މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކާމިލްދީދީ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އެހެން ސްކޫލުތަކަށް

Aug 5, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް ތައްޔާރުވަމުންދާ ފުރަތަމަ ސްކޫލް -- އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވެންދެން އެ ސްކޫލުގެ ދަރިވަރުން ކިޔަވާނީ ހުޅުމާލޭގެ ތިން ސްކޫލެއްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަހްމަދު ކާމިލްދީދީ ސްކޫލު އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިއަހަރުގެ މާޗް އެވެ. ޖުމްލަ 12 ކްލާސް ރޫމު ހިމެނޭ މި ސްކޫލު އަންނަ ހަފްތާގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އިއްޔެ ނޫސްވެރިންނާ ހިއްސާކުރައްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ 165 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި ސްކޫލުގެ މަސައްކަތް ލަސްވީ ޔުކްރޭން ރަޝިއާ ހަނގުރާމައިގެ ސަބަބުން ބައެއް ތަކެތި ލިބުން ލަސްވުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަހްމަދު ކާމިލްދީދީ ސްކޫލު ހުޅުވެންދެން އެ ސްކޫލުގެ ދަރިވަރުން ކިޔަވާނީ ހުޅުމާލޭގައި ހިންގަމުންދާ ސަރުކާރުގެ ތިން ސްކޫލު ކަމުގައިވާ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލާއި އަދި ގާޒީ ސްކޫލުގައި ކަމަށެވެ.

އަހްމަދު ކާމިލްދީދީ ސްކޫލުގެ ދަރިވަރުން ހުޅުމާލޭގެ ސްކޫލުތަކަށް ވަގުތީ ގޮތުން ދާނީ ކާމިލްދީދީ ސްކޫލުގެ ޔުނީފޯމުގަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަހްމަދު ކާމިލްދީދީ ސްކޫލު ހަވާލުކުރުމާ އެކު އެތަނުގައި ނެޓްވޯކް އެޅުމާއި އިތުރު ވަސީލަތްތައް ގާއިމުކޮށް ނިންމުމަށްފަހު އެންމެ ލަސްވެގެން ކުރިއަށް އޮތް ސެޕްޓެމްބަރު ހަތަރުވަނަ ދުވަހުގެ ކުރިން ސްކޫލު ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެކަމަކު އެއަށް ވުރެ ވެސް ކުރިން މަސައްކަތް ނިންމާ ހުޅުވޭތޯ މިނިސްޓްރީން ވަރަށް މަސައްކަތް ކުރާނެ،" އައިޝަތު އަލީ ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސީއެޗްއެސްސީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އަންނަ އަހަރުގެ މާޗް މަހު އެ ސްކޫލު ބޭނުންކުރެވޭ ވަރަށް މަސައްކަތްތައް ނިންމަން އެޑިޔުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ޕްރީ ސްކޫލް ނިންމާ ކުރިއަށް އޮތް އޮކްޓޫބަރުގައި އެ ސްކޫލު ހުޅުވުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އަދިވެސް ބައެއް ދަރިވަރުންނަށް ބައެއް ފޮތްތައް ލިބިފައެއް ނުވެ އެވެ. ބައެއް ސްކޫލުތަކުގައި ބައެއް ވަސީލަތްތައް ވެސް އަދި ހަމަޖެހިފައެއް ނުވެ އެވެ.