ދުނިޔެ

ޔުކްރޭން ގްރޭން ބޯޓު ލުބްނާނަށް މިސްރާބު ޖަހައިފި

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭންގައި ތާށިވެފައި ހުރި އެތައް މިލިން ޓަނެއްގެ ގޮވާން އެ ގައުމުން ބޭރުކުރަން -- އެކްސްޕޯޓްކުރަން އދ. އާއި ތުރުކީ ހެކިވެ އެއްބަސްވުމެއްގައި ހަތަރު ފަރާތަކުން ސޮއިކުރި އެވެ.

ޔުކްރޭން ގްރޭން އެއްބަސްވުން ނުވަތަ ޔުކްރޭން ގްރޭން ޑީލުގައި ސޮއިކުރީ ރަޝިއާ، ޔުކްރޭން ތުރުކީ އަދި އދ. އިން ޖުލައި 22 ގައެވެ.

މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ގޮވާން ގައުމުތަކަށް އެކްސްޕޯޓް ކުރެވޭނީ އދ އާއި ތުރުކީ އަދި ރަޝިއާ އާއި ޔުކްރޭންގެ އޮފިޝަލުން ބެލުމަށްފަހު ގޮވާން ބަރާކޮށްގެން ތުރުކީގެ އިސްތަންބޫލަށް ގޮސް "ޖޮއިންޓް ކޯޑިނޭޝަން ސެންޓާ" (ޖޭސީސީ)ގެ އޮފިޝަލުން ބަލައި ފާސްކުރުމަށް ފަހު އެވެ.

މި ތަރުތީބުން ގޮވާން ބަރުކުރި ފުރަތަ ބޯޓު އިސްތަންބޫލަށް ގޮސް މިހާރު ވަނީ ލުބްނާނަށް މިސްރާބު ޖަހާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ބޯޓުގައި 26،500 ޓަނުގެ ޒުވާރި އެބަ ހުއްޓެވެ. ބޯޓު ބަނދަރުކުރާނެ ކަމަށް ބުނަނީ ލުބްނާންގެ ތަރާބުލުސް ގައެވެ.

ޔުކްރޭންގެ އޮދެއްސާ ބަނދަރުން ގޮވާން ބަރާކޮށްގެން ހޯމަ ދުވަހު ދަތުރަށް ނުކުތް "ރަޒޯނީ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ތުރުކީގައި ބަނދަރުކުރީ އަންގާރަ ދުވަހު އެވެ.

އޮފިޝަލުން ބުނާ ގޮތުން ބޯޓުގައި ހުރީ ކޮންއެއްޗެއްތޯ ބެލުމަށް ހޭދަކުރަން ޖެހުނީ ގަޑިއެއްހާއިރެވެ. އޮފިޝަލުން ބޮޑަށް ބެލީ އުޅަނދުގައި އުފުލުން މަނާ މުދަލެއް -- ހަތިޔާރާއި ގޮވާތަކެތި ހުރިތޯ އެވެ. އަދި ގެއްލުން ބޮޑު އެފަދަ އެހެން އެއްޗެއް ހުރިތޯ އެވެ.

ޔުކްރޭނުން ގޮދަންފުށް ވަގަށް ބަރުކޮށްގެން ލުބްނާނަށް ދިޔަ ބޯޓެއްގެ މައްސަލަ ވެސް މިދާކަށް ދުވަހު ވަނީ ހިލިފަ އެވެ. އެ ބޯޓު ހިފަހައްޓައި އޭގައި ހުރި ފުށާއި ބާރުލީ ވެސް ހިފަހައްޓަން ލުބްނާންގެ ކޯޓަކުން އަމުރުކުރި ނަމަވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ލުބްނާން ފުށަށްޖެހި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. ޕާން ލިބުން ދަތިވެ ގަޔަށް ބޮލަށްއަރާ ލޭކޮށާލާ ދުވަސްތައް ވެސް ދެ އެވެ.

ޕާން ވިއްކާ ފިހާތައް ދޮށުގައި ހާޖާނު ހަދައި ފިހާރަތަކުގައި ހުޅުޖަހައި އަމަން ގެއްލުވާލާފައިވަނީ ވެސް ކިތަންމެ ދުވަހަކު އެވެ. ރުޅިގަދަވެފައި ތިބި އާންމުން މަތަކުރަން ޖެހިފައިވަނީ ފުލުހުން ޖަމާވެގެންނެވެ.