އެސްޕަނިޔޯލްގެ ކުޅުންތެރިންނަށް ބިރު ދައްކާފައިވާތީވެ ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.
ސްޕެނިޝް ކަޕުގައި އެސްޕަނިޔޯލް އަތުން 4-1 އިން ބާސެލޯނާ މޮޅުވި މެޗަށް ފަހު ސުއަރޭޒް ވަނީ އެސްޕަނިޔޯލްގެ ދެ ކުޅުންތެރިއަކާ ޓަނަލް ތެރެއިން ދިމާކޮށްލައިފަ އެވެ. އެއީ މެޗުގައި އޭނާއަށް ނަސްލީ ގޮތުން ދިމާކުރުމާ ގުޅިގެންނެވެ. ސުއަރޭޒް ވަނީ މި ދެ ކުޅުންތެރިން އަންނަދެން ޓަނަލްގައި މަޑުކޮށްފަ އެވެ. އަދި ފަހުން ދެ ކުޅުންތެރިންނާ ދިމާކޮށް ހުތުރު ބަހުން މުހާތަބުކޮށްފައިވާ ކަމަށް މެޗުގެ ރެފްރީގެ ރިޕޯޓްގައިވެ އެވެ.
އޭނާ ސަސްޕެންޑްކޮށްފައިވަނީ މި މުބާރާތުގެ ދެ މެޗަށެވެ. އެހެންވެ އޭނާ އަށް ގެއްލޭނީ އެސްޕަނިޔޯލްއާއެކު ބުދަ ދުވަހުގެ ރޭ ކުޅޭ މެޗާއި ދެން އޮތް ބުރަށް ބާސެލޯނާ ބުރަށްގޮސްފިނަމަ ފުރަތަމަ ލެގުގެ މެޗެވެ.
މި މައްސަލަ ބާސެލޯނާއިން ވަނީ އިސްތިއުނާފު ކުރަން ނިންމާފަ އެވެ. އެއީ ރެފްރީގެ ރިޕޯޓްގައިވާ ފަދަ އަމަލެއް ކުރި ކަމަށް ސުއަރޭޒް ދެކޮޅު ހަދާތީ އެވެ.