މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދޭން ފަށައިފި އެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވެދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ ފޯމު ފުރުމުގައި ދަތި ތަކާއި ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވެދީ އެކަން ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
ފޯމު އެހީތެރިވުމުގެ ގޮތުން މޭޒުތައް ބަހައްޓާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައި -- ތައިސޭކޮށީގައި އާއި ކައުންސިލުގެ މާފަންނު އޮފީހުގަ އެވެ.
މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26އަށް މި ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00އާ ދެމެދު އަދި ރޭގަނޑު 08:00 އިން 10:00އާ ހަމައަށް ފޯމު ފުރުމާ ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތި ތަކަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.
މިސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން މިފަހަރު ހުޅުވާލާފައިވަނީ ހުޅުމާލެ އިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯއްޗަށެވެ. މިބުރު 4،000 ފްލެޓް ދޫކުރަން ނިންމާފައިވަނީ ހަމައެކަނި ހުޅުމާލެ އިންނެވެ.
ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ގިރާވަރު ފަޅު ހިއްކައިގެންވެސް މާލޭގެ ރައްޔިތުންނަށް 2،000 ގޯތި ދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފަ އެވެ. ނަމަވެސް ގިރާވަރު ފަޅު ހިއްކުމަށްޓަކައި ސަރުކާރުގެ ތެރެއިން އަދި އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ އަންނަ އަހަރު ތެރޭ 3،000 ގޯތި ލިބޭ މީހުން ފައިނަލް ކުރެވި އެ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ ކަމަށެވެ.