ބޮލީވުޑް

ދަރިފުޅު ނީސާ ފިލްމުކުޅުނަސް ނުކުޅުނަސް ކާޖޮލްގެ މައްސަލައެއް ނެތް

ކާޖޮލް އާއި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ބޮޑުވެ ފުރާ ފުރިހަމަ ވެއްޖެ އެވެ. އަދި އޭނާ ފިލްމު ކުޅެން ނުފެށިޔަސް ސޯޝަލް މީޑިއާގައި ވަރަށް ހިނގާ ތަރިއަކަށް ނީސާ ވަނީ ވެފަ އެވެ.

ނީސާގެ އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓްކޮށް އިނަސް އޭގައި އޭނާ ޕޯސްޓްކުރާ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އެކުވެރިން ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ގެންދެ އެވެ.

ދާދިފަހުން ކާޖޮލް ދީފައިވާ އިންޓަވިއު އެއްގައި ނީސާ ބޮލީވުޑަށް ނުކުތުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. ކާޖޮލް ބުނި ގޮތުގައި އޭނާގެ ދަރިން ކޮންމެ ކަމެއް ކުރަން ބޭނުންވިޔަސް އެ ކަމަކަށް އޭނާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ އެވެ.

"އަހަރެންގެ ދަރިން ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އެކުދިންނަށް އޮންނާނެ. އެ ކަމަކުން އެ ކުދިންނަށް އުފާ ލިބެންޏާ އެ ނިމުނީ،" ކާޖޮލް ބުންޏެވެ.

ކާޖޮލް އިތުރަށް ބުނި ގޮތުގައި ރަނގަޅު މަންމައިން އެމީހުންގެ ދަރިން ކޮންމެހެން ފިލްމު އިންޑަސްޓްރީއަށް ވައްދާކަށް ނޫޅޭނެ އެވެ. އެކުދިން ކުރަން ބޭނުންކަމެއް ކުރުމަށް ދޫކޮށްލާނެ އެވެ.

"އަހަންނަށް ހީވަނީ ނީސާ އަށް އަމިއްލައަށް ކަންކަން ނިންމޭނެހެން މިހާރު. އަހަރެން ކޮންމެހެން އޭނާ ފިލްމު އިންޑަސްޓްރީއަށް ވައްދާކަށް މަސައްކަތެއް ނުކުރަން. އަދި އެ އިންޑަސްޓްރީ އާ ދުރަށް ލާކަށް ވެސް ވަކި މަސައްކަތެއް ނުކުރަން. އެ ނިންމުން ނިންމާނީ ނީސާ. އޭނާއަކީ މިހާރު 18 އަހަރު ފުރިފައި ހުރި ޒުވާން އަންހެނެއް،" ކާޖޮލް ބުންޏޭވެ.