ދުނިޔެ

ޕެލޯސީ ޓައިވާނަށް ފޮނުވިކަން އެމެރިކާ އަބަދަށް ހަނދާން ހުންނަވަރު ކުރާނަން: ޗައިނާ

އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ފޮނުވީ ޗައިނާއަށް ޖެއްސުން ކުރަން ކަމަށްވާތީ އެމެރިކާ އާއި ޓައިވާން އަބަދަށް ހަނދާން ހުންނަ ވަރު ކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާ އިން އަޅާ ފިޔަވަޅުތަކުގައި ބާރު ހުންނާނެ އެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗުނިޔިންގް ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ދިގުދަންމާނެ އެވެ. އަދި ހަމަލާތައް އަމާޒަށް ވާސިލުވާނެކަން ކަށަވަރު ކުރާނެ އެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަތުން އެމެރިކާއަށް މައްސަލައަކަށް ނުވި ނަމަވެސް އެކަން ގުޅިފައި އޮތީ ޗައިނާގެ މިނިވަންކަމާއި އިސްތިގުލާލާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޑިމޮކްރަސީ ދެމެހެއްޓުމަކީ ބަޔަކު ރުޅިއެރުވުން ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާ އަޒުމު ކަނޑައަޅައިފި ކަމެއްގައިނަމަ މަގުސަދު ހާސިލް ނުކޮށް ދޫކޮށް ނުލައްވާނެ ކަމަށެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ދެކޮޅުކަން ޗައިނާއިން ވަނީ އެމެރިކާއަށް އެތައް ފަހަރަކު ހަނދާންކޮށްދީފަ އެވެ. އެހެންނަމަވެސް ޗައިނާގެ އިހުސާސަށް ނުބަލައި ޕެލޯސީ ވަނީ ޓައިވާނަށް ވަޑައިގެން ބޮޑެތި ގައުމުތަކުގެ ވެރިން ޓައިވާނަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާއިން މިހާރު ދަނީ ޓައިވާން ވަށައި އަސްކަރީ ފަރިތަކުރުން ތަކެއް ބާއްވަމުންނެވެ. ޗައިނާ ބުނާ ގޮތުން ޓައިވާން އަކީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. ވަކި ވެރިކަމަކުން ޓައިވާން ހިންގި ނަމަވެސް މައި ސަރުކާރާ ގުޅުން ކެނޑިގެން ނުވާނެ އެެވެ.

ޓައިވާން ހިފާނެ ކަމަށް ޗައިނާ ވަނީ ކިިތަންމެ ފަހަރަކު ބުނެފަ އެވެ. އަދި އެކަން ކުރަން ބޭނުންވަނީ ލޭއޮހޮރުވުމަކާ ނުލައި ކަމަށްވެސް ބުނެފައިވެ އެވެ.