ވިޔަފާރި

ދުނިޔޭގެ އެންމެ ހިތްގައިމު 10 ރެސްޓޯރެންޓް އެނގޭ ތަ؟

  • އެންމެ ހިތްގައިމު ރެސްޓޯރެންޓުގެ ހުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
  • ބައެއް ރެސްޓޯރެންޓުތައް ވަަރަށް ތަފާތު

ރެސްޓޯރެންޓުތައް ބައެއް ފަހަރު މަޝްހޫރު ވަނީ ކެއުންތައް މީރު ވެގެންނެއް ނޫނެވެ. ނުވަތަ ހިދުމަތް ރަނގަޅު ވެގެން ނެއްވެސް ނޫނެވެ. ބައެއް ފަހަރު ރެސްޓޯރެންޓު މަޝްހޫރު ވުމުގައި އެތަން ހުންނަ ލޮކޭޝަންވެސް މުހިންމު ބައެއް އަދާކުރެ އެވެ. ނަމަވެސް މި ހުރިހާ ކަމަކަށް މީރުކަން ގެނެސް ދެނީ އެ ތަންތަނުން ލިބެން ހުންނަ ކާ ތަކެއްޗެވެ. ތިރީގައި އެވަނީ ނިއުޒިލޭންޑުގެ ސްޓަފް ޑޮޓް އެންޒެޑް އިން ހޮވާފައިވާ ދުނިޔޭގެ އެންމެ ހިތްގައިމު 10 ރެސްޓޯރެންޓެވެ.

ޒަމްޒިބާރު: ރޮކް ރެސްޓޯރެންޓެއް

މި ރެސްޓޯރެންޓަކީ ދުނިޔޭގެ ފެންވަރުގައި ވެސް "ފާހަގަ ކުރެވޭ" ތަނެނެވެ. ނަމަވެސް މިތަން ހާއްސަަވަނީ ބޮޑު ވެގެން އެކަޏެއް ނޫނެވެ. މި ރެސްޓޯރެންޓް ހަދާފައިވަނީ އާނުގަނޑެެއްގެ މަތީގަ އެވެ. ކުޑަ ނަމަވެސް ހިތްގައިމު މި ރެސްޓޯރެންޓުގައި ސީފުޑަށް ހާއްސަ މެނޫތައް ހުންނައިރު، މިތަނުގައި ތިބެވޭނީ އެންމެ 12 މީހުންނަށެވެ.

ބާލީ: ކިސިކް ރެސްޓޯރެންޓް

އިންޑޮނޭޝިޔާގެ ބާލީގައި "އަޔާނާ ރިސޯޓް ރެސްޓޯރެންޓް" މޫދު ފެންނަ ގޮތަށް ހިތްގައިމު މަންޒަރުތައް ފެންނާނެ ހެން ފަރުމާކޮށްފައިވާ މި ފުރިހަމަ ރެސްޓޯރެންޓު މަޝްހޫރުވެފައިވަނީ ސަން ސެޓް ރެސްޓޯރެންޓެއްގެ ގޮތުގަ އެވެ. މި ރެސްޓޯރެންޓު ހާއްސަވެފައިވަނީ ސީފުޑަށް ހާއްސަ ތަނަކަށެވެ.

ތައިލެންޑް: ސޮނޭވާ ކިރީ

ރާއްޖޭގައި ރިސޯޓް ހިންގަމުން ގެންދާ ސޮނޭވާ ގްރޫޕުން ތައިލެންޑުގައި ހިންގާ ރިސޯޓުގައި ހުރި މި ރެސްޓޯރެންޓަކީ ދުނިޔޭގެ އެންމެ ރީތި އެއް ތަނެވެ. މިތަނުގެ ހާއްސަ ކަމަކީ ރެސްޓޯރެންޓު ފަރުމާކޮށްފައިވާ ގޮތެވެ. "ސޮނޭވާ ކިރީ ރިސޯޓް" ގެ މި ރެސްޓޯރެންޓު ހަދާފައިވަނީ ގަހުގެ މަތީގަ އެވެ. ކުޑަކުދިން ހިތް ދަމައިގަންނަ ގޮތަށް ފަރުމާކޮށްފައިވާ މިތަނުގައި ހާއްސަ ގިނަ ކެއުންތައް ހުރެ އެވެ.

ދިވެހިރާއްޖެ: އަނަންތާރަ ކިހަވަށް ވިލާ

އަނަންތާރާ ގްރޫޕުން ރާއްޖޭގައި ހިންގަމުން ގެންދާ "އަނަންތާރާ ކިހަވަށް" ވިލާ ރެސްޓޯރެންޓަކީ ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ތަނެކެވެ. މޫދު އަޑީގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތައް ހަދާފައިވާ މި ރެސްޓޯރެންޓުގައި ޗައިނީސް ސްޓައިލް ގިނަ ކެއުންތަކެއް ހިމަނާފައި ހުރެ އެވެ.

ފްރާންސް: ޗާމޯނިކްސް ރެސްޓޯރެންޓް

ފްރާންސުގެ ފަރުބަދަ މަތީ ރަށެއްގައި ހަދާފައިވާ މި ފުރިހަމަ ރެސްޓޯރެންޓު ހުންނަނީ އެ ގައުމުގެ މަޝްހޫރު ސްކައި ރިސޯޓެއްގަ އެވެ. ސްނޯ ފައިބާ ފިނި މި ރެސްޓޯރެންޓު ހަދާފައި ހުންނަނީ 2،500 މީޓަރު އުހުގަ އެވެ.

ތައިލެންޑް: ރަވާދީ ރިސޯޓުގެ ރެސްޓޯރެންޓް

މިފަހަރު އަނެއްކާވެސް ތައިލެންޑުގެ ރެސްޓޯރެންޓެކެވެ. ތައިލެންޑުގައި ހުންނަ މި ހިތްގައިމު ރެސްޓޯރެންޓް ހާއްސަ ވަނީ މިތަން ހުންނަ ތަނުގެ ސަބަބުންނެވެ. މި ރެސްޓޯރެންޓު ހުންނަނީ ކޯރެއް ފެންނަ ގޮތައް ފަރުބަދައެއްގެ އެތެރޭގަ އެވެ. ގުދުރަތީ އަލިކަން ލިބޭ ގޮތައް ހުންނަ ރަވާދީ ކަރާބި ރެސްޓޯރެންޓް ހާއްސަ ވަނީ މިގެން ވެގެންނެވެ.

ޗައިނާ: ފެންގް ވިންގް ރެސްޓޯރެންޓް

އުސް ފަރުބަދަ އެއްގެ އަރިމަތީގައި ހަދާފައިވާ މި ރެސްޓޯރެންޓު ވެސް ވަރަށް ހާއްސަ އެވެ. މި ރެސްޓޯރެންޓުގެ ކެއުމަކަށް ދާންނަމަ 30 މީޓަރު މައްޗަށް އަރަން ޖެހެ އެވެ. އެގޮތުން މިތަނުގައި ތިބޭއިރު ގުދުރަތީ ހިތްގައިމު މަންޒަރުތައް ފެންނާނެ އެވެ.

ބޮޓްސުވާނާ: ބެނީސް ރެސްޓޯރެންޓް

ބޮޓްސުވާނާގައި ހުންނަ ބެނީސް ރެސްޓޯރެންޓުގެ ވަށައިގެން އޮންނާނީ ވިނަ ދަނޑެވެ. މިތަން ފަރުމާކޮށްފައިވަނީ ލޯބި ވެރިންނާއި ޖޯޑުތައް އައިސް ހިތް އުފާކޮށްލާނެ މާހައުލެއް ހިމެނޭ ގޮތަށެވެ.

އިންޑިޔާ: އާގަރާ ސަންޔާ ރެސްޓޯރެންޓް

އިންޑިޔާގެ އެންމެ މަޝްހޫރު އެއް ސަހަރު ކަމަށްވާ އާގަރާގައި ހުންނަ މިތަން މަޝްހޫރު ވަނީ ރެސްޓޯރެންޓުގައި ތިބޭއިރު ފަހަތުން ފެންނަ މަންޒަރުންނެވެ. މި ރެސްޓޯރެންޓުގައި ކެއުމަށް އިންސާފު ކުރަމުން ދާއިރު ފަހަރުން ފެންނާނީ ލޯބިވެރިންގެ ރަމްޒެއްގެ ގޮތުގައި ބަލާ ތާޖު މަހަލް އެވެ.

އޮސްޓްރޭލިޔާ: އަކުއޭ ރެސްޓޯރެންޓް

އޮސްޓްރޭލިޔާގެ، ސިޑްނީގައި ހުންނަ އަކުއޭ ރެސްޓޯރެންޓުވެސް މަޝްހޫރު ވަނީ މިތަނަށް ވަނުމުން ފަހަތުން ފެންނަ މަންޒަރުންނެވެ. މި ރެސްޓޯރެންޓުގައި ތިބޭއިރު ފަހަރުން ފެންނާނީ މަޝްހޫރު އޮޕެރާ ހައުސް އާއި ހާބަރު ބްރިޖެވެ.