( 31 ޖުލައި 2022 އާ ގުޅޭ )
އެނދުމަތިން ފޯނު ރިންގުވާން ފެށުމުން އަތުގައި އޮތް މާކަރުގެ ދޯރި ޖަހާލުމާއެކު މަލަކް އަވަހަށް އައިސް ފޯނު ނެގިއެވެ.
"ރެޑީ... ފައިބަންވީ ދޯ." ފޯނުކޯލު ނެގި ގޮތަށް މަލަކް ބުނެލިއެވެ.
ފާއިތުވި ހަފްތާއަކީ މަލަކްގެ ކޮލެޖުގެ އިމްތިހާނު ކުރިޔަށް ދިޔަ ދުވަސްތަކެވެ. އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރީ ކިޔެވުމުގައެވެ. ދައްޔާނު އެދުމުން ވެސް މަލަކް ވަނީ އިމްތިހާނު ހަފްތާގައި ބައްދަލުނުވެވޭނެކަން ބުނެފައެވެ. އެހެންވެ މިރެއަކީ މަލަކްގެ އިމްތިހާނަށްފަހު ދައްޔާނާ ބައްދަލުކުރާން އޭނާ އެއްބަސްވީ ދުވަހެވެ. ބޯކޮށް ވާރޭ ވެހުނަސް ދައްޔާނު ކޮންމެހެން ވެސް މަލަކްއާ ބައްދަލުކުރާން ބޭނުންވާކަން ހާމަކުރުމުން ނޫނެކޭ ބުނާން މަލަކް ވެސް ބޭނުންނުވީއެވެ. ކޮޓަރިން ނުކުންނަމުން ފަހު ފަހަރަށް ލޯގަނޑުން މަލަކްގެ ސޫރަ ބަލާލިއެވެ.
ފޯނަށް ބަލަން އިން ދައްޔާނުގެ ނަޒަރު އިމާރާތާ ދިމާއަށް ދަތުރުކޮށްލީ މީހަކު އެ ދިމާއަށް އަންނަހެން ހީވެގެންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޖީންސްގެ ޖީބަށް ފޯނު ކޮށްޕާލާފައި ކާރުގެ ދޮރުފަތް ހުޅުވާލަ ދިނެވެ. އަދި މަލަކް ކާރަށް އަރައި ހަމަޖެހިލުމާއެކު ފޮރުވާފައި އޮތް ރަތްފިނިފެންމާ ނަގައި ދައްޔާނު ދިއްކޮށްލައިފިއެވެ.
"ތޭންކްސް. ކޮން އޮކޭޝަންއެއް." މަލަކްއަށް އަހާލެވުނެވެ. ދައްޔާނު ފިނިފެންމަލެއް މަލަކްއަށް ދިން މީ ދެވަނަ ފަހަރެވެ. ޚާއްޞަކޮށް ރަތް ފިނިފެންމަލެއް ދިނުމުގެ މާނައަކީ ކޮބާތޯ އެނގެން މަލަކް ބޭނުންވީއެވެ. ފުރަތަމަ މަލެއް ދިނީ ކޮލެޖުގައި ދައްޔާނު އުޅުނުއިރު ލޯބިވާކަން ހާމަކޮށްފައެވެ. މިފަހަރު ވެސް އޭނާގެ ގަސްދަކީ އެއީބާއޭ މަލަކްގެ ހިތް ބުންޏެވެ.
"ތީ ހަމަ މަލްއަށް ދިން ހަދިޔާއެއް. ކަމުނުދަނީތަ؟. އަގުބޮޑު ނޫންވީމަތަ." ދައްޔާނު ބުންޏެވެ. އެއާއެކު އޭނާގެ ކޮނޑުގައި މަލަކް ޖަހާލިއެވެ.
"އަގުބޮޑުވާން ޖެހޭނެއޭ މަލް ބުނިންތަ." މަލަކް ބުނެލިއެވެ. ބައެއްފަހަރު ދައްޔާނު އެގޮތަށް ޖަހާލާ ބަސްތަކުގެ ހަގީގަތަކީ ކޮބާކަމެއް މަލަކްއަކަށް ނޭނގެއެވެ. މަލަކްއަކީ ބޮޑާ ކިބުރުވެރި އަންހެންކުއްޖެއްކޭ ބުނާން އުޅޭހެން ވެސް ހީވެއެވެ. އެކަމަކު ދައްޔާނުގެ ވާހަކަދެއްކުމުގައި ގެންގުޅޭ ސަމާސާ ގޮތުން އެއީ އޭނާގެ މިޒާޖޭ ހީވާ ފަހަރު ވެސް މަދެއް ނޫނެވެ.
"އައި ލައިކް އިޓް. ތޭންކްސް." މަލަކް އަނެއްކާ ވެސް ޝުކުރު އަދާކުރިއެވެ. ކާކުގެ ކާރެއްތޯ އޭނާ އަހާލިއެވެ. މިނޫނީ ދައްޔާނު ކާރުގައި އުޅެނިކޮށް ނުފެނެއެއެވެ. ކޮންމެހެން މަލަކްއާ ބައްދަލުކުރާން ބޭނުންވެގެން ރައްޓެއްސެއްގެ ކާރުގައި އައީކަން ދައްޔާނު ބުންޏެވެ.
ފޯނު ނަންބަރު ދައްޔާނު ހޯދި ފަހުން މަލަކްއަށް ކޮންމެ ދުވަހަކު ވެސް ގުޅައެވެ. ބައެއް ރޭ ރޭ ގަޑިއެއްހާއިރު ފޯނުކޯލުގައި އެ ދެމީހުން ވާހަކަދައްކަން ތިބެއެވެ. އެކުގައި ކޮފީތަކާއި ކެއުންތަކުގައި ބައިވެރިވުމަށް ބޭރަށް ދެއެވެ. އެހެން ނުކުމެފައި ދެ މީހުން އެކުގައި ދުއްވާލަން ގޮސްފައި ނޫނީ ގެއަކަށް ނާންނާނެއެވެ. ނަމަވެސް މަލަކް ހައިރާންވާ ކަމަކީ ދައްޔާނު ރައްޓެހިވާން އޭނާ ކައިރީ ނާހާތީއެވެ. އެހާ ގިނަ ވަގުތު ދެ މީހުން އެކުގައި ހޭދަކުރާއިރު ދައްޔާނު އަދިވެސް މަލަކްދެކެ ކުރީގަހެން ލޯބިވެޔޭ އޭނާގެ ހިތް ބުނެއެވެ. އެކުވެރީންނޭ ބުނާ ވަރަށްވުރެ ގިނަވަގުތު އެ ދެމީހުން އެކުގައި ހޭދަކުރާކަން މަލަކްއަށް އެނގެއެވެ. ދައްޔާނުގެ އިޙްސާސްތައް ހާމަނުކޮށް އޭނާ މަޑުކުރަނީ މަލަކްގެ އިޝާރާތެއް ލިބެންދެން ބާއެވެ.
ހުޅުމާލޭގެ މަގުތަކުން ދުއްވަމުން އައިސް ދައްޔާނު ރެސްޓޯރެންޓެއްގެ ކައިރިއަށް މަޑުކުރިއެވެ. ދެ ޒުވާނުން އެ ތަނުން މޭޒެއްގެ ދޮށުގައި އިށީނދެ ކޮފީއަށް އޯޑަރުކޮށްގެން ތިއްބެވެ. އިމްތިހާނު ދިޔައީ ކިހިނެއްތޯ ދައްޔާނު އަހާލިއެވެ. ފަހު އަހަރަށްވާއިރު އެހާ ފަސޭހައިން އަދި ނިންމާލެވެން ނެތްކަން މަލަކް ހާމަކުރިއެވެ. ކޮލެޖުގެ ވާހަކަތަކުން ފެށި ނަމަވެސް އެ މައުޟޫޢު ދައްޔާނު ބަދަލުކޮށްލައިފިއެވެ.
"ސީރިއަސް ރިލޭޝަންޝިޕެއް ފަށަން މަލް ވިސްނަންތަ؟." ދައްޔާނު އަހާލިއެވެ.
"ކޮންމެ ރިލޭޝަންޝިޕެއް ވެސް ފަށަނީ ސީރިއަސްކޮށް. އޭތި ވޯކް ނުކުރަނީ. މިއުޅެނީ ލިސްޓު ދިގުނުވެގެންނޫން." މަލަކް ހާމަކުރީ ހަގީގަތެވެ. އޭނާ ކޮންމެ ކުއްޖަކާ ރައްޓެހިވަނީ ކަމުގޮސްގެންނެވެ. ކަމުނުދާ ކަންކަން ފާހަގަވީ ރައްޓެހިވެގެން އެކުގައި އުޅޭން ފެށީމައެވެ. އެއިން ކޮންމެ ފަހަރަކުވެސް ގުޅުން ކަނޑާލާފައި އޮތީ މަލަކްއެވެ.
"މަލްގެ ނަޒަރުގައި އަހަންނަކީ ކޮންކަހަލަ މީހެއް." ދައްޔާނު ދެވަނަ ސުވާލެއް ކޮށްލިއެވެ. މަލަކް ފަރުވާތެރިކަމާއެކު ދައްޔާނުގެ މޫނަށް ބަލަންފެށިއެވެ. ލުއި ހިނިތުންވުމެއް މަލަކްގެ ތުންފަތުގައި ދުވެލިއެވެ.
"ޔާނު އޯކޭ." މަލަކް ބުންޏެވެ. ދައްޔާނު ވަރަށް ފުރިހަމައޭ ހިތުގައި އޮތަސް މަލަކް ހާމަކުރީ ނިކަން އާދައިގެކޮށެވެ.
"މިސާލަކަށް މިހާރު... އަދިވެސް އަހަރެން މަލްއާ ގުޅޭން ބޭނުމޭ ބުނިއްޔޯ. ދެން ވެސް ދޭނީ ކުރީން ދީފައި އޮތް ޖަވާބުތަ." ދައްޔާނު އަހާލިއެވެ. މަލަކް ތިރީތުންފަތުގައި ދަތްއަޅައިލިއެވެ. ދައްޔާނާ ނަޒަރު ވަކިކޮށްލައި އޭނާ ވިސްނަން އިން ފަދައެވެ. އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ދައްޔާނު ވާހަކަދެއްކިއެވެ.
"މަލް ލައިކްވާ ކުއްޖެއް ހުރީތަ؟. ނޫނީ މީހަކަށް ވެއިޓްކުރަނީތަ؟." ދައްޔާނު އަހާލިއެވެ.
"ސީރިއަސްކޮށް ވެސް ޔާނު އަހަންނާ ގުޅެން ހުރިއްޔާ ބުނާނީ ވިސްނާލަން ދުވަސްކޮޅެއް ދޭށޭ." މަލަކް ބުންޏެވެ. ދައްޔާނުގެ ތުންފަތުން ލުއި ހިނިތުންވުމެއް ފާޅުވެލިއިރު އޭނާ މަޑުމަޑުން ބޯޖަހާލިއެވެ.
"އަހަރެން ގެންގުޅޭ އުސޫލުތަކެއް ހުރޭ. މެރީ ކުރާ ހިސާބަށް ގުޅުން ނުދަނީސް ޢާއިލާއާ ހަމައަށް އެއްވެސް ވާހަކައެއް ގެންދާކަށް އަހަރެން ބޭނުމެއްނުވޭ. ރައްޓެހިވެގެން އުޅޭއިރު މީޓުކުރާން ދެމީހުންގެ ގެއަށް އެކަކުވެސް ނުދާނެ. އަދި ރައްޓެހިން ކައިރީ ވެސް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. އަހަރެން ރައްޓެހިވާ ކުއްޖާގެ ކިބައިން ވެސް އަހަރެން އެދެނީ މި އުސޫލުތަކުގައި ހިފެހެއްޓުން. އަހަރެން ވެސް ކުއްޖަކާ ރައްޓެހިވަންޏާ ވަނީ ސީރިއަސް ގުޅުމަކަށް އެ ގުޅުން ހަދަން ގަސްދުކޮށްގެން. ކޮންމެވެސް ދުވަހަކު ކައިވެންޏާ ހަމައަށް އެ ގުޅުން ގެންދިއުމަށް ވިސްނައިގެން. އެކަމަކު ހީކުރާ ގޮތަށް ކަންތައްނުވެ ބްރޭކްއަޕްވާން ޖެހިއްޖެނަމަ ރީތި ގޮތުގައި ދެމީހުންނަށް ވަކިވެވޭނެ ގިނަ ބަޔަކަށް އެކަން ނޭނގި އޮތިއްޔާ." ދައްޔާނުގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. އޭނާ ދެއްކި ވާހަކަ މަލަކްއަށް ޤަބޫލުކުރެވެއެވެ. އޭނާއަށް ދައްޔާނުގެ އެ އުސޫލުތައް ކަމުދެއެވެ.
"އޭރުއްސުރެ ޔާނު ކުއްޖަކާ ރައްޓެހިނުވަންތަ؟." މަލަކް އަހާލިއެވެ.
"ތި ހީކުރީ އޭރުއްސުރެ މަލްއަށް ޓަކައި މަޑުކޮށްގެން ހުރީ ކަމައްތަ." ހިނިގަނޑެއް ޖަހާލާފައި ދައްޔާނު ބުންޏެވެ. މަލަކް ރަކިވިއެވެ.
"އެހެންތަ މިބުނެވުނީ." މަލަކް އަނގައިން ދެރަނުވާން ބުންޏެވެ.
"ރައްޓެހިވީން. އެމީހުންނަށް އަހަރެން ކަމުނުދަނީ." ދައްޔާނު ބުންޏެވެ.
" ދޮގެއް ދޯ. ޔާނު ކަމުނުދާންވީ ކީއްވެ." މަލަކްއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީގައި އިން ދައްޔާނުއާ ފުރިހަމަ ފިރިހެނެއް އޭނާ ފަދަ ގޮތް ބޮޑު އަންހެނަކާ ދިމާވެފައި ނުވާއިރު އަންހެން ކުދީންނަށް ދައްޔާނު ކަމުނުދާންވީ ކީއްވެބާއެވެ.
"ހެ ހެ ހެ... އަހަރެން ތި ހީކުރާހާ ކާމިޔާބެއް ނޫން. އެހެންނޫނަސް މަލް ތިހެން ބުނީމަ އަޖައިބުވޭ. މަލްއަށް ވެސް އަހަރެން ކަމަކުނުދިޔައެއްނު." ދައްޔާނު ބުންޏެވެ.
"އެއީ... ކުރީން... މާ ކުރީގެ ވާހަކައެއް އެއީ. އެ ވާހަކަ ދެން ނުދައްކާ." މަލަކް ބުންޏެވެ.
އެހިސާބުން އަނެއްކާ ވެސް މައުޟޫޢު ބަދަލުކޮށްލީ ދައްޔާނެވެ. އޭނާ މިއަދު މަލަކްއާ ބައްދަލު ނުކޮށްފިނަމަ ދެން ދެ މީހުން ބައްދަލުވާނީ ދެ ހަފްތާ ފަހުންކަން ދައްޔާނު ބުންޏެވެ. އޮފީހުގެ ކަމެއްގައި އޭނާ ރާއްޖޭން ބޭރަށް ފުރަން ހަމަޖެހިއްޖެކަން ދައްޔާނު ހާމަކުރިއެވެ. އަދި އޭނާ ވަރަށް ސީރިއަސް ވާހަކައެއް މަލަކްއާ ދައްކަން ބޭނުންވާކަމާއި އެކަމަކު އެ ވާހަކަތައް ދައްކާނީ އޭނާ އެނބުރި އައިސްކަން ބުންޏެވެ.
* * * * *
އައިރިކް ދާންވީތަން ޑްރައިވަރު ގާތު ބުންޏެވެ. ހޮސްޕިޓަލަށްކަން ދަނީ އެނގުމުން މާޔަލް ސުވާލު އުފެދުނެވެ. އައިރިކްގެ އަތުގައި އޮތް ފައިލަކީ ކޮންކަމަކާ ގުޅުން ހުރި ފައިލެއްކަން މާޔަލްއަށް އެނގުނީ އެހެންވެއެވެ. އައިރިކްގެ ލޮލުގައި އަޅާފައިވާ ކަޅު އައިނަށް މާޔަލް ބަލާލިއެވެ. އައިރިކްގެ ފުށުން ތަފާތު ކަމަކަށް ފެންނަނީ އެ އައިނެވެ. އައިރިކްގެ ލޮލަށް ކިހިނެއްވީބާއެވެ. ސުވާލެއް ކުރާން އުޅެފައި މާޔަލް އެ ޚިޔާލު ދޫކޮށްލިއެވެ. ދެން ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް މާޔަލް ބަލަންފެށިއެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ބިއްލޫރިގަނޑަށް ވާރޭގެ ހަމަލާތައް އަމާޒުވެފައިވެއެވެ. ފެންތިކިތައް ކޯރުދެމޭ ފަދައިން ތިރިއަށް ފައިބައިގެން ދާތަން ބަލަން މާޔަލް އިނެވެ. އޭނާގެ އަތުގައި އައިރިކް ހިފާލި ކަމުގެ އިޙްސާސް ކުރެވުނެވެ. އެ އަތްތިލަ އެހާމެ ފިންޏެވެ.
"ކީއްވެފަ ތިއިނީ. މާޔާއަށް ކަމެއްވެއްޖެޔޭ އަހަރެންގެ ހިތް ބުނަނީ." އައިރިކް މަޑުމަޑުން ވާހަކަދެއްކިއެވެ.
"ކަމެއްނުވޭ." މާޔަލް ބުންޏެވެ.
"އަހަރެންގެ ލޮލަށް ނުފެންނާތީ އޮޅުވާލަން މަސައްކަތް ކުރަނީތަ. މާޔާ އެނގެން އަހަރެންގެ ލޮލަށް ފެނުން މުހިންމެއްނޫން. މާޔާ... ރޭގަ ކަމެއްވީތަ؟. މާޔާގެ އަޑު އަހަންނަށް އިވުނީ ތަފާތުކޮށް. އަހަރެން އެވަރަށް ގުޅީމަ ހިތްހަމަ ނުޖެހުނީތަ؟. އެހެންނަމަ ސޮރީ. ހިތަށް އެރީ އެގަޑީގަ މާޔާ ފްރީވާނެއޭ. އައި ވޯޒް ފީލިންގް ޑައުން... ތި އަޑު އަހާލާ ހިތްވީ. ފޯނު ނުނެގީމަ ވެސް އެވަރަށް ގުޅުނީ މާޔާގެ އަޑު އަހާލަން ބޭނުންވެފައި ހުރިވަރުން." އައިރިކް ވާހަކަދެއްކިއެވެ.
"ހޮސްޕިޓަލަށް މިދަނީ ކީއްކުރަން. ބަލިވީތަ؟. ކީއްވެ ފެމެލީ މީހަކާއެކީ ނައީ." މާޔަލް ގަސްދުގައި ވާހަކައިގެ މިސްރާބު ބަދަލުކޮށްލީއެވެ.
"ހޮސްޕިޓަލަށް ދާނީ ޑަކްޓަރަކަށް ދައްކަން ދޯ. ފެމެލީއާއެކީ އަންނަހާ ސީރިއަސްކަމެއްނޫން. މާޔާ އަހަންނަށް ވަރަށް ޚާއްޞަ. އެހެންވެ މާޔާ ގޮވައިގެން މިއައީ. މާޔާ ހުރީވިއްޔާ އަހަރެން ޖެހިލުންވާކަށް ނުޖެހޭނެކަން އެނގޭ." މާޔަލްގެ ކޮނޑުގައި އައިރިކް ކޮނޑު ޖައްސާލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިކޮށްލިއެވެ.
އޭޑީކޭ ހޮސްޕިޓަލަށް ކާރު މަޑުކުރުމުން އައިރިކް ކާރުން ފޭބިއެވެ. ޑްރައިވަރު ހަބީބު ގާތު ޕާކިން ޒޯނެއްގައި އޭނާ ގުޅާންދެން މަޑުކުރާން ބުނެފައެވެ. އައިރިކްގެ އަތުގައި މާޔަލް ހިފާލިއެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި އައިރިކްގެ އެދުމަށް އެއްފަރާތަށް މާޔަލް އޭނާ ގެންގޮސްދިނެވެ. އެއާއެކު އައިރިކް ފޯނު ނަގައި މީހަކަށް ގުޅިއެވެ. އެމީހަކު އަންނަންދެން މަޑުކުރާން މާޔަލް ގާތު އައިރިކް ބުންޏެވެ.
"އައިރިކް." ދެ ފަރާތަށް ކެހިގެން ދިޔަ ދޮރުން ރަސްމީ ހެދުމުގައި ހުރި ޒުވާނަކު ނުކުމެގެން އަންނަމުން ގޮވާލިއެވެ. އޭނާ އައިސް މާޔަލްއާއި އައިރިކްގެ ކުރިމަތީ ހުއްޓުނެވެ. މާޔަލްއާ ނަޒަރު ސީދާވެލި ހިނދު އޭނާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އޭނާގެ ނަޒަރު މާޔަލްއާއި އައިރިކްގެ ގުޅިފައިވީ އަތްތިލައަށް ދަތުރުކޮށްލިއެވެ.
"ޑަކްޓަރ ފައިރޫޒް. ފެމެލީ ފްރެންޑެއް. ފައި... މީޓް މާޔާ." ފައިރޫޒު އައިސް ހުއްޓިލިކަން އެނގުމުން އައިރިކް ވާހަކަދެއްކިއެވެ. މާޔަލްއަށް ފައިރޫޒު ހެލޯއޭ ބުނެލިއެވެ.
"ރިކް. ވަންނަމާ. ވީލް ޗެއާއެއް ގެންނަންތަ. އަހަންނަށް ހީވަނީ އެގޮތް ފަސޭހަވާނެހެން. މިވަގުތު ހޮސްޕިޓަލްތެރެ ފުރިފަ އޮތީ." ފައިރޫޒު ޚިޔާލު ފާޅުކުރިއެވެ. ބޭނުންނުވިޔަސް އައިރިކް އެއްބަސްވިއެވެ. އޭނާ ހޮސްޕިޓަލް ތެރެއަށް ނުވަދެ އެ ހުންނަނީ ވެސް ހިނގަން އުނދަގޫވާނޭވަރު ހިތަށް އަރާފައެވެ. އެ މާޙައުލަކީ އޭނާއަށް ފަރިތަ ތަނެއް ނޫނެވެ.
ފުރޮޅުލީ ގޮނޑީގައި އައިރިކް ގޮވައިގެން ފައިރޫޒު ހޮސްޕިޓަލް ތެރެއަށް ވަދެގެން އައެވެ. އެމީހުންނާ އެއްވަރަށް މާޔަލް އާދެއެވެ. ލޮލުގެ ޚާއްޞަ ޑަކްޓަރަކަށް ދައްކަންކަން އައިރިކް އައީ މާޔަލްއަށް ޔަގީންވީ ޑަކްޓަރުގެ ކޮޓަރިއާ ހަމައިންނެވެ. ބޭރުގައި ހުރި ގޮނޑިބަރީގައި މާޔަލް އިށީނެވެ. އައިރިކް ގޮވައިގެން ޑަކްޓަރުގެ ގާތަށް ވަނީ ފައިރޫޒެވެ.
ހޮސްޕިޓަލްގެ ކަންކަން ނުނިމިގެން އުޅެނިކޮށް މާޔަލްއަށް އައިތަން ގުޅިއެވެ. އޭނާ ކޮންތާކުތޯ މާޔަލް ކައިރީ އެހިއިރު އަޑުގައިވަނީ ހާސްކަމެވެ. ގޭގައި ނެތްކަން އައިތަންއަށް އެނގުނީކަން މާޔަލް ޔަގީން ކުރިއެވެ. އެހެންވެ ދޮގު ނުހަދާ އައިރިކްއާއެކީ ހޮސްޕިޓަލުގައޭ މާޔަލް ބުންޏެވެ. އޭނާ އެބަ އަންނަން ކަމުގައި ބުނެ ފޯނު ކަނޑާލީއެވެ. އައިރިކްއާއި ފައިރޫޒު އައުމުގެ ކުރީން އައިތަން ހޮސްޕިޓަލަށް އަތުވެއްޖެއެވެ. މާޔަލް އިން ހިސާބެއް އޮޅުން ފިލުވައިގެން އެހިސާބަށް އޭނާ އައެވެ.
"ކީއްކުރަން ހޮސްޕިޓަލަށް އައީ؟." މާޔަލް ފެނުމާއެކު އައިތަން ސުވާލުކުރިއެވެ.
"ނޭނގެ. އައިރިކް ނުބުނޭ. ލޮލަށް ކަމެއްވީހެން ހީވަނީ. ޑަކްޓަރު ފައިރޫޒުއާ އެކީވީ." މާޔަލް ބުންޏެވެ.
އިތުރު ވާހަކައެއް ނުދައްކާ އައިތަން ވަގުތުން ގުޅީ ފައިރޫޒުގެ ނަންބަރަށެވެ. އޭނާ ފޯނުކޯލު ނުނެގީކަން އައިތަން ކަރުއެލުވާލި ގޮތުން މާޔަލްއަށް އެނގުނެވެ. މާޔަލްގެ ކައިރީ އައިތަން އިށީނެވެ. އައިރިކްއާ ބެހޭ ގޮތުން އޭނާ ސުވާލުކުރިއެވެ. މިއަދު އޭނާ ފެންނަނީ ކިހިނެއްތޯއެވެ. އަޅައިގެން ހުރި އަވިއައިނުގެ ވާހަކަ މާޔަލް ބުންޏެވެ. އައިރިކްގެ އުޅުމަށް ބަދަލެއް ނާދޭކަން ބުންޏެވެ. ބަލިވެ އުޅޭހެން ވެސް ހީނުވާކަން މާޔަލް ބުންޏެވެ. ޝަބްނަމްއާއި އިސާކާ ހަމައަށް ވެސް އެ ޚަބަރު ދާން ގިނައިރެއް ނުނެގިއެވެ. މަންމައާ އައިތަން ވާހަކަދެއްކީ މާޔަލްގެ ކައިރީ އިނދެއެވެ. އެހެންވެ އޭނާ ދެއްކި ހުރިހާ ވާހަކައެއް މާޔަލްއަށް އިވުނެވެ. އައިރިކް ކުރީން އެފަދައިން ކަންތައްކޮށްފައި ނުވާކަން މާޔަލް އެނގުނީ އެހެންވެއެވެ. އެގޮތަށް އެކަނިމާއެކަނި ޑަކްޓަރަށް ދައްކަން އައިރިކް އައިސްފައެއް ނެތެވެ.
"އަހަރެމެން ގޭގައި ނެތްކަން އެނގުނީ ކިހިނެއް؟." އައިތަން ފޯނުކޯލު ނިންމާލުމުން މާޔަލް އަހާލިއެވެ.
"މަންމަ ބުނީ. ދޮންބެ ގެއަކުނެތޭ. މާޔަލް ވެސް ނެތޭ. އެހެންވެ ގުޅީ. ހިތަކަށް ނާރާ ދޮންބެ އަމިއްލައަށް ބޭރަށް ނުކުމެދާނެއޭ. އަހަރެން ދެއްކި ވާހަކަ މިހާރު ބުނެފިންތަ." އައިތަން ބުންޏެވެ.
"އަދި ނުބުނެވޭ... އެކަމަކު މިއަދު ބުނާނަން. ކޮންއިރަކު އިވެންޓް އޮތީ." މާޔަލް ބުންޏެވެ.
"މަންޑޭ ނައިޓްގަ. އަންނަ ހަފްތާ. ދެން ނެތް ދުވަހެއް. ވެނިއު ބަދަލުކުރާން އުޅެނީ. ފަހަރެއްގަ ރިސޯޓުގައި ބާއްވަން އެބަކިޔާ. ދަތުރަކާއެކީ ބާއްވަންކަމަށް. ޝަހާއާ މީޓުވިއެއްނު. އޭނާގެ ބައްޕަގެ ރިސޯޓެއްގައި. މާދަން ހުރިހާކަމެއް ފައިނަލް ކުރާނެ. މާޔަލްއަށް އިންވިޓޭޝަން ފޮނުވާނަން." އައިތަން ބުންޏެވެ. މާޔަލް ހަމައެކަނި ބޯޖަހާލީއެވެ. ޝަހާގެ ވާހަކަ އައިތަން ބުނުމާއެކު އެއީ އައިރިކް އިންނަން އުޅޭ ކުއްޖާކަން މާޔަލް ހަނދާންވިއެވެ. ދެ ޢާއިލާގެ ގުޅުން ލަފާކޮށްލަން މާޔަލްއަށް އުނދަގުލެއްނުވިއެވެ.
އައިރިކް ގޮވައިގެން ފައިރޫޒު ނުކުތެވެ. އައިތަން ވަގުތުން ކޮޅަށް ތެދުވިއެވެ. ސުވާލުކުރާން ފެށިއެވެ. މާބޮޑުކަމެއް ނުވާކަން ފައިރޫޒު ބުންޏެވެ. އައިރިކްގެ ކަނާތު ލޮލުގައި ހުރީ ބޭސްފޮތިގަނޑެއް އަޅައި ނިވާކޮށްފައެވެ. އޭނާ އައިނު އަޅައިގެން އިންއިރު ވެސް ބޭސްގަނޑު ކުޑަކޮށް ފެންނަން ހުއްޓެވެ.
އައިރިކް އެނބުރި ގެއަށް އައިއިރު ޝަބްނަމް އިނީ އިންތިޒާރުގައެވެ. އެ މަންމަގެ މޫނުގައިވަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެކެވެ. ފައިރޫޒު ދެއްކި ވާހަކަތައް މަންމައަށް އައިތަން އޮޅުންފިލުވައިދިނެވެ. ހަގީގަތް އޮތީ ފައިރޫޒާއި އައިރިކްއާ ދެމެދު ސިއްރުވެފައެވެ. ޑަކްޓަރަށް ދިޔަ ސަބަބެވެ. އަދި ހަފްތާއެއް ފަހުން އޭނާ އަލުން ޑަކްޓަރަށް ދައްކަން އަންނަން ޖެހެއެވެ. އެ ބޭސްގަނޑު ނަގައި ލޮލުގެ ހާލަތު ޑަކްޓަރު އަލުން ބަލާނެއެވެ. ކުރިއެރުމެއް ލިބޭނަމަ އެނގޭނީ އެހާތަނުންނެވެ.
ޢާއިލާއާއެކު މެންދުރުގެ ކެއުން ނިންމާފައި މާޔާއާއެކީ އައިރިކް އައިސް އޭނާ ދިރިއުޅޭ ބަޔަށް ވަނެވެ. ކައިގެން އައިސް ސިނގިރޭޓަށް ބޯލަން އައިރިކް ހުރީ ބޭނުންވެފައެވެ. އެހެންވެ އޭނާ ސިނގިރޭޓު ރޯކޮށްލައިގެން ބިއްދޮށަށް ނުކުމެވެން ހުރި ސަރައްކާއްޔަށް ނުކުމެ މަޑުކޮށްލިއެވެ. ހިސާބަކަށް ތުނިކޮށްލާފައި އޮތަސް ވާރޭ ނުހުއްޓައެވެ.
"ތިތާ ނުހުރެ މިކޮޅަށް އާދޭބަލަ." ފަހަތުގައި ދޮރުކައިރީ މާޔަލް ހުއްޓިލައިގެން ހުރިކަން އިޙްސާސް ކުރެވިގެން އައިރިކް ބުންޏެވެ. މާޔަލް އަޑުއިވުނު ކަމަކަށް ނުހެދިއެވެ. އޭނާ ހަރަކާތެއް ނުކޮށް އައިރިކްއަށް ބަލަން ހުރީއެވެ.
"ސިނގިރޭޓި ބޯތީތަ؟. އެއްލާލީ މި. ދެން އާދެބަލަ. އެނގޭ މިތާ ކައިރީ އެބަހުރިކަން." އެއްބައި ބޮއެފަ އޮތް ސިނގިރޭޓު ވާރޭގެ ތެރެއަށް އެއްލާލާފައި އައިރިކް އެނބުރިލިއެވެ. މަޑުމަޑުން މާޔަލް އައިސް އައިރިކްގެ އެއްފަރާތުން މަޑުކޮށްލިއެވެ. އެއާއެކު އައިރިކް ދެ އަތް ދިއްކޮށްލިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި މާޔަލް ހުއްޓެވެ.
"ސެންޓު ޖަހާ ނުދޭނަންތަ؟" އައިރިކް އަހާލީ ހިނިއައިސްފަ ހުރެއެވެ.
"ރިކް..." މާޔަލް ގޮވާލިއެވެ. ދެ ޚިޔާލެއްގައި ހުރި ފަދައިން އޭނާއަށް ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ.
"ހާދަ ލޯބިން ތިގޮވާލީ. އަޑު އަހަން މިހުރީ." އައިރިކް ބުންޏެވެ.
"އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން." އައިރިކްއަށް ނަޒަރު ހުއްޓާލި ގޮތަށް ވިސްނަން ހުރެފައި މާޔަލް އެންމެފަހުން ބުނެލިއެވެ. (ނުނިމޭ)