ދީން

ޑިގްރީ ފެންވަރަށް އިމާމުން ގެންދިޔުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި

އިމާމުން ޑިގްރީ ފެންވަރަށް ގެންދިޔުމަށް ޕްރޮގްރާމެއް މިއަހަރު ތެރޭގައި ކުރިޔަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒިޔާދު މިހެން ވިދާޅުވީ ސައުދީ އަރަބިޔާގެ ރާބިތާ ޖަމާއަތުން ރާއްޖޭގެ އިމާމުންނަށް ހާއްސަކޮށް ހަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިއްތަކުގެ އިމާމުން ކުރި އަރުވައިދީ އިމާމުންނަށް ހާއްސަ ޕްރޮގްރާމުތަކެއް ގެންދަން ހަމަޖެހިފައިވާ ކަމަށާއި އަދި އެޕްރޮގްރާމްތަކު ގެ ސަބަބުން މުސްތަގުބަލުގައި އިމާމުންނަށާއި ގައުމަށް މުހިންމު ފައިދާ ތަކެއް ކުރާނެ ކަމަށެވެ.

"އެގޮތުން މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން މިސްކިއްތަކުގެ އިމާމުން ޑިގްރީ ފެންވަރަށް ގެންދިޔުމުގެ ޕްރޮގްރާމު ތަކެއް ކުރިޔަށް ގެންދާނަން. ހަމައެއާއެކު ކީރިތި ގުރުއާނާބެހޭ މަރުކަޒުން އަތޮޅުތަކުގެ ތެރޭގެ ތިބި އިމާމުން ޑިޕްލޮމާ ފެންވަރަށް ގެންދިއުމުގެ ޕްރޮގްރާމުތަށް ވެސް ފަށާނަން،" ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި އަތޮޅުތަކުގެ ތެރޭގަޔާއި މާލޭގެ އިމާމުންނަށް ހާއްސަ ކޮށްގެން ގެންދާ ޕްރޮގްރާމުތައް ވެސް މިމަސް ތެރޭގައި ފަށައިގަތުމަށް މިނިސްޓްރީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދާދި ފަހުން ވަނީ މިސްކިތް ތަކުގައި މުދިމުންގެ ހާޒިރީ ބެލުމަށް ފިންގާ ޕްރިންޓް މެޝިން ބަހައްޓު މުގެ މަސައްކަތް ވެސް ފަށާފަ އެވެ.