ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއިން 7460 ޓަނުގެ ހަކުރާއި 12،722 ޓަނުގެ ފުށް ގެންނަން ފަހިކޮށް ދީފި

އިންޑިއާއިން ދިވެހިރާއްޖެއަށް މެދުކެނޑުމެއްނެތި ނުވަ ޒަރޫރީ ބާވަތެއް އެކްސްޕޯޓް ކުރަން ފަހި ކޮށްދީފި އެވެ.

އިންޑިއާ ސަރުކާރުން ބުނީ ހަނޑުލާއި ހަކުރާއި ފުށާއި ފިޔާ އާއި ބިސް އަދި އަލުވި އަދި މުގުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ތަކެތި ފޯރުކޮށްދިނުމަށް ދެ ގައުމުގެ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން 7460 މެޓްރިކް ޓަނުގެ ހަކުރު އަދި 12،722 މެޓްރިކް ޓަނުގެ ފުއް އެކްސްޕޯޓް ކުރަން ފަހިކޮށްދީފައިވާ ކަމަަށެވެ.

ފާއިތުވި މޭ އަދި ޖޫން މަހުގައި އިންޑިއާ އިން ވަނީ ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ހަކުރު އަދި ފުށް އެކްސްޕޯޓް ކުރުން ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއާއިއެކު އޮންނަ ގާތްގުޅުމަށް ބިނާކޮށް އަދި މެދުނުކެނޑި ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ހާއްސަ ހުއްދައިގެ މަތިން މި ދެންނެވުނު އަދަދަށް އެތަކެތި ކުރިއަށް އޮތް 3 - 6 މަސްދުވަހުގެ ތެރޭގައި އިމްޕޯޓް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭނުންވާ އެކްސްޕޯޓް ކުރުމުގެ ހުއްދަތައް ވަނީ ހަމަޖެހިފައިއެވެ.

މިކަން މިގޮތައް ހަމަޖެހިގެން ގޮސްފައި ވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ދަތިކަމަކާ ނުލައި ފޯރުކޮށްދިނުމައްޓަކައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ދޫކޮށްފައިވާ ހާއްސަ ކޯޓާގެ ދަށުންނެވެ. އެގޮތުން އިންޑިއާއިން ވަނީ ޖުލައި 2021 ގައި މި ނުވަ ބާވަތް އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށް އެ ހުއްދަ 2024 ވަނަ އަހަރާއި ހަމައަށް ވަަނީ އާ ކޮށްދީފައެވެ. މީގެ އިތުރުން ދޫކޮށްފައިވާ މި ހުއްދައިގެ ސަބަބުން އިންޑިއާ އިން މިހާރު ކަނޑައަޅާފައިވާ ނުވަތަ ކުރިއަށް އޮތްތަނުގައި ކަނޑައަޅާ އެކްސްޕޯޓް ކުރުމުގެ ގަވައިދަށް ގެންނަ އެންމެހައި ބަދަލުތަކަކުން އިސްތިސްނާ ވާނެ އެވެ.

އިންޑިއާއިން ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއެވެ. މިގޮތުން މިފަދަ ކަށަވަރު ކަމެއް ފޯރުކޮށްދީފައިވާ ކޯޓާއެއް ހަމަޖައްސައިދީފައި ވުމަކީ ދެ ގައުމުގެ ގުޅުމުގެ ތެރެއިންވާ ހާއްސަ އެއް ކަމެވެ.