ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހައިވަކަރު އަހްމަދުފުޅުގެ އާއިލާއަަށް ރައީސްގެ ތައުޒިޔާ

ދިވެހި ދައުލަތަށް ގިނަ އަހަރުތަކަކު ހިދުމަތް ކުރައްވާފައިވާ މއ. ހައިވަކަރުގޭ އަހްމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުވައިފި އެވެ.

އަހްމަދުފުޅު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މއ. ހައިވަކަރުގޭ، އަހްމަދުފުޅަކީ ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އަދި އަހުމަދުފުޅު އަވަހާރަވުމާ ގުޅިގެން އެ މަރްހްމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިތުރުން އަހްމަދުފުޅު ވަނީ ކުޅިވަރު ކުޅުއްވާ އަދި ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ތަމްރީން ދިނުމަށް މަޖީދިއްޔާ ސްކޫލުން ނެގި 24 ކުދިންގެ ތެރެއިން ގޯލްކީޕަރަކަށް ނެގި ދަރިވަރަކީ ވެސް އަހްމަދުފުޅެވެ.

އަހްމަދުފުޅު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގަ އެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ހިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ވަނަ އަހަރު ދިވެހި ސަރުކާރުން އޭނާގެ ހިދުމަތް އެހެން ދާއިރާއަކުން ބޭނުންވުމުންނެވެ.

އަހްމަދުފުޅު ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވަވާފަ އެވެ. މީގެއިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވެ އެވެ.

އުމުރުފުޅުން 89 އަހަރުގައި އަހްމަދުފުޅު އަވަހާރަވީއިރު އަނބިކަނބަލުން، ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ނަޖުމާ ހުސައިން (ނަޖުމާއްތަ) ދުނިޔޭގައި އެބަހުންނެވި އެވެ.