ދުބާއީ

ދުބާއީގައި އިމާރާތަކުން ވެއްޓުނު ދިވެއްސަކު މަރުވެއްޖެ

Aug 4, 2022

ދުބާއީގައި އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.

އިމާރާތެއްގެ ބެލްކަނިން ވެއްޓި މިދިޔަ އާދިއްތަ ދުވަހު މަރުވެފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ނާއިމު މޫސާ އެވެ.

ނާއިމު، ދުބާއީގައި ދިރިއުޅޭ ކަމާއި އިމާރާތަކުން ވެއްޓި މަރުވެފައިވާ ކަމަށް ތިނަދޫ ކައުންސިލުން ވެސް ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

ނާއިމު މަރުވީ އިމާރާތުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް މައުލޫމާތު ހިއްސާކުރި މީހުން ބުނެފައިވެ އެވެ.

ނާއިމުގެ ކަށުނަމާދާއި ޖަނާޒާ އޮތީ އިއްޔެ މަޣުރިބް ނަމާދަށްފަހު ދުބާއީގެ އަލްކޫޒް ސެމެޓްރީ މިސްކިތުގަ އެވެ.

ތިނަދޫއަށް ނިސްބަތްވާ ޒުވާނަކު އިމާރާތަކުން ވެއްޓި މަރުވެފައި މިވަނީ ހަމަ އެރަށަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މިއުސަމް މުހައްމަދު ސަލީމު ދުބާއީގައި ދިރިއުޅެމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން މިދިޔަ އަންގާރަ ދުވަހު މަރުވެފައި ވަނިކޮށެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއުސަމްގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އިން ދަނީ ކުރަމުންނެވެ.