އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ޓީޗަރެއް ސަސްޕެންޑް ކޮށްފި އެވެ.
މި ދެ މީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މީހުން އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ފިޔަވަޅު އެޅީ އެތައް ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު މި ދެ މީހުން ވެސް ގުޅުން ހިންގަނީ ކަމަށް ބުނާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފެއް ސަސްޕެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ އިސް ބޭފުޅަކު ޔަގީންކޮށްދީފައިވާއިރު މައްސަލައިގެ ތުހުމަތުގައި ޓީޗަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީންވެސް ޔަގީންކޮށްދެ އެވެ. ނަމަވެސް މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.
އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެ އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ނަސީރު އެއްޖިންސުން ގުޅުން ހިންގާފައިވަނީ އަލަމްގިރިއާ އެކު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާރު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.
މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި ދިރިއުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ވަކި ގޮތަކަށް ސެޓްކޮށްގެން ކަމަށް ބެލެވެ އެވެ.
އަލަމްގިރި ހައްޔަރުކުރުމުގެ ކުރީން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ. ވީޑިއޯތައް އާންމުވެ ދިވެހީންގެ ރުޅިފަޅައިގެން ދިއުމުން އަލަމްގިރި ވަނީ ވީޑިއޯއެއް އާންމުކޮށް ދިވެހީންގެ ކިބައިން މައާފަށް އެދިފަ އެވެ. އޭނާ ބުނީ އޭނާ އަކީ ވަރަަށް ފަގީރު މީހެއް ކަމަށާ ހެޔޮ ނުބައި ނޭނގޭ ކަމަށެވެ. އަދި ބުނީ އޭނާ އެދެނީ ދިވެހީންގެ މައާފު ލިބުމަށް ކަމަށެވެ.