ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 10 މުވައްޒިފަކު އިންޑިއާއަށް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒިފުން މިހެނޭ ވަފްދެއް އިންޑިއާގެ ނިއުދިއްލީއަށް ފުރައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ބުނީ މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ގާ ނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ މައުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެެއް ކަމަަށެވެ. މި ދަތުރުގައި ބައިވެރިވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ ޕާލަމެންޓަރީ ސާވިސްގެ 10 މުވައްޒިފުންނެވެ. އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ހިމެނެއެވެ.

މިއަދުން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކޮށް މަސައްކަތް ކުރާ ގޮތް ބައްލާލުމަަށް ވަނީ ހަމަޖެހިފައެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ މިފަދަ ދެ ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ދިޔައީ 2020 ވަނަ އަހަރުގައެވެ.