ބޮލީވުޑް

ފިލްމު ބޮއިކޮޓް ނުުކުރަން އެދި އާމިރު އާދޭސްކުރަނީ!

ހިންދޫންނާ ދެކޮޅު މީހެއް ކަމަށް ބުނެ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ބޮއިކޮޓްކު ރާށޭ ކިޔައިގެން އިންޑިޔާގެ މީހުން އަޑުގަދަ ކުރަން ފަށައިފި އެވެ. އެމީހުން ބުނާ ގޮތުގައި އާމިރަކީ ގައުމީ ވަންތަކަމެއް ވެސް ނެތް މީހެކެވެ. މި ވާހަކަގަނޑެއް މާ ބޮޑަށް ވައިގައި ހިފައިގެން މިއުޅެނީ އާމިރު މިދުވަސްވަރު އެއްޗެއް ކިޔައިގެނެއް ނޫނެވެ. އޭނާއަށް 2015 އަހަރު ބުނެވުނު އެއްޗަކުންނެވެ.

"އަހަރެން ގޭގައި ކިރަން އާއެކު ވާހަކަ ދައްކަން އިނދެފައި ކިރަން ބުނި އިންޑިއާ އިން ހިޖުރަ ކުރަން ވީނޫންހޭ. އެއީ ކިރަން ދެއްކި ވަރަށް ނުރައްކާތެރި ވާހަކައެއް. ނަމަވެސް އެ ވާހަކަ އޭނާ ބުނީ އަމިއްލަ ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އޭނާގެ ހިތުގައި އޮތް ބިރަކުން. އަދި އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި އޮތް ބިރުވެރިކަމުގެ ސަބަބުން. ކޮންމެ ދުވަހަކު ގެޔަށް ގެންނަ ނޫސް ހުޅުވާލަން ވެސް އޭނާ ބިރުގަނޭ،" އާމިރު އޭރު ބުނީ މިހެންނެވެ.

އެއީ މުސްލިމުންނާ ދެކޮޅު ރޫހެއް އިންޑިއާގައި އުފެދެމުންދާ ކަމަށް ބުނެ އާމިރު ދެއްކި ވާހަކައެއް ކަމަށް ހިންދޫން ގަބޫލުކޮށް އޭރު ވެސް އޭނާގެ ފިލްމުތައް ބޮއިކޮޓްކުރަން ގޮވާފައި ވެއެވެ.

"އާމިރު ޚާން ބުނި އިންޑިއާ އަކީ އިންޓޮލޮރަންޓް އެކޭ. އޭނާ ބޭނުމީ އިންޑިއާ ދޫކޮށް ދާން. ދެން އޭނަ އިންޑިއާ ދޫކޮށް ދާން ދޫކޮށްލީމަ ނިމުނީމު. އޭނާގެ ފިލްމު ކީއްކުރަން އިންޑިޔާގައި ރިލީޒްކުރަނީ،" ބީޖޭޕީ އެމްއެލްއޭ ޕަރަގް ޝާހް ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

އާމިރުގެ ފިލްމު ބޮއިކޮޓް ކުރަން ފެށީ މި ޓުވީޓާ ހެދި އެވެ.

އޭނާއާ ދެކޮޅަށް ބަޔަކު އަޑުއުފުލާ ރުޅިގަދަ ކޮށްލައިގެން އުޅޭކަން އެނގުމުން އާމިރު ވަނީ އޭނާގެ ފިލްމު ބެލުމަށް އެދި މީހުންގެ ކިބައިން އާދޭސް ކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި "ލާލް ސިންގް ޗައްޑާ" ބޮއިކޮޓް ކުރާށޭ ކިޔާފައި ޓްރެންޑްވަމުންދާތަން ފެނުމުން ވަރަށް ދެރަވެ ހިތްދަތިވެއްޖެ ކަމަށް ވެސް އާމިރު ބުނެފައި ވެއެވެ.

އިންޑިއާގެ ޓީވީ ޗެނަލް އަކަށް ދިން އިންޓަވިއު އެއްގައި އާމިރު ބުނީ މީހުން ހީކުރަނީ އޭނާ އިންޑިއާ ދެކެ ލޯބި ނުވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އޭނާ އިންޑިޔާ ދެކެ ވަރަށް ލޯބިވާ ކަމަށް އާމިރު ބުންޏެވެ.

"ހެޔޮނުވާނެ އަހަރެންގެ ފިލްމު ބޮއިކޮޓް ނުކުރައްޗޭ. އެންމެންވެސް އެ ފިލްމު ބަލައްޗޭ،" އާމިރު އެދުނެވެ.