ހައްވާ ޒުހާ

ޕޯސްޓްމޯޓަމް ޒުހާގެ ހަށިގަނޑު ފޮނުވޭނެ ތާރީހެއް އަދި ނޭނގޭ: ފުލުހުން

މިދޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު މާލޭ މަގުމަތިން މަރާލަފައި އެއްލާލަފައި ކަމަށް ޝައްކުކުރެވިފައިވާ ލ. ގަން ތުނޑީ، ބާބުލް އަވާލީ، ހައްވާ ޒުހާ 23، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ގެންދާނެ ވަކި ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ގެންދިއުމުގެ ޕްރޮސެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ގެންދާނީ ކޮން ގައުމަކަށް ކަން ބުނަން އަދި ނޭނގޭ ކަމަށެވެ.

މިގެ ކުރިން ފުލުހުންވަނީ ޒުހާމަރުވީ ގުދުރަތީ މަރަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ޒުހާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އެބަޔާނުގައު ބުނެފައި ވަނީ "މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތަހުގީގުން އެނގިފައިވާގޮތުގައި މިއީ ގުދުރަތީ ގޮތުން މަރުވެފައިވާ މަރުވުމެއްނޫނެވެ. މީގެ އިތުރުން، މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ތުހުމަތު ކުރެވެނީ ޒުހާ މަރާލުމަށްފަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރެއަށް އެއްލާލާފައި އޮތީ" ކަމަށެވެ.

މި މައްސަލަ ފުލުހުން ބަލައި ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ކުރިން ކައިވެންޏެއްކޮށްފައިވާ ޒުހާގެ ދެ ދަރިން ވެސް ތިބެ އެވެ. އެ ކުދިން ބަލަނީ އެހެން ބައެކެވެ. އޭގެ ތެރެއިން އެއްކުއްޖަކު ހުންނަނީ ކުޑަކުދިންގެ ހިޔާގައި ކަމަށް ބުނެ އެވެ.