އިލެކްޝަންސް ކޮމިޝަން

ޕާޓީތަކުގެ ދަފްތަރާއެކު ޝަކުވާއަށް ހުޅުވާލައިފި

Aug 2, 2022

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކުރުމަށްފަހު ޝަކުވާއަށް ހުޅުވާލައިފި އެވެ.

އީސީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، މިހާރު ޝަކުވާއަށް ހުޅުވާލައިފައިވާ ކަމަށެވެ. އެ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ އީސީއަށް ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ.

ސިޔާސީ ޕާޓީތަކުގައި ހިމެނޭ މީހުންގެ ދަފްތަރު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފައި މިވަނީ ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

އީސީ އިން މިހާރު ވަނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ނިންމާފަ އެވެ. ކޮންމެ ވަގު ފޯމަކަށް ޕާޓީގެ އިތުރުން ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން ފުރަތަމަ ފަހަރު 5،000 ރުފިޔާ އަދި ދެވަނަ ފަހަރު 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.