްކަން އުނދަގޫވެގެން މާޔަލް ފޯނު ބޭއްވީއެވެ. އެއާއެކު އިވާން މެސެޖުކުރަންފެށިއެވެ. އޭނާއަށް މާޔަލް ފެންނާނީ ކޮންއިރަކުންތޯ އަހާފައެވެ. އޮފީހަށް މާޔަލް ދަނީ ކޮންއިރަކުންތޯއެވެ. އޮފީހަށް ދާގަޑީގައި ބައްދަލުވެދާނެތޯ އިވާން އެހިއެވެ. އެއިން އެއްވެސް މެސެޖަކަށް މާޔަލް ޖަވާބެއް ނުދެއެވެ.

* * * *

މާޔަލް އައިސް އައިރިކް އުޅޭ ބަޔަށް ވަނެވެ. އޭނާއާއި އައިތަން ވަދެގެން އައިތަން ފެނި އައިރިކްގެ ހާލު ރަނގަޅުނޫންކަން ބުނީ ފަޒްނާއެވެ. އަދި އޭނާ އެ އައީ ކާކޮޓަރިއަށް އަންނަން އައިރިކް ބޭނުންނުވެގެން އެ ބަޔަށް ސައިގެންގޮސްދީފައިކަން ވެސް ބުންޏެވެ. މާޔަލްއާއެކު ބޭބެއާ ހަމައަށް އައުމުގެ ޚިޔާލު އައިތަން ދޫކޮށްލީ އެހެންވެއެވެ. އައިރިކްގެ ޠަބީޢަތް ގޯހިއްޔާ ދެބަސްވުމެއް ހިނގަން ފުރުޞަތު ދޭން އައިތަން ބޭނުންނުވީއެވެ.

"ގުޑް މޯނިން." ސޯފާގައި އިން އައިރިކް ބުންޏެވެ. ހަމަ އެފަދައިން މާޔަލް ސަލާމްކުރިއެވެ. އޭނާއަށް ތަފާތު ކަމަކަށް ފާހަގަވީ އައިރިކްގެ ލޮލުގައި އަޅާލައިގެން އިން ކަޅުކުލައިގެ އަވިއައިނެވެ. އެހެންޏާ އައިރިކްގެ ލޯ ނިވާކޮށްފައެއް ނުހުރެއެވެ.

"ކިހިނެއް؟. ނުތެމި އާދެވުނުތަ؟." ވާރޭ ވެހޭކަން އެނގި އައިރިކް އަހާލިއެވެ.

"ކާރުގަ އައީ." މާޔަލް ބުންޏެވެ.

"އޮފްކޯޒް... އައިތަންއާއެކީގަ ކާރުގަ." ދަތްކުނޑިވިކާލި ފަދަ ވާންކަމެއް އައިރިކްގެ މޫނުން ފާޅުވެލުމާއެކު ބުނެލިއެވެ. އޭނާ ކުޑަކޮށް ވެސް ގަޔާނުވާކަން ބުނި ރާގުން ދޭހަވެއެވެ.

"ސައިބޯންވީނު. ކޮފީ ހަދަން." މާޔަލް އަހާލިއެވެ. އެއާއެކު އައިރިކް ހޫން ލައްވާލިއެވެ.

އެހެން ދުވަސްދުވަހާ ޚިލާފަށް މާޔަލް ބަސްމަދުކަން އައިރިކްއަށް ފާހަގަކުރެވުނެވެ. ނާސްތާކޮށް ނިމެންދެން އައިރިކް އަނގައިން ނުބުނީތީ މާޔަލް ވެސް ޚިޔާރުކުރީ ހިމޭންކަމެވެ. މަސައްކަތްތައް ފަށަން މާޔަލް އުޅުމުން އައިރިކް އެދުނީ މަޑުކޮށްލުމަށެވެ. ދެ މީހުން ތިބީ އެއް ސޯފާއެއްގެ ދެކޮޅުގައި ވިޔަސް އައިރިކް އިނީ ހިތްހަމަޖެހިފައެވެ. އޭނާއަށް މާޔަލްގެ ހިތްގައިމު ވަސް ދުވައެވެ.

"އަހަންނާއެކު ތަނަކަށް ދާންވެއްޖެ." އައިރިކް ބުންޏެވެ.

"ކޮންއިރަކު؟." މާޔަލް ބުންޏެވެ.

"ހީކުރީ ފުރަތަމަ އަހާނީ ދަނީ ކޮންތާކަށް ކަމަށް. މަޑުކޮށްލާ. ނުވައެއް ޖަހާއިރު ޑްރައިވަރު އަންނާނެ. ނުވަގަޑި ބަޔަށް ދާން އޮތީ. މާޔާ އަހަންނާއެކު އިނިއްޔާ އަހަރެންގެ ހާސްކަން ކުޑަވާނެ. ފަސޭހަވާނެ ހަމަޖެހެން." އައިރިކް ބުންޏެވެ. އެ ވާހަކައަށް ވެސް މާޔަލް ވަކި އެއްޗެއް ނުބުންޏެވެ. އެހެންވިޔަސް ދޭތެރެއަކުން އޭނާ އައިރިކްއަށް ބަލާލައެވެ.

އައިރިކް ތެދުވުމުން މާޔަލް ވެސް ކުއްލިއަކަށް ތެދުވިއެވެ. ޖެހިލީ އައިރިކްއާ ދުރަށެވެ. އައިރިކް ގޮސް ހުއްޓިލީ ބިއްދޮށަށް ނުކުމެވެން ހުރި ދޮރުމަތީއެވެ. ރަސްމީ އޮފީސް ހެދުމުގައި އޭނާ ހުރިއިރު ނުހަނު ފުރިހަމައެވެ. ވައަތް ފަރާތުން ދޮރުކަނީގައި އަރިއަކަށް ޖެހިލައިގެން ހުރެފައި މާޔާއަށް އައިރިކް ގޮވާލިއެވެ. ކައިރިއަށް އައުމަށް އައިރިކް އެދުމުން މާޔަލް އައިސް ދޮރުކައިރީ މަޑުކޮށްލިއެވެ.

"މިކަހަލަ ދުވަސް ދުވަހު ވާރެޔާ ތެމޭ ހިތެއް ނުވޭތަ؟." އައިރިކް އަހާލިއެވެ. މާޔަލްއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. އޭނާ ލޯބިކުރާ ކަމެއްގެ ވާހަކަ އައިރިކްއަށް ބުނަން އެނގުނީ ކިހިނެއްބާއެވެ. އިއްތިފާގެއްބާއޭ މާޔަލް ހިތަށް އެރިއެވެ. ހަމައެއާއެކު މާޔަލް ހަނދާންވީ އޭނާއަށް އައިރިކް ފެނުނު ފުރަތަމަ ދުވަހެވެ. ކާރުން ފައިބައިގެން ވާރޭގެ ތެރެއަށް އައިރިކް ނުކުތީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް އިންސާނެއް ފަދައިންނެވެ. ދުވެފައި އޭނާ ހުއްޓުވަން މާޔަލް އައީ ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްކުރުމަށެވެ. އެކި ޚިޔާލުތަކުގައި އެއްޗެއް ބުނަން ނޭނގިފައި މާޔަލް ހުއްޓާ އަނެއްކާ ވެސް އައިރިކް ވާހަކަދެއްކިއެވެ.

"އަހަރެން މާޔާއާ ބައިވެރިވާނަން. ތިހާ ލޯބި ކުއްޖެއް އެކަނިކޮށްލާކަށް ނުވާނެއެއްނު." މިހެން ބުނެލިއިރު އައިރިކްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ.

"ލޯބި... އަހަރެން ލޯބިކަން ކިހިނެއް އެނގެނީ. ޚުޝާމަދު ކުރަނީކީ ނޫންތަ؟." މާޔަލް ބުންޏެވެ. އެއާއެކު އައިރިކްގެ ހިނިތުންވުން ފުޅާވެލައިފިއެވެ.

"ލޯބި އެއީ ހުވަނދެއްފަދަ. އެ ހުވަނދުގެ ހިތްގައިމުކަމާއި މީރު ވަހަށް އިތުރު ތަޢާރަފަކަށް ބޭނުމެއްނުވޭ. ހިތްފުރިގެންދާ ފަދަ ހުވަނދަކަށް ނޭދޭނެ ހިތެއް ވޭތަ." އައިރިކް ތަންކޮޅެއް ބޮޑަށް އެނބުރިލީ މާޔަލް ހުރި ދިމާއަށެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލުމުން މާޔަލް އެއްފަރާތްވެލަން އުޅުނެވެ. ނަމަވެސް އައިރިކް އޭނާ ހިފަހައްޓައިފިއެވެ.

"އައި ހޭޓް ޕޮއެޓްރީ." ކުއްލިއަކަށް މާޔަލް ނުރުހުންތެރިކަން ދައްކާލިއެވެ. އެކަމަކު އޭނާ ހާމަކުރީ ހަޤީޤަތެއްނޫނެވެ. ޅެންބަހުރުވައާއި ފަށުވި ބަސްތަކުން ކުރާ ތާރީފު ތަކުގައި ހިތްތަޅުވާލާ ފަދަ ތަފާތު ޖާދޫއެއްވާކަން މާޔަލް ޤަބޫލުކުރެއެވެ.

"ނޯ ޔޫ ޑޯންޓް. މާޔާ..." އައިރިކްގެ ވާހަކަ މާޔަލް ހުއްޓުވިއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟." މާޔަލް އަހާލުމާއެކު އައިރިކް ހޫން ލައްވާލިއެވެ.

"ލޮލަށް ނުފެންނަނީ އެކްސިޑެންޓްގެ ފަހުގައޭ އައިތަން ބުނި." މާޔަލްގެ ވާހަކަ އެހިސާބަށް ދިޔަތަނާ އައިރިކް އޭނާ ދުރަށް ޖެހުނެވެ. ހީވީ އެ ވާހަކަދައްކަން ބޭނުންނުވީ ހެންނެވެ. މާޔަލްގެ ގަސްދަކަށްވީ އައިރިކްގެ ފުށުން އެކްސިޑެންޓް ހިނގާދިޔަ ގޮތް އޮޅުންފިލުވުމެވެ. އެ ވާހަކަ ނުދައްކަން އައިތަން ބުނެފައި އޮއްވާ ވެސް އޭނާ އެ އެއްބަސްވުމާ ޚިލާފުވީ އަމިއްލަ އެދުން ބޮޑުވެގެންނެވެ. އޭނާ ހަނދާންނެތިފައި ވިޔަސް އައިރިކް ހަނދާން އެބަހުރިކަން އެނގޭތީއެވެ. އެރޭ އެކަން ހިނގާދިޔަ ގޮތް ކިޔާދޭން އެންމެ ރަނގަޅަށް އެނގޭނީ ވެސް އައިރިކްއަށެވެ. ވާހަކަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ގޭތެރެއިން އެބަޔަށް ވަދެވެން ހުރި ދޮރުމަތިން ފިރިހެނަކު ސަލާމް ގޮވާލި އަޑު އިވުނެވެ. އައިރިކް ވަގުތުން ސަލާމް ބަލައިގަތެވެ. ދޮރުމަތީ ހުރި ބިދޭސީ މީހާ ކާރު ތައްޔާރުވެފައި އޮތްކަން އައިރިކް ގާތު ބުނެފައި ހިނގައްޖެއެވެ.

"ހިނގާ ދާން." އައިރިކް ބުނީ މާޔަލްއަށެވެ.

އައިރިކްއާ އެއްވަރަށް މާޔަލް އައެވެ. ބޮޑުކޮޓަރީގައި ހުރި މައިދޮރުން ބޭރަށް ނުކުމެފައި އައިރިކް ހުއްޓުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޕޯޓިކޯގެ ހަރުފަތްތައް ގިރާކޮށް ފައިބަން އޭނާ އެހުރީ ޖެހިލުންވެފައެވެ. އެކަން މާޔަލް ދެނެގަތެވެ. އޭނާ އައިރިކްގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލައްވާލިއެވެ. އެ އަތުގައި އައިރިކް ހިފާލީ ނިކަން އަވަހަށެވެ. ހަރުފަތްތަކުން އައިރިކް ފޭބިއިރު އޭނާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. އައިރިކްއަށް ރާސްތާ ކިޔާދެމުން ކާރާ ހަމައަށް މާޔަލް އައެވެ. ފަހަތު ދޮރުފަތް ހުޅުވާލައި އައިރިކްގެ އަތް ދޮރުފަތުގައި ޖެއްސުވިއެވެ. އެއާއެކު އޭނާ އަމިއްލައަށް ކާރަށް އަރައިފިއެވެ. އޭނާގެ ފަހަތުން މާޔަލް އަރައި ދޮރުފަތް ލައްޕާލިއެވެ. ހުޅުވިގެން ދިޔަ ގޭޓުން ނުކުންނަން ކާރު ފަހަތަށް ޖަހާލިއެވެ.

* * * * *

އިނާޔާގެ ހަޅޭކުގެ އަޑު އިމާރާތުގެ ހުރިހާ ފަންގިފިލާއަކަށް އިވޭހާ ވެއެވެ. ޖާބިރުއާ ގުޅިވައިގެން އެކަތި ބުނިއްޔާ އަނެއް ދޭތި ގެޔަށް އައިސް ހުރި ލިޔުޝާގެ ކޮއްކޮ ސުލްތާނާއާ ދިމާއަށް ގޮވާލައެވެ. ގޭގައި ޖާބިރެއް ނެތެވެ. އޭނާ ނުކުމެގެން ދިޔަތާ ތިން ވަނަ ދުވަހެވެ.

"މަންމާ. ތި އަނގަދެން ހުއްޓަންވެއްޖެއެއްނު. ހަޅޭލެވިޔޭ ކިޔާފަ ބައްޕަ އަންނާނެތަ؟." ބޮލަށް އުނދަގޫވެގެން ކޮޓަރީގައި އޮވެފައި އިރުފާ ނުކުތެވެ.

"ކަލޭމެންގެ ބަފާ ގަތްގަނޑު ފަޅާއެރީމާ އަހަރެން ވަރިކުރީ. އޭނާހާ ނުބައި ފިރިހެނެއް އަހަރެން ނުދެކެން. އޭނާއާއެކީ އަހަރެން ގަނަތެޅުނީ. އޭނާ މަށަށް ކޮއްދިނީ ކޮންކަމެއް. ޅަކުދީންނަށް ޚަރަދުކުރާންވެގެން އަހަރެން ދޫކޮށްލީ. ކުރީގަ އުޅުނީ ސިއްރުން. މިހާރު ލަދުހަޔާތް ނެތިގެން ފާޅުގައި އެހެން އުޅޭންވެގެން އެދިޔައީ."

"ބައްޕަ ދިޔައީމަ މަންމައަށް ރަނގަޅީނު. އެހާ ނުބައިމީހަކާއެކު ދެން އުޅޭކަށް ނުޖެހޭނެއެއްނު." އިރުފާ ބުންޏެވެ. އެއާއެކު އިނާޔާގެ ރުޅިގަނޑު އިތުރަށް ހުޅުފަޅައިގެން ދިޔައެވެ. އިރުފާއާ ދިމާއަށް އެއްޗެހި ގޮވައިގަތެވެ. އޭނާ އަޑު ނާހަންވެގެން ކޮޓަރިއަށް ވަންގޮތަށް ބަންލާފައި ދޮރު ޖަހައިފިއެވެ.

ގޭތެރޭގައި ރޯވަމުން ދާ އަލިފާންގަނޑުން ހޫނުކަމާއި ހިތްހަމަޖެހުން ހޯދަމުން ދިޔަ ފަރާތެއް އެ ގޭގެ ތެރޭގައި ހުރި ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޢާއިލާގެ މަސްލަހަތު މަޑުމަޑުން ގެއްލެމުން ދާއިރު އެކަމާމެދު ވިސްނާލާ އެކަކުވެސް ނެތެވެ. އިރުފާގެ ކައިވެނި ރޫޅި ދިރިއުޅުން ގެއްލުނީއެވެ. އެއަށްފަހު އިނާޔާގެ ޒަމާންވީ ކައިވެނި ރޫޅުނީއެވެ. ފިރިއެއްގެ ހިޔަލުން އޭނާ ބޭރުވީއެވެ. އެވަރުން ވެސް އިނާޔާ އެންމެ ކަންބޮޑުވީ ޖާބިރުގެ ފަރާތުން ޚަރަދު ނުލިބޭނެތީއެވެ. ތިން މަސް ވުމަށްފަހު އޭނާ އިނާޔާއަށް ލޯލާރިއެއް ވެސް ނުދޭނެކަން އޮތީ ބުނެފައެވެ. ގޭތެރޭގައި ހުންނަން ބޯހާސްވެގެން މައިރާ ދިޔައީ އޭނާގެ ގެއަށެވެ.

"ތުއްތާ. ޕްލީޒް ޓިކެޓު ނަގާ. އަހަރެން އެންމެ ހިނދުކޮޅަކަށް ވެސް ހުންނާނަކަށް ބޭނުމެއްނޫން. ތުއްތައަށް މިގޭގަ ކެތްކުރޭވޭކަން. މިހާރު ހިތަށް އަރާ މިގެއަށް ނާދެވުނުނަމައޭ. ދުވަހުކުއްޔަށްދޭ ތަނެއް ހިފައިގެން ހުރި ނަމަވެސް މިއަށްވުރެ ހިތަށް ފަސޭހަވާނެ. ކާއެތިކޮޅު ވެސް ދިރުނަ ނުދޭ އޭނަ." ސުލްތާނާ ބުންޏެވެ.

"މިއަދު ބޭބެ ކައިރީ ބުނިން. އަދި ނުގުޅާ." މާޔޫސްކަމާއެކު ލިޔުޝާ ބުނެލިއެވެ.

"އަވަސްކުރަން ބޭބެއަށް ހަނދާންކޮށްދީ." ސުލްތާނާއަށް ކެތްވަނީއެއް ނޫނެވެ. ވަގުތުން ވަގުތަށް ވެސް އޭނާ އެ އިނީ އެގެއިން ނުކުންނަން ބޭނުންވެފައެވެ. އެންމެ އަޖައިބުވަނީ އޭނާގެ ދައްތަ އެ ހުރިހާ ހަޅޭކަކަށް ކެތްކޮށްލައިގެން އިންނާތީއެވެ. އޭނާނަމަ މިހާރު އެ ގެއިން ނުކުންނާނެތާ ކިތަންމެ ދުވަހެކެވެ. ލިޔުޝާގެ ކައިރީ ހުންނަން ސުލްތާނާ އައި ފުރަތަމަ ފަހަރު އޭނާ މުޅީން އަވަދިކޮށްލައިފިއެވެ. ފޫހިވެގެން ވެސް ހަލާކުވެއްޖެއެވެ. ގެއެއްގެ ތެރެއިން އޭނާ ކުރީން އަޑުނާހާ ނުދެކޭ އެތައް މަންޒަރެއް އެ ގޭތެރެއިން އޭނާއަށް ފެނިއްޖެއެވެ. ނުވިތާކަށް އޭނާއަކީ އަލަށް އެގެއަށް އައިސް ހުރި މެހެމާނަކަށްވާއިރު އޭނާ ވެސް ދުލެއް ނުކުރިއެވެ. އޭނާގެ ބޮލުގައި އެޅުވި ތުހުމަތާއެކު އޭނާގެ ނަން ވެސް ހަޑިކޮށްފިއެވެ.

* * * * *

ކަލަންޑަރުގައި ހެޔޮ ފާހަގަ ޖަހާލިއިރު މަލަކްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެއްޖެއެވެ. އޭނާގެ އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. އޭރުން ދެން އޮތީ އޭނާގެ ހިތް ޚީޔާރުކުރާން ދޫކޮށްލުމެވެ. އެހެންވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ދައްޔާނުއާ އޮތް ގުޅުން މާބޮޑަށް ބަދަހިވެއްޖެކަން މަލަކްއަށް އިޙްސާސް ކުރެވެއެވެ. ދައްޔާނަށް ދެވޭ ޚާއްޞަކަން ވެސް އިތުރުވެއްޖެއެވެ. ޚިޔާލުކުރެވޭ ވަގުތު ވެސް ގިނަވެއްޖެއެވެ. އެނދުމަތިން ފޯނު ރިންގުވާން ފެށުމުން އަތުގައި އޮތް މާކަރުގެ ދޯރި ޖަހާލުމާއެކު މަލަކް އަވަހަށް އައިސް ފޯނު ނެގިއެވެ.

"ރެޑީ... ފައިބަންވީ ދޯ." ފޯނުކޯލު ނެގި ގޮތަށް މަލަކް ބުނެލިއެވެ. (ނުނިމޭ)