އެމްޓީސީސީ

ދެވަނަ ކުއާޓަރުގައި 115 މަޝްރޫއު އެމްޓީސީސީން ކުރިއަށް ގެންދިޔަ

Aug 2, 2022

އެމްޓީސީސީން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި 115 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފި އެވެ.

މިމައުލޫމާތު ހާމަކޮށްފައިވަނީ މިހާރު އާންމުކޮށްފައިވާ އެމްޓީސީސީގެ މިއަހަރުގެ ދެވަނަ ކުއާޓާރުގެ މާލީ ރިޕޯޓްގަ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓާރުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ 115 މަޝްރޫއަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ ބަލާއިރު ހަތް މަޝްރޫއު އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވަނީ 108 މަޝްރޫއުގެ މަސައްކަތެވެ.

ދެވަނަ ކުއާޓަރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމުގެ 42 މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 25 މަޝްރޫއާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 11 މަޝްރޫއަކާއި، އިމާރާތްތަކެއް އެޅުމުގެ 8 މަޝްރޫއާއި، މަގު ހެދުމުގެ ހަތް މަޝްރޫއާއި، ބަނދަރުތައް ތަރައްގީކުރުމުގެ ހަތަރު މަޝްރޫއާއި، ބްރިޖާއި ކޯޒްވޭ ހެދުމުގެ ތިން މަޝްރޫއާއި، އެއާޕޯޓް ތަރައްގީކުރުމުގެ ތިން މަޝްރޫއުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއަކާއި ޖެޓީ ހެދުމުގެ މަޝްރޫއެއްވެސް ހިމެނެ އެވެ.

މާލީ ރިޕޯޓްގައިވާ ގޮތުން އެމްޓީސީސީން ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި 10 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފަ އެވެ. މިމަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ރ. އަނގޮޅިތީމާއި، ރ. ދުވާފަރާއި، އއ. އުކުޅަހާއި، ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ކ. ގިރިފުށީގައި އާއި، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ކ. ދޫނިދޫގައި އާއި، ތ. ގުރައިދޫއާއި، ވ. ފުލިދޫއާއި، ވ. ރަކީދޫއާއި، މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީކުރަމުންދާ ކ. ކުޑަގިރީގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ނަކައްޗާ ހުރާގަ އެވެ.

ދެވަނަ ކުއާޓަރގެ ތެރޭގައި މުޅިން އަލަށް އެމްޓީސީސީއަށް 13 މަޝްރޫއެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މިކުއާޓަރުގެ ތެރޭގައި 12 މަޝްރޫއެއްގެ މަސައްކަތް ވަނީ އަލަށް ފަށާފަ އެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 593 މިިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 550 މިލިއަން ރުފިޔާއާ އަޅާބަލާއިރު 7.7 އިންސައްތަ އިތުރު އަދަދެކެވެ. އެމްޓީސީސީން ލަފާ ކުރާ ގޮތުގައި މިއަހަރު ނިމޭއިރު އެ ކުންފުންޏަށް ދެ ބިލިއަނާ ގާތްކުރާ ވަރުގެ އާމްދަނީއެއް ލިބޭނެ އެވެ.

ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 93 މިލިއަން ރުފިޔާ ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 77 މިލިއަން ރުފިޔާވެސް ދެވަނަ ކުއާޓަރުގެ ތެރޭގައި އެމްޓީސީސީއަށް ލިބިފައިވެ އެވެ.