އައިޖީއެމްއެޗް

ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ދެ ކުއްޖަކަށް ފަރުވާ ދެނީ

Aug 1, 2022

ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ދެ ކުއްޖަކަށް ފަރުވާ ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުން މިކަން ޔަގީންކޮށްދިން ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާ ދެމުންދާ ދެ ކުދިންގެ ހާލުވެސް މިހާރު އެހާ ގޯހެއް ނޫނެވެ.

ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ކުޑަ ކުއްޖަކު މީގެދުވަސްކޮޅެއް ކުރިން މަރުވެފައިވެ އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާ ދުވަސްވަރަކަށް ވާތީ މަދިރި އާލާވެ މަދިރިން ޖެހޭ ބަލިތައް އިތުރުވާނެތީވެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި އާންމު ސާފުތާހިރު ކަމަށް އިސްކަން ދިނުމަށްވެސް އެދިފައިވެ އެވެ.

އާންމު ރޯގާ ތަކުގެ ތެރޭގައި ހިމެނޭ ބޭރަށް ހިންގުމާއި، ޑެންގީ އާއި ވައިރަލް ހުން މިދުވަސްވަރު އިތުރުވެފައިވާ ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.