ބޮލީވުޑް

"ބޮއިކޮޓް އާލިއާ ބަޓް" މިގޮވަނީ ކީއްވެ؟

ޕްރޮޑިއުސަރެއްގެ ގޮތުގައި އާލިއާ ބަޓް އުފެއްދި ފުރަތަމަ ފިލްމު "ޑާލިންގްސް" މިހާރު ވަނީ ނެޓްފްލިކްސްގައި ރިލީޒްކޮށްފަ އެވެ.

މިފިލްމު ބެލި ބައެއް މީހުންނަށް މި ފިލްމުގެ ވާހަކަ ކަމުނުގޮސް ފިލްމާއި އާލިއާ ބަޓް ބޮއިކޮޓް ކުރަން ދަނީ ގޮވަމުންނެވެ.

ޚުދް އާލިއާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި ދައްކަނީ ލޯބިން ދެ މީހަކު ކައިވެނި ކުރި ނަމަވެސް ފިރިހެން މީހާގެ އަނިޔާވެރިކަމެވެ.

އަނިޔާ ލިބޭ އަނބި މީހާގެ ރޯލު ކުޅެފައިވަނީ އާލިއާ އެވެ. ފިރިމީހާގެ އަނިޔާއަށް ކެތް ނުވެގެން އާލިއާ އޭނާގެ މަންމަ (ޝިފާލީ ޝާޙް)އާ ގުޅިގެން ފިރިމީހާއަށް ރަނގަޅު ފިލާވަޅެއް ދޭގޮތް މި ފިލްމުގައި ދައްކަ އެވެ.

އިންޓަނެޓު ބޭނުންކުރާ ގިނަ މީހުން "ޑާލިންގްސް"އާ ހިތްހަމަނުޖެހިގެން އުޅެނީ ގެވެށި އަނިޔާގެ ތެރެއިން ފިރިހެނުންނަށް ކުރާ އަނިޔާ ޕްރޮމޯޓްކުރާ ކަމަށް ބުނެފަ އެވެ. އެހެންވެ ބޯއިކޮޓްއާލިއާބަޓް ހޭޝްޓެގް މިހާރު ޓުވިޓާގައި ދަނީ ޓްރެންޑް ވަމުންނެވެ.

މި ފިލްމާ ހިތްހަމަނުޖެހި ފިލްމު ބޮއިކޮޓްކުރާ މީހުން ބުނަނީ އިންޑިއާގެ 3.4 ކްރޯޑު ފިރިހެނުންނަށް ގެވެށި އަނިޔާގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އަދި މި ފިލްމުގެ ސަބަބުން އެކަން އިތުރަށް ޕްރޮމޯޓް ވާނެ ކަމަށެވެ. އަދި އާލިއާ ބޮއިކޮޓްކުރަން ގޮވަނީ ފިރިހެނުންނަށް ލިބޭ ގެވެށި އަނިޔާ އަކީ ހެއްވާ މަޖާ ކަމެއް ކަމަށް އޭނާ ދެކޭތީ ކަމަށް ވެސް ފިލްމު ބޮއިކޮޓްކުރަން ގޮވާ މީހުން ބުނެ އެވެ.

"ޑާލިންގްސް"އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނި ގޮތުގައި ގެވެށި އަނިޔާއަށް ބިރުން އެކަނިމާއެކަނި ދިރިއުޅޭ އެތައްހާސް ބަޔަކު މިހާރު ދުނިޔޭގައި އުޅެ އެވެ. އަދި ގެވެށި އަނިޔާ ލިބުނަސް ފިރިމީހާއާ ވަކިވެގެން އެކަނި ދިރިއުޅޭނެ ގޮތެއް ނޭނގި އެ އަނިޔާތައް ތަހައްމަލު ކޮށްކޮށްލާ ތިބޭ އަންހެނުންވެސް ވަރަށް ގިނަ ކަމަށް އޭނާ ބުންޏެވެ.

"ޑާލިންގްސް"އަކީ އެފަދަ އަންހެނުންނަށް އުއްމީދެއް ލިބޭނެ ފިލްމެއް ކަމަށް އާލިއާ ބުނެފައި ވެއެވެ.