ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާގެ ރައީސް، ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ރައީސް ޑްރޯޕަދީ މުރްމޫ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލްވުން އޮތީ އިންޑިއާގެ ރައީސްގެ ރަސްމީ އޮފީހުގައެވެ. މި ބައްދަލްވުމުގެ ތަފްސީލެއް ސަރުކާރުން ނުދެއެވެ. ދެ ރައީސުންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައީސް އޮފީހުގެ ޗީފް ސްޓާފް އަލީ ޒާހިރު އާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ވެރިޔާ އިބްރާހިމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިއަދު ފެއްޓެވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަދުގެ ވަގުތެއްގައި ބޮޑުވަޒީރު މޯދީ ވަނީ ރައީސް ސޯލިހާއި ބައްދަލު ކުރައްވާފައެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމާއި ނިއުދިއްލީ އާއި މުމްބާއީގައި ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވެސް ހަމަޖައްސާފައިވެ އެވެ.

ރައީސް ސޯލިހް މުމްބާއީ އަށް ކުރައްވާ ޒިޔާރަތުގައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލުކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.