އެމްޓީސީސީ

ހަނިމާދޫ މަގުތަކުގައި ތާރު އަޅާ ނިންމައިފި

ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީ އިން ނިންމާލައިފި އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެރަށުގެ 46,466 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ އިތުރު މަސައްކަތްތައް އަދި ނުނިމެ އެވެ.

މި މަޝްރޫއުގެ ދަށުން 16,518 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ވެސް ގާއިމުކުރާނެ އެވެ. އަދި 38,916 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމްކުރާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 19,679.7 އަކަމީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވެ އެވެ.

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.