ރަޝިއާ އިން ޖަހައިގެންފައި ހުރި ޔުކްރޭންގެ ނިއުކްލިއާ ޕަވާ ޕްލާންޓްތައް އަސްކަރީ މަރުކަޒުތަކެއް ގޮތަށް ރަޝިއާ ބޭނުންކުރާ ކަމަށް ޔުކްރޭނުން އޮތި ތުހުމަތުކޮށްފަ އެވެ.
ރަޝިއާއިން މި ތުހުމަތު ދޮގުކޮށް ބުނީ ޔުކްރޭނުން ހަދަނީ ދޮގު ކަމަށާއި ނިއުކްލިއާ ޕަވާ ޕްލާންޓައް ހިމާޔަތުގައި ހުރި ކަމަށެވެ.
ޔުކްރޭނުން ބުނާ ގޮތުން ނިއުކްލިއާ ޕަވާ ޕްލާންޓައް ހިސޯރުކޮށްގެން ތިބި ރަޝިއާ ސިފައިން ޕްލާންޓްތައް ބޭނުންކުރަނީ ނިވައިފަތްގަޑެއް ގޮތުގައި ކަމަށެވެ. އެއީ ޔުކްރޭނުން ރައްދު ހަމަލާ ނިއުކްލިއާ ޕްލާންޓްތަކަށް ނުދޭނެކަން އެނގޭތީ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އެނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ޒަޕޮރިޒްކާ ނިއުކްލިއާ ޕްލާންޓްގައި މިހާރު ވެސް ރަޝިއާ ސިފައިން އެބަ ތިއްބެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އަދި އެމެރިކާއަށް ވެސް ސައްހަ މައުލޫމާތު ލިބިފައި ނެތެވެ. އެހެންކަމުން ވާހަކަ ދައްކަނީ ހީވާ ގޮތެއްގެ މައްޗަށް ކަމަށެވެ.
އެމެރިކާ ބުނާ ގޮތުން ނިއުކްލިއާ ޕަވާ ޕްލާންޓްތައް ނިވައިފަތްގަނޑަކަށް ހެދުމަކީ ހާލަތާ ނުބައްދަލު އަދި އެއީ ބޮޑު ގޯހެކެވެ.
ޔުކްރޭނަށް ރައްދު ދެމުން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ނިއުކްލިއާ ޕަވާ ޕްލާންޓް ގާޑުކޮށް މަރުކަޒުތައް ބެލެހެއްޓުމަށް ސިފައިން ތިބޭ ކަމަށާއި ނާޖައިޒު ފައިދާއެއް ނުނަގާނެ ކަމަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނުން އެ މީހުންގެ އަމިއްލަ ބިނާތަކަށް ހަމަލާދީފައި ރަޝިއާ ބޮލުގައި އަޅުވަ އެވެ. އަދި ޓީވީން އެ މަންޒަރު ދައްކައި ރަޝިއާގެ ހަމަލާތަކުން ލިބޭ ގެއްލުން ކަމަށް މަންޒަރު ކުރެ އެވެ.
އޭގެ މިސާލެއް ގޮތުގައި ރަޝިއާ ދެއްކީ ދޮންބާސް ސަހައްދުގައި ހުންނަ ހަނގުރާމައިގެ ކުށްވެެރިން ބައިތިއްބާ މަރުކަޒަށް ޔުކްރޭނުން ދިން ހަމަލާ އެވެ.
ޔުކްރޭނުން ބުނީ ހަމަލާދިނީ ރަޝިއާ އިން ކަމަށެވެ. އެކަމަކު ރަޝިއާ ބުނި ގޮތުން ހަމަލާދިނީ ޔުކްރޭނުންނެވެ. ހަމަލާދީފައި ވަނީ އެމެރިކާއިން ސަޕްލައި ކުރި "ހައިމާސް" މިސައިލް ސިސްޓަމް ބޭނުންކޮށްގެން ކަމަށްވެސް ރަޝިއާ ބުނެ އެވެ.
ރަޝިއާ މިހާރު އޮތީ އދ. އަށާއި ރެޑް ކްރޮސް އަދި ބައިނަލްއަގްވާމީ އިދާރާތަކަށް މަންޒަރު ބަލަން ދިއުމަށް ދައުވަތު ދީފަ އެވެ.