ދުނިޔެ

ޗައިނާ ކަންކުރީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށް: އެމެރިކާ

އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިނުގަތުމަށް ޗައިނާއިން އެދިއެދި އޮއްވައި، އޭނާ ވަނީ ޗައިނާގެ އިހުސާސަށް އެއްވެސް އިހުތިރާމެއް ކުރެއްވުމެއް ނެތި ޓައިވާނަށް ވަޑައިގެންފަ އެވެ.

ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ އެމެރިކާ އާއި ޗައިނާގެ ގުޅުން ވަރަށް ގޯސްވެދާނެ ކަމަށް ވެސް ޗައިނާ އޮތީ ބުނެފަ އެވެ. އަދި ހާލަތަށް ބަލައި އަސްކަރިއްޔާ ނެރެން ޖެހިދާނެ ކަމަށްވެސް ޗައިނާއިން ބުންޏެވެ.

ވައިޓް ހައުސް އިން ބުނި ގޮތުން ޕެލޯސީގެ ދަތުރާ ގުޅުވައިގެން ޗައިނާއިން ހަމަނުޖެހުން ހިންގާނެ ކަމަށް ކުރިން އޮތީ ހީކުރެވިފަ އެވެ. އެހެން ނަމަވެސް ޗައިނާއިން ކަންކުރީ އެއަށް ވުރެ ޒިންމާދާރު އަދި ހަރުދަނާކޮށެވެ.

ޗައިނާއިން ހަމަނުޖެހުން ހިންގަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވައިޓް ހައުސްއިން ބުނެ އެވެ. އެމެރިކާ ބުނާ ގޮތުން ޕެލޯސީ ޓައިވާނަށް ވަޑައިގަތުން "ވަން ޗައިނާ" ޕޮލިސިއާ ފުށެއް ނާރަ އެވެ.

އެމެރިކާ އާއި ޔޫރަޕް ގައުމުތަކުގެ ވެރިން ޓައިވާނަށް ވަޑައިގެން ޓައިވާން މިނިވަންކުރަން މަސައްކަތް ކުރެއްވުމަކީ ޗައިނާއިން ކަނޑައަޅާފައި އޮންނަ "ވަން ޗައިނާ" ޕޮލިސީއާ ޚިލާފު ކަމެކެވެ.

ޗައިނާ ދެކޭ ގޮތުގައި ޓައިވާނަކީ ވަކިން އޮންނަ ޗައިނާގެ އަވަށެކެވެ. ޓައިވާން ހިންގައި މެނޭޖުކުރުމަށް ވަކި ސަރުކާރެއް އޮތް ނަމަވެސް ޗައިނާގެ މައި ސަރުކާރާ ގުޅުން ކެނޑިގެން ނުވާނެ ކަމަށް ޗައިނާ ގަބޫލުކުރެ އެވެ.

އެމެރިކާއިން "ވަން ޗައިނާ" ޕޮލިސީ ގަބޫލުކުރާ ކަމަށް ބުނި ނަމަވެސް ޓައިވާންއާ މެދު އަމަލުކުރަނީ މިނިވަން ދައުލަތަކާ އެކު މުއާމަލާތްކުރާ ގޮތަށެވެ.

އެމެރިކާގެ ވިސްނުމަކީ ޗައިނާއާ ވާދަކުރެވޭ ވަރަށް އަދި ޗައިނާ ދީފާނެ ކޮންމެ ފަދަ ހަމަލާއަކުން ޓައިވާން ރައްކާތެރި ކުރުމެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ބާރުގަދަކުރުން އެމެރިކާއާށް ވެފައި އޮތީ ރިހުމަކަށެވެ. އަސްކަރީ ގޮތުންނާއި އިގުތިސޯދީ ގޮތުން ޗައިނާ ކުރިއަރައިގެންދާ ބާރުމިނުގައި ދާނަމަ އެމެރިކާއަށް ބަލާލާނެ މީހަކު ވެސް ނުވެދާނެކަން އެމެރިކާއަށް އެނގެ އެވެ.

އެހެންކަމުން ބުލީކުރުމާއި ޖެއްސުން ކުރުން އަދި އިގުތިސޯދީ ގޮތުން އުނދަގޫ ކޮށްގެން ނަމަވެސް ޗައިނާ ހުއްޓުވުމަކީ އެމެރިކާއަށް ފެންނަ އޮތް އެންމެ މޮޅު ގޮތެވެ.

އެމެރިކާއިން ޗައިނާއަށް ގަދަރުކުޑަކޮށް ކަންކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޓައިވާނަށެވެ. ޕެލޯސީގެ ދަތުރަށްފަހު ޗައިނާއިން އެ މަސައްކަތް ފަށާނެ އެވެ. ޗައިނާއިން އެންމެ ބޮޑަށް ބަލާނީ ޓައިވާންގެ ވެރިކަށް ފުރޮޅާލުމަށެވެ.

އެމެރިކާއިން ބޮޑެތި ބާރުތަކާ ކުޅެން ހަދައިން އެހެން ގައުމުތަކަށް ލިބޭ ގެއްލުމާއި ހަލާކު ޔުކްރޭނުން އެ ފެންނަނީ އެވެ. ޔުކްރޭން ހަނގުރާމަ އަކީ ވެސް ރަޝިއާއަށް ޖެއްސުންކުރުމާއި ކަމޭ ނުހިތުމުގެ ނަތީޖާ އެވެ.