ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މައްސަލަ: އެތައް އިއުތިރާޒްތަކަށްފަހު އޮއިއްޓެގެ ހެކިބަސް ނަގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފަައިވާ ދައުވާއާ ގުޅިގެން އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާތައް އުފުލި ކަމަށް ބުނާ މުހައްމަދު ހުސައިން (އޮއިއްޓެ) ހާޒިރުކޮށް އެތައް އިއުތިރާޒްތަކަކާއެކު ހެކިބަސް ނަގައިފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި އޮއިއްޓެ ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވެފައި ވަނީ ލަންޑަންގައި ހުންނަ ހައި ކޮމިޝަނުގައި އޮންލައިންކޮށެވެ. އޮއިއްޓެ އަކީ އެމްއެމްޕީއާރްސީ ހިޔާނާތް ހިނގައިދިޔައިރު އަދީބުގެ ޕާސަނަލް ޑްރައިވަރުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ޔާމީންގެ ފަރާތްޕުޅުން ވަކީލުން އިއުތިރާޒް ކުރަމުން ދަނިކޮށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް އޭނާ އެހެން ގައުމެއްގައި ހުރުމުން އެކަމަށް އިއުތިރާޒް ކުރި އެވެ. އޮއިއްޓެ އަކީ ރާއްޖެ އަންނަން ހުރަހެއް އޮތް މީހަކަށް ނުވާއިރު، އޭނާ ކުރިމަތީ ބަހައްޓައިގެން ކުރެވޭ ސުވާލުތަކުގެ އިތުރުން ލިޔެކިޔުން ބަދަލުކޮށްގެން ސުވާލުކުރުމުގެ ފުރުސަތު މިހާލަތުގައި ލިބިގެން ނުވާ ކަމަށް ރައީސް ޔާމީންގެ އިސް ވަކީލް، ޑރ. މުހައްމަދު ޖަމީލް ވިދާޅުވެފަ އެވެ.

އެކަމަކު ދައުލަތުން ބުނެފައި ވަނީ އޮއިއްޓެ އަކީ ރާއްޖެއިން ބޭރުގެ ރަށްވެހިކަމުގައި އުޅޭ މީހަކަށް ވެފައި އޭނާ ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށެވެ.

ދެން ޔާމީންގެ ފަރާތްޕުޅުން އިއުތިރާޒް ކުރީ އޮއިއްޓެގެ ހެކިބަހަކީ މި މައްސަލައާ ގުޅޭ ހެކިބަހެއް ނޫން ކަމަށް ވިދާޅުވެއެވެ. އެގޮތުން އާރަށު މައްސަލައިގައި ހިމެނެނީ ޔާމީންގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރަށްވެފައި، ސުވާލު ކުރެވެނީ ނަގުދު ފައިސާ ޔާމީން އާއި ހަވާލުކުރި މައްސަލައެއްގައި ކަމަށް ދިފާއީ ވަކީލުން ފާހަގަކުރެއްވި އެވެ.

އިއުތިރާޒްތަކާއެކު ކޮންމެވެސް ވަރަކަށް ސުވާލު ކުރުމުގެ ފުރުސަތު ދެފަރާތަށް ވެސް ލިބުނެވެ. އޮއިއްޓެ ކިޔައިދިން ގޮތުގައި ޔާމީނާއި އެންމެ ފުރަތަމަ ދިމާވެފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. އެއީ އަދީބު ބުނެގެން އެއް މިލިއަން ރުފިޔާ ހުރި ކަރުދާސް ކޮތަޅެއް ޔާމީނާ ހަވާލުކުރުމަށް ދޫވެއްސަށް ދިޔަ ދުވަހެއްގައި ކަމަށެވެ. އެ ކޮތަޅުގައި ހުރީ 500 ރުފިޔާގެ 10 ބޮނޑި ފައިސާ ކަމަށާއި ބޮނޑިއެއްގައި ހުރީ 50،000 ރުފިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ ފަހުން ވެސް އެކި ދުވަސް މަތިން ޔާމީނާ ދިމާވެފައިވާ ކަމަށް އޮއިއްޓެ ހެކިބަސް ދެމުން ބުންޏެވެ.

އަދި ފައިސާ ހަވާލުކުރަނީ ހަމައެކަނި ޔާމީނާ ނޫން ކަމަށާއި ވިޔަފާރިވެރިން ދޭ ފައިސާ ވެސް އޭނާ އުފުލާ ކަމަށް ކިޔައިދިނެވެ. އަދީބަކީ އާންމުކޮށް ވަރަށް ގިނައިން ފައިސާ ގެންގުޅޭ މީހެއް ކަމަށާއި އޭނާ ދިރިއުޅޭ ގޭގަޔާއި އޮފީހުގައި އަދި ކާރުގައި ވެސް ފައިސާ ގެންގުޅޭ ކަމަށް އޮއިއްޓެ ބުންޏެވެ. އެ ފައިސާއިން ސިޔާސީ މީހުންނަށާއި ބޭސްފަރުވާގެ އެހީ ބޭނުންވާ މީހުންނާއި އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އަދީބު އެހީތެރިވާ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ އަޑުއެހުމަށް އައުމުގެ ކުރިން އެއްވެސް މީހަކު އަދި ހާއްސަކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ފަރާތުން ވަކިގޮތަކަށް ހެކިބަސް ދިނުމަށް އެދިފައިވޭތޯ ވެސް ޔާމީންގެ ފަރާތުން ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބު ދެމުން އޮއިއްޓެ ބުނެފައި ވަނީ އެއްވެސް މީހަކު މަޖުބޫރުކޮށްފައި ނުވާ ކަމަށެވެ. އޭނާ އެހުރި ގައުމުން އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި އެކަމަކު ރާއްޖޭގައި ހުރި ނަމަ ބަޔަކު މަޖުބޫރު ކޮށްފާނެ ކަމަށެވެ. މިހާރުވެސް އިންޒާރުތައް ލިބޭ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ގައުމުގައި އޭނާއަށް އެއްވެސް ބިރުވެރި ކަމެއް ނެތް ކަމަށެވެ.

ދިފާއުން އިތުރަށް ވަނީ އޮއިއްޓެގެ ބަޔާނުގައި ފާހަގަކޮށްފައިވާ މީސްމީހުންގެ ނަންތައް ފާހަގަކޮށްފަ އެވެ. އެގޮތުން ދުންޔާ މައުމޫނަށާއި "ގާސިމް ޕާޓީ" ކިޔާ މީހަކާއި އަކުރަމް ކަމާލުއްދީންގެ އިތުރުން "އިބޫ" ކިޔާ މީހަކަށް ފައިސާ ދީފައިވާ ކަމަށް ތަހުގީގަށް އޭނާ ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަމަށް ދިފާއުން ފާހަގަކުރި އެވެ. އެކަމަކު އެ ސުވާލުތައް ކުރުމަށް ދައުލަތުން ވަނީ އިއުތިރާޒްކޮށްފަ އެވެ.

ދެފަރާތުން ވެސް އެތައް އިއުތިރާޒްތަކަކާއެކު ސުވާލުކޮށް ނިމުނުން މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޔޫސުފް ނައީމަށް ފުރުސަތު ދިނުމުން އެއްވެސް ސުވާލެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ދެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ވިދާޅުވެފަ އެވެ.