ޓައިވާން

ޗައިނާއަށް ގޮންޖަހަމުން ޕެެލޯސީ ޓައިވާނަށް

ޓައިވާނަށް ވަޑައި ނުގަތުމަށް ޗައިނާ އިން އަންގާފައިވަނިކޮށް އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ މިރޭ ޓައިނާއަށް ވަޑައިގެންފި އެވެ. އެކަން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕެލޯސީ މިރޭ ޓައިވާނަށް ވަޑައިގެންފައިވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ފެއްޓެވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ދަތުރަށް ފެއްޓެވުމުގެ ކުރިން މަންޒިލްތައް އާންމުކުރައްވައި ކުރެއްވި ޓްވީޓްގައި ޓައިވާންގެ ނަމެއް ނެތެވެ. ވަޑައިގަންނަވާނެ ކަމަށް އޮތީ ސިންގަޕޫރާއި މެލޭޝިއާ، ދެކުނު ކޮރެއް އަދި ޖަޕާން އެވެ.

އެހެން ނަމަވެސް ސިންގަޕޫރުން މެލޭޝިއާއަށް ވަޑައިގަތުމަށް ފަހު ޓައިވާނަށް ވަޑައިގަންނާވާނެކަން ޕެލޯސީ އިއުލާންކުރެއްވި އެވެ.

ޕެލޯސީ ދަތުރު ފެއްޓެވުމުގެ ކުރިން ކުރެއްވި ޓްވީޓްގައި މެލޭޝިއާއާށް ފަހު ވަޑައިގަންނަވާ ގޮތަށް އޮތީ ދެކުނު ކޮރެއާ އެވެ.

ޕެލޯސީ ގޮވައިގެން މެލޭޝިއާއިން ނައްޓާލި ފްލައިޓް އިންޑޮނީޝިއާ މަތިން ޔޫޓާނެއް ނެގުމަށް ފަހު ޓައިވާނަށް މިސްރާބުޖެހީ އެވެ.

އެއިރު ވެސް ޓައިވާންގެ ފޮރިން މިނިސްޓްރީން ބުނަމުން ގޮސްފައި ވަނީ ޕެލޯސީގެ ދަތުރާ ބެހޭ ގޮތުން މީޑިއާއަށް ދޭނެ މައުލޫމާތެއް ނެތް ކަމަށެވެ.

ޕެލޯސީ ދަތުރުކުރެއްވި ޖެޓް މަތިންދާބޯޓު ޓައިވާންގެ ވެރިކަންކުރާ ސިޓީ ޓައިޕޭގެ ޝޮންޝިއާން އެއާޕޯޓަށް ޖެއްސީ ރާއްޖޭގެ ގަޑިން 19:44 ގައެވެ. އެއީ ޓައިވާން ގަޑިން 21:44 އެވެ.

ޕެލޯސީއަށް މަރުހަބާ ދެންނެވުމަށް ޓައިވާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އޭނާ އާއެކު ވަޑައިގެންނެވި ވަފުދަށް -- އެމެރިކާގެ ގާނުން ހަދާ މަޖިލީހުގެ މެމްބަރުނާއިން އޮފިޝަލުންނަށް މެހެމާންދާރީ އަދާކުރުމަށް މަޝްހޫރު ދެ ހޮޓަލެއް ވަނީ ޚާއްސަކޮށް ތައްޔާރުކޮށްފަ އެވެ.

ޓައިވާންގެ އެންމެ އުސް އިމާރާތް "ޓައިޕޭ 1010" އިލެކްޓްރޯނިކް އަކުރުން ޕެލޯސީއަށް މަރުހަބާ ދެންނެވުމަށް ބިޔަ ބެނާއެއް، ޗައިނާ މީހުންނަށް ވެސް ކިޔަން އެނގޭ ގޮތަށް، މޭންޑަރިން ބަހުރުވައިން ލިޔެ ހުރީ ދަމާފަ އެވެ.

ޕެލޯސީގެ މި ދަތުރަކީ ފާއިތުވި 25 އަހަރު ތެރޭގައި އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސަކު ޓައިވާނަށް ކުރެއްވި ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ޕެލޯސީ ޓައިވާންގެ ރައީސް، ސައި އިންގް ވޮން އާއި ޓައިވާންގެ ގާނޫން ހަދާ މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ އެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުގެ ސަބަބުން ޗައިނާ އާއި އެމެރިކާއާ ދެމެދު ހޫނު ރޮނގެން ދެމިގެން ދާނެ އެވެ. ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުގެ މާކުރިން ވެސް ޗައިނާއިން ވަނީ ޓައިވާނަށް ވަޑައިނުގަތުމަށް އެދިފަ އެވެ.

ޓައިވާން އަކީ ޗައިނާ ދެކޭ ގޮތުގައި މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެވެ. ޓައިވާންގައި ވަކި ވެރިކަމަކެއް އޮތް ނަމަވެސް ޗައިނާގެ މައި ސަރުކާރުން ބޭރުވެގެން ނުވާނެ ކަމަށް ޗައިނާ ދެކެ އެވެ.

އެހެން ނަމަވެސް، އެމެރިކާ އަމަލު ކުރަނީ ޓައިވާނަކީ މިނިވަން ދައުލަތެއް ގޮތަށެވެ. ޗައިނާ އާއެކު ގާތް ގުޅުމެއް ބާއްވަން އެދޭ ނަމަ އެމެރިކާ ވެސް "ވަން ޗައިނާ" ޕޮލިސީއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ޗައިނާ ބުނާ ބުނުމަށް އެމެރިކާ ވެސް ރުހެ އެވެ. އެކަމަކު އަމަލުކުރާތީ ފެންނަނީ އެނޫން ގޮތަކަށެވެ.

ޕެލޯސީގެ ދަތުރުގެ ސަބަބުން ޓައިވާން ކަނޑުއޮޅިގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް ޗައިނާގެ އަސްކަރިއްޔާ އޮތީ ވަރަށް ބޮޑަށް ތައްޔާރަށެވެ.

ޕެލޯސީގެ ޖެޓަށް ޗައިނާއިން ހަމަލާއެއް ދީފާނެ ކަމަށް ޓައިވާންގެ އަސްކަރިއްޔާ ވެސް އޮތީ ސަމާލުވެގެންނެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި މުގޯޅިއަޅާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ވެސް އޮތީ ތައްޔާރީ ހާލަތުގަ އެވެ.