( 2 އޯގަސްޓް 2022 އާ ގުޅޭ )
"ރިކް..." މާޔަލް ގޮވާލިއެވެ. ދެ ޚިޔާލެއްގައި ހުރި ފަދައިން އޭނާއަށް ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ.
"ހާދަ ލޯބިން ތިގޮވާލީ. އަޑު އަހަން މިހުރީ." އައިރިކް ބުންޏެވެ.
"އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން." އައިރިކްއަށް ނަޒަރު ހުއްޓާލި ގޮތަށް ވިސްނަން ހުރެފައި މާޔަލް އެންމެފަހުން ބުނެލިއެވެ.
އައިރިކް އެއްޗެކޭ ނުބުންޏެވެ. ކުއްލިއަކަށް ބުނާނީ ވަކި ކީކޭކަން އޭނާއަށް ނޭނގުނީއެވެ. މާޔާ އެ ހެދީ ތެދެއްކަމެއް ނޫނީ ދޮގެއްކަމެއް ބުނާކަށް އޭނާއަކަށް ނޭނގެއެވެ. އެކަން އެނގޭނޭ ގޮތެއް ވެސް ނެތެވެ. އެއީ ތެދެކޭ ޤަބޫލުކުރާން އައިރިކްގެ ހިތެއް ނޭދެއެވެ.
"މެރީ ކުރަން ނިންމައިފިން." އައިރިކްގެ ހިމޭންކަން މާނަކުރާން ނޭނގިހުރެ މާޔަލް ބުންޏެވެ.
"މިވަގުތު އަހަރެންގެ ކައިރީގަ ހުރީ މީހެއްގެ އަނތްބެއްތަ؟." އައިރިކް ކުއްލިއަކަށް ސުވާލު ކުރިއެވެ.
"ނޫން. އެކަމަކު ވަރަށް..." މާޔަލްގެ ވާހަކައަށް އައިރިކް ހުރަސް އެޅިއެވެ.
"ދެޓްސް އިނަފް. އިތުރަށް އެ ވާހަކަ ނުދައްކާ." އައިރިކް ބުންޏެވެ.
މާޔަލްއާ މެދު ދެކޭ ގޮތް ބަދަލުކުރުމުގެ ގަސްދެއް އައިރިކްގެ ހިތަކު ނެތެވެ. ކައިވެނި ހަމަޖެހިފަ އޮތީވިއްޔާ އޭނާއަށް ވަގުތެއްނެތޭ އައިރިކްގެ ހިތް ބުންޏެވެ. އެ ކައިވެނީގެ ދުވަސް ޖެހެންވާއިރު މާޔަލްގެ ހިތަކީ އައިރިކްގެ މިލްކަކަށް އޭނާ ހަދާނެއެވެ. މާޔާގެ ފިރިމީހާއަށް ވާން ހުރީ ޚުދު އޭނާކަން އަމިއްލަ ނަފްސަށް އައިރިކް ބުންޏެވެ.
ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި އައިރިކްއާއި މާޔަލް ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. ދޭތެރެއަކުން އައިރިކްގެ މޫނަށް މާޔަލް ބަލާލައެވެ. ބާޔާންކުރާން ނޭނގޭ ދަތިކަމެއް ހިތަށް ލިބޭންވީ ސަބަބެއް މާޔަލްއަކަށް ނުވިސްނުނެވެ. އިވާންއާ ކައިވެނި ކުރާން އުޅޭ ވާހަކަ ބުނީ ކޮންކަމަކަށް ތަސައްލީ ބޭނުންވެގެން ހެއްޔެވެ. އައިރިކްގެ ކިބައިން މިންޖުވާން ހެއްޔެވެ. އައިރިކްގެ މައްޗަށް ހިތް ދޫވެދާނެތީ ބިރުން ހެއްޔެވެ. އަމިއްލަ ޟަމީރު ވެސް ހިތާ އެއްބަސް ކިޔައިގެން އުޅޭހެން މާޔަލްއަށް ހީވެއެވެ. ހިތާއި ޟަމީރު އެއްފަރާތްކޮށް ސިކުނޑީގެ މައްޗަށް ގަދަވެވޭތޯ މަޔާލް އުޅުނެވެ. އިވާންގެ ހުރި ރަނގަޅު ސިފަތަކަމާމެދު ވިސްނަން ސިކުނޑިއަށް މާޔަލް ބާރުއެޅިއެވެ. އެހެންވިޔަސް އެ އަޑު އޭނާގެ ހިތާ ހަމައަށް ފޯރާ ގޮތެއް ނުވިއެވެ.
"ހަބީބު ކަންނޭނގެ... މާޔާ... މާޔާ." ސަލާމް ގޮވާލި އަޑު އިވި އައިރިކް ބުންޏެވެ. ނަމަވެސް ކައިރީގަ ހުރި މާޔާގެ ހިލަމެއް ނުވުމުން އޭނާ އަތް ދަމާލިއެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި މާޔަލް ހަޤީޤަތުގެ ދުނިޔެއަށް ގެނުވީ އައިރިކްގެ ބީހިލުމެވެ. ސިހިފައި ނިކަން އަވަހަށް އައިރިކްގެ އަތް ދުރުކޮށްލުމާއެކު މާޔަލް ޖެހިލީ ފަހަތަށެވެ.
"ހަބީބު ކަންނޭނގެ. އޭނާ ވިއްޔާ އެ އައީ އަހަރެން ބުނެގެން." އައިރިކް ބުންޏެވެ.
މާޔަލް އެތެރެއަށް ވަދެގެން އައެވެ. ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ޑްރައިވަރު ހަބީބެވެ. އޭނާގެ އަތުގައި އޮތް ރަތްފިނިފެންމާ ބޮނޑި މާޔަލް ފެނުމާއެކު ދިއްކޮށްލިއެވެ. އަދި އައިރިކް ބުނެގެން ގެނައި އެއްޗެއްކަމުގައި ބުންޏެވެ. މާޔަލް މާބޮނޑީގައި ހިފުމާއެކު ހަބީބު އައިކޮޅަށް ހިނގައިގަނެއްޖެއެވެ.
"ހަބީބު ދޯ. އޭނާ ގެނައިތަ އެއްޗެއް." މާޔަލްގެ ފިޔަވަޅުގެ އަޑު ކައިރިވުމާއެކު އައިރިކް ވާހަކަދެއްކިއެވެ.
"ކޮންތާކު ބަހައްޓަންވީ." މާޔަލް އަހާލިއެވެ.
"ކޯއްޗެއް އޭނާ ގެނައި." އައިރިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ހަބީބު ގެނައި ކޯއްޗެއްކަން އެނގޭ ކަހަލައެވެ.
"މާބޮނޑިއެއް... ފިނިފެންމާ ބޮނޑިއެއް." މާޔަލް ބުންޏެވެ.
"ތީ މާޔާއަށް." އައިރިކް ނިކަން އަވަހަށް ބުނެލިއެވެ.
"ކީއްވެ؟." މާޔަލްއަށް ސުވާލުކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ.
"ތީ ހަދިޔާއެއް. މާޔާގެ މޫޑު ރަނގަޅުވޭތޯ. ކަމަކާ ދެރަވެފަ ހުންނަހެން ހީވާތީ... ޔޫ ލަވް ފްލާވާސް. އެހެންވެ މާޔާ އުފާވާނޭ ހިތާ ދިން ހަދިޔާއެއް." އައިރިކް މަޑުމަޑުން އައިސް މާޔަލް ހުރި ހިސާބު ލަފާކޮށް ހުއްޓިލިއެވެ.
"އަހަންނަށް މާ ކަމުދާކަން އެނގެނީ ކިހިނެއް." މާޔާ ހައިރާންވިއެވެ.
"އަހަންނަށް މާޔާ އެނގޭތީ." އައިރިކްގެ ތުންފަތް އިހުނަށްވުރެ ދެމިލައިފިއެވެ.
"އައިތަން..." މާޔަލް ބުނަން އުޅެފައި ހުއްޓާލިއެވެ. އައިތަންގެ ފަރާތުން އައިރިކްއަށް ކަމެއް އެނގުނީބާއޭ މާޔަލް ހިތަށް އެރިއެވެ. ހަމައެވަގުތު އައިތަން އޭނާގެ ހަޤީޤަތެއް އައިރިކްއަށް ކިޔައި ނުދޭނޭ ހިތް ބުނެފިއެވެ. އަދި ބުނެވޭ އެއްޗަކުން އޭނާގެ ހަޤީޤަތް އައިރިކްއަށް ބޭޒާރުވެދާނޭކަން މާޔަލްއަށް ވިސްނުނީއެވެ.
"އައިތަންއެއް ނޫން. އައިރިކް... އަހަރެން ދިނީ." އައިރިކްގެ އަޑު ހަރުކަށިވެލިއެވެ. އޭނާ ކޮށްދޭކަމެއް މާޔަލްއަށް ބަލައިގަންނަން އުނދަގޫވަނީ ކީއްވެބާއޭ އައިރިކް ހިތަށް އެރިއެވެ. އޭނާ ގާތްވާން މަސައްކަތްކުރާ ވަރަކަށް މާޔަލް ދުރަށްދާން ބޭނުންވަނީ ކީއްވެ ހެއްޔެވެ. އޭނާގެ ލޮލަށް ނުފެނުނަސް މާޔަލްއަށް އައިރިކް ފެންނާނެ ނޫން ހެއްޔެވެ. މާޔަލްއަށް އައިރިކްއަކީ ކާކުކަން އެނގޭނެކަން އައިރިކް ޤަބޫލުކުރެއެވެ. ވީއިރު އެއްވެސް ކަމެއް ނޭނގޭ ކަމަށް މާޔަލް ހެދިގެން އެ އުޅެނީ ކީއްވެ ހެއްޔެވެ. އައިރިކްގެ ހިތަށް އެންމެ އުނދަގޫވަނީ އެހެންވެއެވެ. އޭނާއަށް މާޔަލްއަކީ ކާކުކަން ޔަގީންކުރެވޭއިރު މާޔަލްއަށް އޭނާ ދަންނަކަމަށް ނުހަދާތީއެވެ.
"މިއަދު މަސައްކަތެއް ކުރާހިތް ނެތީތަ؟." މާޔަލް ވާހަކަ ބަދަލުކޮށްލިއެވެ.
އައިރިކް ސޯފާތަކާ ދިމާއަށް އައެވެ. އޭނާ އާންމުކޮށް އިންނަ ސޯފާގައި އިށީނެވެ. މަސައްކަތް ފަށަންވީކަން މާޔަލްއަށް ވިސްނުނެވެ. އޭނާ އައިސް އައިރިކް އިން ސޯފާގެ އަނެއްކޮޅުގައި އިށީނދެއްޖެއެވެ. އައިތަން އެދުނު ކަންތައް މާޔަލްއަށް ހަނދާންވީ އެވަގުތެވެ. އެހެންނަމަވެސް އޭނާ މަޑުކުރީ ދުވަހަށް މަސައްކަތް ނިންމާލާ ގަޑީގައި އައިރިކްއާ އެ ވާހަކަ ދައްކާށެވެ. މަސައްކަތްތައް ފެށުމާއެކު އައިރިކްގެ ފަރާތުން ވެސް ފެނިގެންދިޔައީ ސީރިއަސްކަމެވެ.
* * * * *
ސައިކަލު މަތީ އިން ޒުވާނާ ނިތްކުރިމަތިން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ތެމިފައިވާ އިސްތަށިގަނޑުން ފެންތިކިތައް އޭނާގެ މޫނަށް ފައިބަމުން ދިޔައެވެ. ވިއްސާރަކޯޓު ލައިގެން ހުރިއިރު ވެސް ކަނދުރާމަތިންނާއި ކަރުދޮށުން ފެންތިކިތައް ރޮނގުހަދާލާފައި ފައިބައިގެން އައިސް އޭނާ ލައިގެން އިން ޓީޝާޓަށް ހިނދެމުން ދާއިރު ޓީޝާޓުގެ ކަރުދޮށް އެކީހެން ވަނީ ފޯވެފައެވެ. އެކަމަށް އޭނާގެ ފަރުވާލެއް ނެތް ފަދައެވެ. މާވިއްކާ ފިހާރައަށް ބަލަން އިންއިރު ޒުވާނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުން ފުޅާވެލިއެވެ. އޭރު ފިހާރަ ތެރޭގައި ދެ އަންހެންކުދީން ހަރަކާތްތެރިވަމުން ދިޔައެވެ. އޭނާ އެ ހިސާބަށް އައީ އެ މަންޒަރު ދުށުމަށެވެ. ނަމަވެސް ގިނައިރު މަޑުކޮށްލުމުގެ ނަސީބެއް ނުލިބުނެވެ. ވާރޭ ބޯކޮށްލުމާއެކު އޭނާއަށް މަޖުބޫރުވީ ސައިކަލު ދުއްވާލާށެވެ.
"ކޮންތާކުން ތިއައީ؟. ވަޒީފާއަށް ނުދާ ދުވަހަކީތަ؟." ގޭތެރެއަށް ވަދެގެން އައި ދަރިފުޅު ފެނުމާއެކު އަނީސާ ބުންޏެވެ.
މަންމަގެ އަޑު އިވުނު ކަމަށް އޭނާ ނުހެދިއެވެ. އައިގޮތަށް ވަނީ އޭނާއަށް ދީފައި ހުންނަ ކޮޓަރިއަށެވެ. ގޭގައި އުޅޭނަމަ ގިނަ ވަގުތު އޭނާ ހޭދަކުރާ ތަނަކީ އެއީއެވެ. ޅައުމުރުން ފެށިގެން އޭނާ އެގޮތަށް ހޭނިފައި ހުރީމައެވެ. ޢާއިލާ ބޮޑެއްކަމަކު ޢާއިލާއެއްގެ އުފާވެރިކަމާއި ލޯތްބަކީ ކޮބާކަމެއް އޭނާއަކަށް ނޭނގެއެވެ. މަންމަގެ ލޯތްބާއި ސަމާލުކަން ލިބޭތޯ އޭނާ މަސައްކަތްކުރި އަމުރެއް އައެވެ. ނަމަވެސް ވާންނެތް ކަންކަމަށް އުންމީދު ކުރުމަކީ މޮޔަކަމެއްކަން އޭނާއަށް ވިސްނުނީއެވެ.
ފާޚާނާގައި ވިއްސާރަކޯޓު އަޅުވާފައި ނުކުމެ ލައިގެން ހުރި ޓީޝާޓާއި ޖީންސު އޭނާ ބޭލިއެވެ. ގޮނޑި މަތީ ޖީންސު އަޅުވާފައި އަލަމާރިން ނެގި ކޮނޑަށް ޓީޝާޓު މަހާލުމާއެކު ހެދުން އަޅުވަން ހުރި ދަނޑީގައި އެ ކޮނޑު އަޅުވާލިއެވެ. ދެން އޭނާ އައިސް އެނދަށް އެރިއެވެ. ހެޑްބޯޑާއި ބުރަކަށްޓާއި ދޭތެރެއަށް ބާލީހެއް ހެޔޮވަރުކޮށްލައިގެން އިނދެ ފޯނު ބަލަން ފެށިއެވެ.
"ސީރިއަސްވެއްޖެނަމަ އަހަންނަށް ލިބިދާނެތަ؟. އަސްލު... ލައިކްވެދާނެއެކޭ ހިޔެއްނުކުރާން." ފޯނުގެ އިސްކުރީނަށް ބޮޑުކޮށްލި އަންހެންކުއްޖާގެ ފޮޓޯގަނޑަށް ބަލަން އިނދެ އޭނާ ވާހަކަދެއްކިއެވެ.
އުމުރުން އޮނަތިރީސް އަހަރުވީއިރު ހަޔާތުގެ ދުވަސްތައް ދިޔައީ މަޖަލުގައެވެ. އެތައް މަލަކުން ފޮނިބޮމުންނެވެ. ދޮގާއި މަކަރުން ހޯދި މުއްސަނދިކަމުގައެވެ. ނަމަވެސް އެއިން ކޮންމެ އުފާވެރިކަމެއް ދެމި އޮތީ މަދު ދުވަސްކޮޅަކަށެވެ. ހަޔާތުގެ ދުވަސްތައް މަޑުޖެހި އަލުން ދިރިއުޅުމާމެދު ވިސްނާނޭ ވަގުތު ލިބުނުއިރު އޭނާ ހުރީ ޖަލުގައެވެ. އޭރު އެކުވެރިއެއްގެ ގޮތުގައި ވަކީލަކު ހުރީތީ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޖަލުން ސަލާމްކޮށްދިނީ އޭނާއެވެ. ނަމަވެސް އެއީ އެ އެކުވެރިކަމުގެ ނިމުމެވެ. އޭނާއަށް ހެދުނު ގޯހެއްގެ ބަދަލު ބަޔަކު އޭނާގެ ފުށުން ހިފީކަން ދެނަހުއްޓެވެ. ޖަލުން ސަލާމަތްވީއިރު އަތުގައި އެއްވެސް އެއްޗެއް ނެތެވެ. އެނބުރި މަންމައާއި ދޮންބައްޕަގެ ގާތަށް އޭނާއަށް އަންނަން ޖެހުނީ އެހެންވެއެވެ. އޭގެ ފަހުން ދެ އަހަރު ފާއިތުވެއްޖެއެވެ.
* * * * *
ފޯނަށް ބަލަން އިނދެފައި އައިރިކްއަށް މާޔަލް ބަލާލިއެވެ. އޮފީހުގެ "ގާލާނައިޓް" އާ ގުޅުވައިގެން ބާއްވަން ހަމަޖެހިފައި އޮތް ޙަފްލާ ރޭވިފައިވާ ގޮތުގެ ތަފްސީލު އައިތަން ފޮނުވީއެވެ. ހޯމަ ދުވަހު ބާއްވަން އޮތް ޙަފުލާ އަވަސްކުރީއެވެ. ހަފްތާ ބަންދާ ދިމާކޮށް ހުރިހާކަމެއް އިންތިޒާމު ކުރެވިފައި އޮތީ ރިސޯޓުގައެވެ. ހުރިހާ މުވައްޒަފުން ފުރަން ހަމަޖެހިފައި އޮތީ ހުކުރުވިލޭރޭ ނުވައެއް ޖަހާއިރުއެވެ. އަދި ހުކުރު ދުވަހުގެ ހުކުރު ވަގުތު ފިޔަވާ ހެނދުނުން ފެށިގެން ރޭގަނޑު އެގާރަ ޖަހަންދެން އެކި ކަންކަން ކުރުމަށް އޮތީ ރާވާފައެވެ. އެނބުރި އަންނަން އޮތީ ހޮނިހިރު ދުވަހު މެންދުރުއެވެ.
"ވާހަކައެއް ބުނަންވެފަ އެބައޮތް." މާޔަލް ފޯނަށް ބަލަހައްޓައިގެން އިނދެފައި އައިރިކްއަށް ބަލާލިއެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ސޯފާގެ އަތްގަނޑުގައި ކަނާއަތުގެ އުޅަންބޮށި ވިއްދާލައިގެން އެ އަތަށް ދަތްދޮޅިދީގެން އައިރިކް އިނެވެ. އިރުކޮޅަކު މަޑުކޮށްލާފައި މާޔަލް އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އޮފީހުގެ "ގާލާ އިވެންޓް"އާ ބެހޭ ގޮތުންނެވެ. އައިތަން ފޮނުވާފައި އޮތް ތާވަލުގައި އޮތް ގޮތަށެވެ. ކަންކަން އިންތިޒާމުކުރެވިފައި އޮތް ގޮތް އައިރިކްއަށް ކިޔާދިނެވެ.
"އަހަރެން ދިއުން މުހިންމެއްނޫން." އައިރިކް މިހެންބުނެ ސޯފާއިން ތެދުވިއެވެ. އޭނާގެ ފަރުވާތެރިކަން އެކުލެވޭ ހިނގުމުގައި އައިސް މެދެއްހާ ހިސާބުގައި އެލުވާފައި ހުރި އުނދޯލި ކައިރީ މަޑުކޮށްލިއެވެ. އޭނާގެ ފަހަތުން މާޔަލް އައިސް ހުއްޓިލިއެވެ.
"ކީއްވެ؟. އެހެން މީހުން ހަމްދަރުދީ ފާޅުކުރާނެތީތަ؟. ނޫނީ ބިރުންތަ؟." މާޔަލް ބުންޏެވެ.
ނޭނގި ނަމަވެސް މާޔަލް ހާމަކުރީ އައިރިކް ކަންބޮޑުވާ ސަބަބުތަކެވެ. މަގުމައްޗަށް ނުކުމެ އުޅޭން އޭނާ ޖެހިލުންވާއިރު އޭނާ ރަށުން ބޭރަށް ދާނީ ކިހިނެއް ހެއްޔެވެ. މީހެއްގެ އެހީތެރިކަމާ ނުލާ އޭނާއަށް ނޫޅެވޭނެކަން އެނގޭއިރު އެ މަންޒަރު އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ފެންނާކަށް އޭނާ ނޭދެއެވެ.
"ރިކް... އެކަނި އެކަކަށްވެސް ނޫޅެވޭނެ. ބައެއްފަހަރު މީހުންގެ ހަމްދަރުދީ ވެސް ޤަބޫލުކުރަން ވާނެ. ރިކްއަށް ހުރި ހުރަސްތަކާއެކު ވެސް ދުނިޔެއާ ކުރިމަތިލުމަކީ ބަލިކަށި މީހަކު ކުރާނެކަމެއްނޫން. ޔޫ އާ ސްޓްރޯންގް. އަހަންނަށް އެނގުނު ގޮތުގަ ރިކް އެކަނި އަމިއްލައަށް ފެނިގެން ބޭރަށް ނުކުތީ މިއަދު. ކުރީން އުޅޭހެން ނޫޅެވޭނެ. އެތައް މުވައްޒަފުންނެއް ނުހަނު އިހްތިރާމްކުރާ ވެރިޔެއްތީ. އެހެންވީމަ އެ ދަތުރުން އައިރިކް ފެނިލުމަކީ ވެސް އެތައް ބަޔަކު ހިތްހަމަޖެހޭނެ މަންޒަރަކަށްވާނެ. އިސާކު ސާރއާއި އައިތަން ބުނާގޮތުންނަމަ ރިކް ތީ ބިޒްނަސްގެ ފޭސްއަކީ... އަދި އިތުރަށް ކުޑަ ހިތްވަރެއްލާފައި ދާނަމޭ ބުނެބަލަ." މާޔަލް ކުރިއަށް ޖެހިލައި އައިރިކްގެ ކަނާއަތްތިލައިގަ ހިފާލިއެވެ. އެއާއެކު އައިރިކްއާ ގާތަށް އޭނާ މާޔަލް ދަމާލައިފިއެވެ.
"މާޔާ ހުންނާނަންތަ އަހަރެން ކައިރީ. ހުރިހާ ވަގުތެއްގަ. ފަޅި ސިކުންތަކަށް ވެސް ދުރަށް ނުގޮސް. އަހަރެންގެ ހުރިހާކަމެއް ކޮށްދޭން." އައިރިކް އަހާލިއެވެ.
"އައިތަން ބުނެފަ އޮތީ. ރިކް ދާނަމަ އަހަރެން ދާންޖެހޭނެކަން." މާޔަލް ބުންޏެވެ.
"އައިތަން ބުނީމައެއްނޫން. އަހަންނަށް ޓަކައި... މާޔާ ދާންވީ އަހަންނަށް ޓަކައި. އަހަރެންނާއެކު ހުރިހާ ވަގުތެއް ހޭދަކުރާނަންކަމަށް ވަޢުދުވޭ." އައިރިކް ބުންޏެވެ.
"އޭރުން ދާނަންތަ؟. އެހެންވިއްޔާ ޕްރޮމިސްކޮށްފިން. އެކޮޅަށް ދިޔައީސުރެ އެނބުރި އާދެވެންދެން ރިކްއާ ދުރަކަށް ނުދާނަން." މާޔަލް ވަޢުދުވިއެވެ.
* * * * *
ރިންގުވަމުން ދިޔަ ފޯނު މާޔަލް ބިޒީކޮށްލާއިރަށް އަނެއްކާ ވެސް އިވާން ގުޅައެވެ. އޭނާ ފޯނުކޯލު ނުނަގަން އިނީ އައިތަންއާއެކު ކާރުގައި އިނީމައެވެ. މާޔަލްގެ އަތުގައި އޮތް މާބޮނޑިއާ މެދު އައިތަން ސުވާލުކުރިއެވެ. އައިރިކް ދިން އެއްޗެއްކަން އައިތަންއަށް އެނގުމުން އޭނާ ސުވާލު އުފެދުނެވެ. އޭނާގެ ބޭބެ އެފަދަ ހަދިޔާއެއް މީހަކަށް ދީފާނޭކަން ޤަބޫލުނުކުރެވުނީއެވެ. މާޔަލް ހަމަޖައްސާލީ އެއީ އައިރިކް ދިން ޝުކުރުގެ ހަދިޔާއެއްކަމުގައި ބުނެއެވެ. ކޮންކަމަކަށްތޯ އައިތަން އެހުމުން އެއީ ހޮސްޕިޓަލަށް އައިރިކްއާއެކު ދިޔައީމަކަން މާޔަލް ބުންޏެވެ. އައިތަންގެ ވާހަކަ ހުރި ގޮތުން މާޔަލްއަށް ޔަގީން ކުރެވުނު ކަމަކީ އެ މާބޮނޑިއަކީ އައިތަންގެ ޚިޔާލެއް އެކަމުގައި ނެތި އައިރިކް އަމިއްލައަށް ތައްޔާރު ކުރި އެއްޗެއް ކަމެވެ. އެހެންވިޔަސް އޭނާ މަލަށް ލޯބިކުރާކަން އައިރިކްއަށް އެނގެންވީ ކިހިނެއްބާއޭ މާޔަލް ހިތާ ސުވާލުކޮށްލެވުނެވެ.
އިމާރާތަށް ވަދެގެން އައިސް މާޔަލް ކުއްލިއަކަށް ހުއްޓުނެވެ. ލިފްޓު ކައިރީ ފާރުގައި އެއްފައި ވިއްދާލައިގެން ފޯނު އަތަށް ލައިގެން ހުރި ޒުވާނާ ފެނިފައެވެ. އެހިނދު އޭނާގެ ނަޒަރު ވެސް މާޔަލްއާ އަމާޒުވެލައިފިއެވެ. އަދި މަޑުމަޑުން އޭނާގެ ނަޒަރު ދަތުރުކޮށްލީ މާޔަލްގެ ދެއަތުގެ ތެރޭ ހިފަހައްޓާލެވިފައި އޮތް މާބޮނޑިއަށެވެ. (ނުނިމޭ)