ބޭންކް އޮފް މޯލްޑިވްސް

ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ މަޝްރޫއުތައް ހޮވައިފި

Aug 3, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެހީ ދޭނެ މަޝްރޫއުތައް ކަނޑައަޅައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ކޮމިއުނިޓީ ފަންޑުގެ އެހީ ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަގަޅު ފަސް ޕްރޮޕޯސަލް ހޮވާފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ހުޅުވާލާފައިވާ ފަންޑެކެވެ.

ދެވަނަ ކުއާޓަރުގައި އެހީ ދިނުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އއ. ހިމަންދޫއާއި ހދ. ނޭކުރެންދޫއާއި ދ. ހުުޅުދެލީގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުމަށާއި އއ. ބޮޑުފުޅަދޫ ސްކޫލުގައި އާރްއޯ މެޝިނަކާއި ފެން ޑިސްޕެންސަރެއް ބެހެއްޓުމަށާއި، އދ. ފެންފުށީގައި ޕްރޯސްކޫލު ޕާކެއް ތަރައްގީކުރުމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން މިހާތަނަށް 70 ޕްރޮޖެކްޓްގެ މަސައްކަތަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.

ކޮމިއުނިޓީ ފަންޑުން މިއަހަރު އިތުރު 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވެސް ބީއެމްއެލް އިން ނިންމާފައިވެ އެވެ.