ދުނިޔެ

އެމެރިކާ އަސްކަރިއްޔާގެ ފަރިތަކުރުންތަކެއް ޓައިވާނާ ގާތުގައި

ޓައިވާން ކަނޑުއޮޅީގައި ޗައިނާ އަސްކަރިއްޔާގެ ފައުޖުތައް ގިނަވުމަކީ އެމެރިކާއަށް އޮތް ބިރެއް ނޫން ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ. އަދި ބުނީ ޗައިނާގެ ބާރުވެރިކަން ދެކެފައި ބިރުން ފިލަން ދުރަށް ނުދުވާނެ ކަމަށެވެ.

ޗައިނާއިން ޓައިވާން ވަށާލައި އަސްކަރީ ފަރިތަކުރުންތަކެއް ހިންގަމުން ގެންދަނިކޮށް މާދުރުނޫން ހިސާބެއްގައި -- ޓައިވާން ފެންނަ ހިސާބުގައި އަސްކަރީ ފަރިތަކުރުންތަކެއް ފަށާނެ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ޕެންޓަގަންއާ ހަވާލާދީ ވިދާޅުވި ގޮތުން ކަނޑުގެ ފައުޖުތަކަށް މިހާރު ވަނީ އިރުޝާދު ދެވިފަ އެވެ. އަދި ޓައިވާންއާ ދުރަށް ނުގޮސް އަސްކަރީ ފަރިތަކުރުންތައް ރޭވުމަށް އޮތީ އަންގާފަ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަކީ ޗައިނާގެ މިނިވަންކަމާ އިސްތިގުލާލަށް ކުރި މަލާމާތެއް ކަމަށް ބުނެ ޗައިނާއިން ވަނީ ބަދަލުހިފުމަށް އަސްކަރިއްޔާ ނެރެފަ އެވެ.

ޓައިވާން ކަނޑުއޮޅީގައި އަދި ޓައިވާންއާ ވަރަށް ގާތުގައި ޗައިނާ ސިފައިން ގެންދަނީ ރޮކެޓާއި މިސައިލް ފަދަ އަސްލު ހަތިޔާރު ބޭނުންކޮށްގެން ފަރިތަކުރުންތަކެއް ކުރިއަށް ގެންދަމުންނެވެ. މި ފަރިތަކުރުންތަކަކީ ޓައިވާންއަށް އަރަން ޖެހިއްޖެނަމަ ކަންކުރާނެ ގޮތުގެ އަމަލީ ކަސްރަތެކެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި ޓައިވާންގެ ހިމާޔަތުގައި އެމެރިކާ އޮންނާނެ ކަމަށް ވައުދުވި ފަދައިން އަމަލީ ގޮތުންވެސް އެކަން ކުރާނެ އެވެ. އޭނާ އަދި ވިދާޅުވި ރަޝިއާ ދައްކާހާ ކުޅިވަރެއްގައި އެމެރިކާ ނުޖެހޭނެ ކަމަށާއި ގާބިލުކަން އެބަހުރި ކަމަށެވެ.

ޗައިނާގެ ފަރިތަކުރުންތަކާ ގުޅިގެން ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނީ އިސްވެ ހަމަލާއެއް ނުދޭނެ ކަމަށާއި ދުޝަމަނުންގެ ކިބައިން ސަލާމަތްވުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.