އައްޑޫ ސިޓީގެ ހިތަދޫ ފަޅުތެރެއިން މިއަދު ސީލްއެއް ފެނިއްޖެ އެވެ.
ސީލް ފެނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
އައްޑޫގެ ބައެއް އަންމުންވެސް ސީލް ބަލާލުމަށް މިއަދު އެ ސަރަހައްދަށް ނިކުމެފައިވާއިރު ދޭތެރެދޭތެރެއިން ސީލް ދަނީ ގޮނޑުދޮށާ ކައިރިވަމުންނެވެ.
ސީލް އަކީ ރާއްޖޭގައި ދިރިއުޅޭ އެއްޗަކަށް ނުވާތީ އައްޑޫން ފެނުނު ސީލް އަކީ އޮޅިގެން އެ ސަރަހައްދަށް ވަދެގެން އުޅުނު އެއްޗެއް ކަމަށް ކަމާ ގުޅޭ ބައެއް ތަޖުރިބާކާރުން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި އާންމުކޮށް ދިރިނޫޅޭ ބައެއް ބާވަތުގެ ޖަނަވާރާއި ދޫނި ސޫފާސޫފި އެކި ގޮތްގޮތުން މީގެކުރިންވެސް ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ.