އެޗްޑީސީ

ހިޔާ ޓަވަރެއްގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި

Aug 1, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އެޗްޑީސީން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ސަރަހައްދުގައި އެޗްޑީސީގެ އޮފީހެއް ފުރަތަމަ ފަހަރަށް ހުޅުވައިިފި އެވެ.

ހިޔާ ޓަވަރުތަކުގެ ތެރެއިން 11 ވަނަ ޓަވަރުގެ އެންމެ ތިރީގައި ގާއިމުކޮށްފައި އޮފީސް ހުޅުވާފައި ހުންނަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ހިޔާ ޓަވަރުގައި ހުރި އެޗްޑީސީގެ މެނޭޖުމަންޓް އޮފީހުން ހިޔާ ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވައިދިނުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުމާއި އަދި އެޗްޑީސީގެ ހިދުމަތްތައް ހޯދާނެ ގޮތްތައް އޮޅުންފިލުވައިދޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

އެޗްޑީސީގެ މެނޭޖުމަންޓް އޮފީހުން ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުމަށް ނިންމާފައިވަނީ އޮންލައިންކޮށް ބޭންކް ކާޑެއް މެދުވެރިކޮށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއުގެ ދަށުން ހަދާފައިވާ 7،000 ފްލެޓްގެ ތެރެއިން މީހުން ދިރިއުޅުމަށް މިސަރުކާރުން ދޫކުރީ 6،720 ފްލެޓެވެ. ބާކީ ހުރި ފްލެޓްތައް އެޗްޑީސީއަށް ނެގުމަށްފަހު އެ ކުންފުނިން ގެންދަނީ އެ ތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ކުއްޔަށް ދެމުންނެވެ.

ހިޔާގެ 5،000 އަށް ވުރެ ގިނަ ފްލެޓްގައި އާންމުން ދިރިއުޅެމުންދާއިރު އެތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިސާބުގަ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީ އަށް 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ސީސީޓީވީ ކެމަރާ ހަރުކޮށް އަދި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވެސް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.