ދުނިޔެ

ގޮވާން ބޯޓުތައް މިއަދު ޔުކްރޭނުން ފުރާނެ: އުތުދުޣާންގެ ތަރުޖަމާން

ޔުކްރޭނުން ގޮވާން ބޭރުކުރަން ކުރެވޭ މަސައްކަތްތައް ހަލުއިކަމާ އެކު ދަނީ ކުރިއަށެވެ. އޮފިޝަލުން ބުނާ ގޮތުން އިސްތަމްބޫލްގައި އދ. އާއި ތުރުކީ ހެކިކޮށް ރަޝިއާ، ޔުކްރޭން އެއްބަސްވި ގޮތަށް ހުރިހާ ކަމެއް ވެސް އޮތީ ހެޔޮ ފާލުގަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ތަރުޖަމާން އިބްރާހީމް ކަލީން ވިދާޅުވި ގޮތުގައި މަސްރަހު އޮތް ގޮތުން ގޮވާން ބޯޓުތަކުގެ ދަތުރުތައް މިއަދު ފެށޭވަރު ވާނެ އެވެ. އޭނާ ވިދާޅުވީ އިތުރު އެހެން ކަމެއް ލައިގަތް ނަމަވެސް، އެންމެ ލަސްވެގެން ވެސް ދަތުރުތައް މާދަމާ ފެށޭނެ އެވެ.

ކަލީން ރޮއިޓާސްއަށް ވިދާޅުވި ގޮތުން އުންމީދަކީ ވީހާވެސް އަހަވަކަށް ބޯޓުތައް ފުރުވާލުމެވެ. އޭނާ ވިދާޅުވީ ގޮވާން ބޯޓުތައް ކަޅުކަނޑަށް ނުކުމެ ދަތުރަށް ފެށުމުން އާންމުންނަށް އެ މަންޒަރު ފެންނާނެ ކަމަށެވެ.

ގޮވާން ބޭރުކުރަން ފެށުމުން ކޮންމެ ދުވަހަކުހެން ބޯޓުތައް ދަތުރަށް ނުކުންނާނެ ކަމަށް ކަލީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ބުރަ މަސައްކަތް ކުރަން ޖެހެނީ ފުރަތަ ޝިޕްމަންޓް ފުރުވާލުމަށެވެ.

ބޯޓުތައް ދަތުރުކުރާނެ މަގަކާއި ފުރަތަމަ ބަނދަރުކުރާ ގައުމު ފަދަ އަސާސީ ބައެއް މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ކަލީން ވިދާޅުވީ ޔުކްރޭނާއި ތުރުކީން އެ މަޝްވަރާ މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ގޮވާން ބޭރުކުރުން އޮތީ ބިރުވެރި ކަމަކަށް ވެފަ އެވެ. ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާން ބޭރުކުރާ ދެ ގައުމު -- ރަޝިއާ އާއި ޔުކްރޭން އޮތީ ހަނގުރާމާގައި ފިތިފަ އެވެ.

ޔުކްރޭން ބުނާ ގޮތުން ރަޝިއާގެ ހަމަލާތަކާ ހެދި ޔުކްރޭން އޮތީ ގޮވާން ބޭރުކުރަން ނުކުޅެދިފަ އެވެ. އެކަމަކު ރަޝިއާ ބުނަނީ ޔުކްރޭން މުދާ އުފުލާ ބޯޓުތަކަށް އޮތް ބިރުވެރި ކަމަކީ ޔުކްރޭން ސިފައިން ބަނދަރުތަކުގައި ހަރުކޮށްފައި ހުރި މައިންތައް ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ބައިނަލްއަގްވާމީ ބާޒާރަށް މުދާބަރުކޮށްގެން ދަތުރުކުރާ ބޯޓަކަށް ހަމަލާއެއް ނުދޭނެ އެވެ. އެކަމަކު އޭގެ ފައިދާ ނަގައި މުދާ ބޯޓުތަކުން ހަތިޔާރު ސަޕްލައިކޮށްގެން ނުވާނެ އެވެ.