ބޮލީވުޑް

ސަލްމާންގެ "ބައިޖާން"ގައި ދުނިޔޭގެ އެންމެ ކުޑަ ލަވަކިޔުންތެރިޔާ

ދުނިޔޭގެ އެންމެ ކުޑަ ލަވަކިޔުންތެރިޔާ ކަމަށްވާ ތަޖިކިސްތާނުގެ އަބްދު ރޯޒިކް އަށް ބޮލީވުޑުން ފުރުސަތެއް ލިބިއްޖެ އެވެ.

އޭނާއަށް މި ފުރުސަތު ދިނީ ސަލްމާން ޚާނެވެ. ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ސެލެބްރިޓީއެއް ކަމަށްވާ އަބްދު އަކީ ކުޑައިރު ޖެހުނު ބައްޔަކަށް ފަރުވާ ކުރެވޭނެ ތަނަވަސްކަމެއް ނެތި ފަރުވާ ނުކޮށް ހުރުމުގެ ސަބަބުން ހެދިބޮޑުވުން ހުއްޓިފައި ހުރި އިސްކޮޅުން ވަރަށް ކުރު މީހެކެވެ.

މިހާރު ވެސް ބަލާބެލުމަށް އޭނާ ހީވަނީ ހައެއްކަ އަހަރުގެ ކުއްޖެއް ހެންނެވެ.

ނުކުޅެދުންތެރިކަން ހުރިނަމަވެސް އަބްދުގެ ހިތްވަރެއް ބައްޔެއް ނުވެ އެވެ. ތަޖިކިސްތާނުގެ ރެޕް ލަވަތައް ކިޔައި އޭނާ ގަވާއިދުން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުން ދެއެވެ. އޭނާގެ ޔޫޓިއުބު ޗެނަލް އަށް ސަބްސްކްރައިބް ކޮށްފައިވާ މީހުން އެތައް ހާހަކަށް އަރަ އެވެ.

މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ 18 އަހަރުގެ މި ލަވަކިޔުންތެރިޔާ މިހާރު ދަނީ ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވަމުންނެވެ.

އަބްދު އަށް މުހިއްމު ރޯލެއް ލިބިފައިވަނީ ސަލްމާން މިހާރު ކުޅެމުންދާ "ބައިޖާން" އިންނެވެ. މި ފިލްމު ފެއްޓީ "ކަބީ އީދު ކަބީ ދިވާލީ"ގެ ނަމުގަ އެވެ. ނަން ބަދަލުކުރީ މާފަހުންނެވެ.

އަބްދުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި މެސެޖެއްގައި "ބައިޖާން" އަށް ތައްޔާރުކަމަށް ބުނެފައިވެ އެވެ. ފަހުން ތަޖިކިސްތާނު ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ މި ފުރުސަތު ލިބުނީތީ ސަލްމާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި "ބައިޖާން"ގައި އޭނާ ކުޅެނީ ގޭންގްސްޓާރެއްގެ ރޯލު ކަމަށްވެސް އަބްދު ބުންޏެވެ.

ސަލްމާނާއި އަބްދު ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ މިއަހަރު ކުރީކޮޅު ދުބާއީގައި އޮތް އައިފާ އެވޯޑު ރަސްމިއްޔާތުގަ އެވެ.

ފަރްހާދް ސަމްޖީ ޑައިރެކްޓްކުރާ "ބައިޖާން"ގައި ސަލްމާންގެ އިތުރުން ހަރަކާތްތެރިވަނީ ޕޫޖާ ހެގްޅޭ، ވެންކަޓޭޝް، ރާގަވް ޖުޔަލް، ޖައްސީ ގިލް، ސިދާޜްތު ނިގަމް، ޕަލަކް ތިވާރީ އަދި ޝެހެނާޒް ގިލް އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.