ސްޓާ ޕްލަސްގެ އެއްވަނަ ޝޯ "އަނޫޕަމާ"ގައި މިހާރު ދައްކަނީ ބެލުންތެރިން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ކަހަލަ ޖަޒުބާތުން ފުރިގެންވާ ހާދިސާ ތަކެކެވެ. އަދި ޝޯގެ އެންމެ މުހިއްމު އެއް ކެރެކްޓާކަމަށްވާ އަނޫޖް (ގޯރަވް ކަންނާ) ޝޯ އިން ވަކިވާން އުޅޭ ކަމުގެ އިޝާރާތްތަކެއްވެސް މި ސިލްސިލާ ބަލާ މީހުންނަށް މިހާރު ދަނީ ލިބެމުންނެވެ.
އަނޫޖް މަރުވާ ކަމަށް ޝޯގައި ދައްކައި އޭނާ ޝޯ އިން ބޭރުކޮށްލަން އުޅޭކަމުގެ އިޝާޜާތްތައް ލިބި ޝޯގެ ފޭނުން ސޯޝަލް މީޑީއާގައި މިކަމާ ވަރަށް ނުރުހުން ފާޅުކުރަމުން ދެއެވެ. އަދި ކޮންމެ އެޕިސޯޑަކުން އަނޫޖްގެ ކެރެކްޓާ ދައްކާ ވަރު މަދުވަމުންދާތީ ވެސް އެމީހުން ހީކުރަނީ މިއީ ވެސް އަނޫޖްގެ ކެރެކްޓާ ޝޯ އިން ބޭރުކުރަން އުޅޭ ކަމުގެ ނިޝާނެއް ކަމަށެވެ.
ނަމަވެސް އީ-ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ގޯރަވް ބުނީ "އަނޫޕަމާ"ގައި ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ހިނގާ މަންޒަރު ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ. އަދި ޝޯގައި ހުރިހާ ކަމެއްވެސް ދަނީ ވަރަށް އޮމާންކޮށް ކަމަށާއި އޭނާ އެ ޝޯއަށް މުޅިން ޚާއްސަވެފައި ހުރި ކަމަށްވެސް ގޯރަވް ބުންޏެވެ.
"އަނޫޖްގެ ކެރެކްޓާ ތަރައްގީ ކުރާނެ ގޮތާ މެދު ޝޯގެ ޕްރޮޑީއުސަރު ރާޖަން ޝާހީގެ ތަސައްވަރަށް އަހަރެން ފުރިހަމައަށް އިތުބާރުކުރަން. އަދި އަހަރެން މިހިރީ ޝޯއަށް މުޅީން ޚާއްސަވެގެން،" ގޯރަވް ބުންޏެވެ.
އަނޫޖްގެ ކެރެކްޓާ އަށް މި ދުވަސްވަރު ޝޯއިން ޖާގަ ލިބެނީ ވަރަށް މަދުންނެވެ.
"އަހަރެންނަށް މި ކެރެކްޓާގެ ވާހަކަ ކިޔައިދިންއިރު ބުނި އަނޫޖް އަކީ އާއްމުކޮށް ހިންދީ ސިލްސިލާތަކުން ފެންނަ ކެރެކްޓާއާ ވަރަށް ތަފާތު ކެރެކްޓާ އެކޭ. އެހެންވީމަ އަނޫޖްގެ ކެރެކްޓާ ދެކެ ޝޯ ބަލާ މީހުން އެހާ ލޯބިވަނީ ވެސް،" ގޯރަވް ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދެއްކި "އަނޫޕަމާ"ގެ ޕްރޮމޯގައި އަނޫޖް ވަރަށް ހާލުބޮޑުވެ ކޯމާ އަށް ގޮސްފައި އޮތް ތަން ދައްކާފައިވެ އެވެ. އަދި އަނޫޕަމާ އެކަނި މާއެކަނި ކަޕާޑިއާ އާއިލާގެ މީހުންނާއި ޝާހް އާއިލާގެ މީހުންނާ ކުރިމަތިލާން ޖެހިގެން އުޅޭތަން ވެސް މި ޕްރޮމޯގައި ދައްކަ އެވެ. އެހެންވެ ބެލުންތެރިން ހީކުރީ މި ޝޯގައި އަނޫޖްގެ ކެރެކްޓާ މަރުވުމުން އަނޫޕަމާއަށް މި ހާލު ޖެހެނީ ކަމަށެވެ.