އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އިބްރާހިމް ފަޒީލް އަައްޔަންކުރައްވައިފި އެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފަޒީލްއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ އެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން ފަޒީލް ބަލަހައްޓަވާނީ އޮޑިޓް އޮފީހުގެ ފައިނޭންސް އެންޑް އެންޑް ކޮމްޕްލިއެންސް އޮޑިޓް ސާވިސް ޑިވިޝަނެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އިބްރާހިމް ފަޒީލް އަައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އިބްރާހިމް ފަޒީލަކީ އޮޑިޓިން ދާއިރާގައި 15 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރައްވާފައިވާ އޮޑިޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ އޮޑިޓް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ ބައެއް އިދާރާތަކުގައި އޮޑިޓިން ދާއިރާގައި އިސް މަގާމުތަކެއް ވެސް މީގެކުރިން ފުރުއްވާފަ އެވެ.'
ފަޒީލް އަކީ ޗާޓެޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ)ގެ މެންބަރެއްގެ އިތުރުން ސެޓިފައިޑް އިންޓަނޭޝަނަލް އޮޑިޓަރެވެ.
އޮޑިޓް މެނޭޖްމަންޓާއި ކޮންސަލްޓެންސީގެ ދާއިރާ އިން ފަޒީލް މާސްޓާސް ހެއްދެވީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަސިޓީންނެވެ. ކޮމާސްގެ ދާއިރާ އިން ފަޒީލް ޑިގްރީ ހާސިލް ކުރެއްވީ އިންޑިއާގެ ބެންގަލޯ ޔުނިވަސިޓީންނެވެ.