ބޮލީވުޑްގެ ބަތަލުންނާއި ބަތަލާއިންގެ އުމުރުގެ ތަފާތަކީ ވަރަށް ހޫނުކޮށް ބަހުސްކުރަމުންދާ ވާހަކަ އެކެވެ. އޭ-ލިސްޓް އެކްޓަރުންގެ ގޮތުގައި ބެލެވޭ ބަތަލުން އެމީހުންނަށް ވުރެ ދެ ގުނަ ހަގު ބަތަލާއިންނާއެކު ލޯބީގެ ފިލްމުތައް ކުޅޭތީ އަބަދުވެސް ފާޑުކިޔަ އެވެ.
ބަތަލާއިން ކައިވެނި ކުރުމުން ނުވަތަ އުމުރުން ތަންކޮޅެއް ދުވަސް ވެލުމުން ކުޅެން ލިބެނީ މަންމަ ބައެވެ. ނުވަތަ ސަޕޯޓިން ރޯލެކެވެ. ބަތަލުންނަށް ވުރެ ބަތަލާއިންގެ ފިލްމީ ކެރިއަރު މާކުރުވަނީ މި ސަބަބާ ހެދި އެވެ.
އެގޮތުން 2005 ގައި ރިލީޒްކުރި "ވަގުތު"ގައި އަކްޝޭ ކުމާރުގެ މަންމަގެ ރޯލު އަދާކުރީ ޝިފާލީ ޝާހް އެވެ. އޭރު ޝިފާލީއަށް 32 އަހަރެވެ. އަކްޝޭ އަށް 37 އަހަރެވެ.
ބަތަލާ ނީނާ ގުޕްތާގެ ޝަކުވާ އަކީ ބޮލީވުޑް ފިލްމުތަކުގައި ބަތަލާއިންނަށް އެމީހުންގެ އުމުރާ ގުޅޭ ރޯލުތައް ނުދިނުމެވެ. މިސާލަކަށް އޭނާ ނެގީ މިދިޔަ އަހަރު ރިލީޒްކުރި "ސާންޑް ކީ އާންކް" އެވެ. އެ ފިލްމުގައި ވަރަށް ދުވަސްވީ ދެ އަންހެނުންގެ ރޯލު ކުޅުނީ ޒުވާން ދެ ބަތަލާއިން ކަމަށްވާ ތާޕްސީ ޕަންނޫ އާއި ބޫމީ ޕެޑްނޭކަރް އެވެ. ނީނާ ބުނާ ގޮތުން ނަމަ މިއީ ހަގީގަތުގައި އޭނާގެ އުމުރުގެ ބަތަލާއިންނަށް ދޭން ޖެހޭ ރޯލުތަކެވެ.
މިއަހަރު ރިލީޒްކުރި އަކްޝޭގެ "ސަމްރަތު ޕްރިތުވިރާޖް"ގައި އަކްޝޭގެ ލޯބިވެރިޔާގެ ރޯލު މާނޫޝީ ޝީލާ ކުޅެފައިވާތީ އެކަމާ ވެސް ވަރަށް ގިނަ ބަޔަކު ފާޑު ކިއެވެ. މާނޫޝީ އަކީ އަކްޝޭގެ ދަރިއެއްހާ ހަގު ބަތަލާއަކަށް ވާތީ އެވެ.
މިހާރު އެންމެ ގަދަޔަށް ފާޑޫކިޔަމުންދާ އެއް ފިލްމަކީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގައި 57 އަހަރުވީ އާމިރުގެ މަންމަގެ ރޯލު 40 އަހަރުގެ މޯނާ ސިންގް އަދާކުރާތީ ގިނަ ބަޔަކު ދަނީ އެކަމާ ވަރަށް ޖޯކު ޖަހަމުންނެވެ. އަދި މިކަމާ ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކަށް އާމިރު ވަނީ ޖަވާބު ދީފަ އެވެ.
އާމިރު ބުނި ގޮތުގައި ކޮންމެ އުމުރެއްގެ އެކްޓަރަކަށް ވިޔަސް އޭނާ އެ ކުޅޭ އެކްޓަރެއްގެ އުމުރާ ގުޅޭ ގޮތަށް އެކްޓްކުރެވިއްޖެނަމަ އެއީ އެ ކެރެކްޓާ އެއްގެ ހުރި ރީތި ކަމެވެ.
"ފިލްމު ބެލީމަ އެންމެންނަށް ވެސް އެނގޭނެ ފިލްމުގައި މޯނާ ސިންގްގެ މޮޅުކަން. ބައެއް މަންޒަރުތަކުން ހީވާނެ ހާދަ ޅައޭ. އަނެއްބައި މަންޒަރުތަކުން ހީވާނެ ހާދަ މުސްކުޅިޔޭ،" އާމިރު ބުންޏެވެ.
"ލާލް ސިންގް ޗައްޑާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. މި ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލާނީ އަކްޝޭގެ "ރަކްޝާ ބަންދަން" އެވެ.