މޫސުމަށް އަންނަ ބަދަލުތަކަކީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް މިއަދު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވި އެވެ. މިގޮތުން އިނގިރޭސިވިލާތައް ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ މައްސަލަ އާއި އެމެރިކާއަށް ދިމާވަމުން އަންނަ ހޫނު ގަދަވުމުގެ މައްސަލައިގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ހިއްސާކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރަށް ގޯސްވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިކޮންފަރެންސްގެ މުހިއްމުކަމާ ގުޅޭ ގޮތުން ނައިބް ރައީސް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ. އެކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށާއި މި ފޯރަމްގައި ތަޖުރިބާތައް ހިއްސާކުރެވި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މިފޯރަމް ބާއްވަނީ، އެމެރިކާ ސަރުކާރާއި އިންޑޯ ޕެސިފިކް ކޮމާންޑުން ގުޅިގެނެވެ. މިއީ ކޯވިޑް 19އަށް ފަހުގައި އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް ބާއްވާ ފުރަތަމަ ފަހަރެވެ.
އިންޑޯ-ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމަކީ 2011 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް ސްޓޭޓްސް އިންޑޯ-ޕެސިފިކް ކޮމާންޑުން ބާއްވަމުން އަންނަ ފޯރަމެކެވެ.