ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފަައިވާ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ޗެކަކާ ގުޅުން ހުރި ލިޔުމުގައިވާ އަތުލިޔުމާއި ސޮއިގެ ސައްހަކަން ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ މި މައްސަލައިގައި ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެކެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މި ހެކިވެރިޔާ ތަހުލީލުކޮށްފައި ވަނީ ޗެކެއް ޖަމާކުއިރު ޔާމީންގެ އަތު ލިޔުމުން ލިޔެފައިވާ ލިޔުމަކާއި ސޮޔެކެވެ. 2015 ވަނަ އަހަރުގެ އެ ލިޔުމުގައި ވަނީ "ޓުވާޑްސް މައި ޕޮލިޓިކަލް ކެމްޕޭން" މިހެންނެވެ.
އޭނާ ބުނި ގޮތުގައި މި އެ ލިޔުންކޮޅާއި ސޮއިގެ ސައްހަކަން ކަށަވަރު ކުރުމަށް ގާތް ތާރީހެއްގައި ލިޔެފައިވާ ލިޔުންތަކާއި ސޮޔާ އަޅާކީއިރު އެއީ ނަމޫނާ ލިޔުންތަކާ ދިމާވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް ޕްރޮސެސް ކުރިއަށް ދިޔަ ގޮތާއި ގުޅޭ ގޮތުން ހެކިވެރިޔާ އާއި ވަނީ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. ޔާމީންގެ ފަރާތުން ވަނީ މި ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގައި 2026 ވަނަ އަހަރުގެ ތާރީހެއް ލިޔެފައި އޮތުމުން އެކަން ފާހަގަކޮށްފަ އެވެ.
އެކަމަކު ހެކިވެރިޔާ ބުނެފައި ވަނީ މި ތަހުލީލު ހަދަން ލިޔުންތައް ގެނައީ ހުރިހާ އިޖުރާއަތްތައް ފުރިހަމަކޮށްގެންނެވެ. އެ ކުށް އެހެން އޮތް ނަމަވެސް ހޯދިފައިވާ ނަތީޖާއަށް އެއްވެސް އަސަރެއް ނާންނާނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހަށް މިއަދު ހާޒިރުކޮށްފައި ވަނީ އެންމެ ހެކިވެރިޔެކެވެ. އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.