ބަރަކް އޮބާމާ

އޮބާމާގެ ކުއްތާއެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ކުއްތާއެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އޮފިޝަލުން ވިދާޅުވީ ސްކޮޓް ސްޓޮކާޓް ނަމަކަށް ކިޔާ މީހަކު އޮބާމާގެ ދެ ކުއްތާ ކަމުގައިވާ ބޯ އާއި ސަނީގެ ތެރެއިން އެކަތި ވަގަށް ނަގަން ރާވަމުން އައި ކަމަށެވެ.

އަދި އެމީހާ ހައްޔަރުކުރުމަށްފަހު ކާރު ބަލައި ފާސްކުރި އިރު ބަޑި އަކާއި ރައިފަލް ފަދަ ހަތިޔާރުތައް ފެނުނު ކަމަށާއި އޭނާ ހައްޔަރުކުރަން އުޅުމުން އެކި ކަހަލަ ވާހަކަ އޭނާ ދައްކަން މަސައްކަތްކުރި ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އެގޮތުން އެމީހާ އަކީ ކުރީގެ ރައީސް ޖޯން އެފް ކެނެޑީއާއި އެކްޓްރެސް މެރިލީން މެންރޯގެ ދަރިއެއްކަމަށާއި އޭނާ އެމެރިކާގެ ވެރިކަމަށް ވާދަކުރަން އުޅޭ ކަމަށް ވެސް ބުންޏެވެ.

އެންމެ ފުރަތަމަ ބޯ އޮބާމާ ގެންގުޅެން ފެށީ 2009 ވަނަ އަހަރެވެ. އަދި ބޯގެ "ކޮއްކޮ" އެއްގެ ގޮތުގައި ސަނީ ގެނެސްފައިވަނީ 2013 ވަނަ އަހަރު އެވެ.