ހާސިލުކުރަން ރާވާފައި އޮތް ލަނޑުދަނޑިތަކަށް ވާސިލް ވެވެންދެން ޓައިވާން ކަނޑުއޮޅީގައި އަދި އެއަށް ވުރެވެސް ޓައިވާނާ ގާތުގައި އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށް ޗައިނާ އޮތީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން މިހާރު އަސްކަރީ ފަރިތަކުރުންތައް ފަށައިފި އެވެ. ފަރިތަކުރުންތައް ނުފަށައި މަޑުކުރި ސަބަބެއް ކަމަށް ވަނީ އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ދިމާކޮށް އަސްކަރިއްޔާ ހަރަކާތްތެރި ކުރުވަން ހަދައިގެން އެމެރިކާއާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އެމެރިކާއާ ކުރިމަތިލައި މުޅި ދެކުނު ޗައިނާ ކަނޑުގައި ހަނގުރާމަ ކުރުމަކީ ޗައިނާ ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޗައިނާ އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް ޓައިވާން މިނިވަންކުރަން އެމެރިކާ ކުރާ މަސައްތަތްތަކަށް ހުރަސްއަޅާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.
ޕެލޯސީ މިހާރު އުޅުއްވަނީ ޓައިވާންގަ އެވެ. އެ ގައުމަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަކުކުރައްވައި އެމެރިކާއިން ދޭނެ އެހީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގަތީ އެ ދަތުރު ނުކުރުމަށް ޗައިނާއިން އެދިއެދި އޮއްވަ އެވެ. ޗައިނާއަށް ގޮންޖައްސަވައި ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ތަޖުރިބާކާރުން ސިފަކުރަނީ ގޮތް ދޫނުކުރުމުގެ އަމަލެއް ގޮތުގަ އެވެ.
ޓައިވާން ކަނޑުއޮޅީގައި ޗައިނާ ހިންގާ އަސްކަރީ ހަރަކާތްތަކާ ބެހޭ ތަފުސީލް މީޑިއާއަށް އަދި އެނގިފައެއް ނުވެ އެވެ. އަސްކަރީ ފަރިތަކުރުންތައް ފުޅާވެގެން ގޮސް ދެން ޗައިނާގެ އަމަލުތައް އެހެން ގޮތަކަށް ބަދަލުވުމަކީ ދުނިޔެއަށް ހުރި ބިރެކެވެ.