ރާއްޖެ ކުޅިވަރު

ގޭމްސްގައި ޕާކިސްތާން ބައިވެރިވާން އިންޑިޔާ އެދިއްޖެ

އަންނަ މަހު އިންޑިޔާގައި ފަށާ ސާކް ގައުމުތަކުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބައިވެރިވުމަށް އިންޑިޔާއިން އެދިއްޖެ އެވެ.

ސަރަހައްދުގެ ގަދަ ދެ ބާރުން ކުރެ އިންޑިޔާއިން މިކަމަށް އެދުނީ އެ ގައުމުގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސާކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާން ބައިވެރިވެފައިނުވާތީ އެވެ. ނަމަވެސް އެއީ ޕާކިސްތާނުގެ ފުޓްބޯޅް ފެޑަރޭޝަނުގެ މައްސަލަތަކަކާހުރެ އެވެ.

ގޭމްސްގައި ބައިވެރިވުމަށް އެދި ޕާކިސްތާން ސަރުކާރުގެ އެންމެ އިސްވެރިންނާ އިންޑިޔާގެ ވަފުދަކުން މިހާރު ވަނީ ބައްދަލުވެސްކޮށްފަ އެވެ. އަދި ޕާކިސްތާނުގެ އެތްލީޓުންނަށް ފުލް ސެކިއުރިޓީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ. އިންޑިޔާއިން ވަނީ ސަރަހައްދީ ކުޅިވަރުތަކުގައި އިންޑިޔާ އާއި ޕާކިސްތާން ބައިވެރިވުމުގެ މުހިންމު ކަމާމެދު ވެސް ޕާކިސްތާނާއެކު މަޝްވަރާކޮށްފައި ކަމަށް ދެ ގައުމުގެ މީޑިޔާތަކުން ބުނެ އެވެ.

ފެބްރުއަރީ 10 އިން 20 އަށް އިންޑިޔާގެ ޝިލޮންގާއި ގުވަހަތީގައި އޮންނަ ގޭމްސްގައި ސާކުގެ އަށް ގައުމުން ވެސް ބައިވެރިވާނެ އެވެ. އެއީ ރާއްޖެ އާއި ލަންކާ އަދި އިންޑިޔާ އާއި ޕާކިސްތާނާއި އަފްގާނިސްތާން އަދި ނޭޕާލާއި ބޫޓާންގެ އިތުރުން ބަނގްލަދޭޝް އެވެ.