ރައީސް މުހައްމަދު ނަޝީދު

ޔޫކޭގައި ރައީސް ނަޝީދުގެ ފޯނު ފޭރިގެންފި

Aug 3, 2022
6

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ލަންޑަންގައި ފޭރިގެންފި އެވެ.

ނަޝީދުގެ ފޯން ފޭރިގަތީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށް ނަޝީދުގެ ދަރިކަނބަލުން ވަނީ މާލޭގައި ތިއްބެވި އާއިލާގެ ބޭފުޅުންނަށް މެސެޖަކުން އަންގަވާފަ އެވެ. ނަޝީދުގެ ފޯން ފޭރިގެންފައިވާތީ ދަރިކަނބަލުން އެދިވަޑައިގެންފައިވަނީ ފޯން ނަންބަރު ބްލޮކް ކޮށްދެއްވުމަށެވެ.

ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ދަރިކަނބަލުންގެ މެސެޖު މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ފޯން ފޭރިގަތުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ނިއުޝާ ވަނީ މެންބަރުން ތިއްބަވާ ގުރޫޕުން ރައީސް ނަޝީދުގެ ނަންބަރު ވެސް މިރޭ ރިމޫވް ކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ފޯން ފޭރިގެންފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ނަޝީދުގެ ފޯނު ފޭރިގެންފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނުގެ ފޯނުގައި ހުރި ކަމަށް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެެ. އެކަމަކު ތުހުމަތުތައް ރައީސް އޮފީހުން ދޮގުކުރެ އެވެ.