ބޮލީވުޑް

އަމީތާބުގެ "ޝެހެންޝާހް" ލިޔެ ނިންމާލިތަނާ ލިޔުންތެރިޔާ ވަނީ މަރުވެފައި!

Aug 6, 2022

ބޮލީވުޑުން އެންމެ ރީތި ފިލްމުތައް ނެރެފައިވަނީ 80ގެ އަހަރު ތަކުގަ އެވެ. އެ ދުވަސްވަރު ނުކުތް ފިލްމުތަކުގެ ތެރޭގައި ހަނދާނުން ފޮހެލަން ދަތި މޮޅު ފިލްމުތަކެއް ހިމެނުނެވެ. "ކަރްޒް"، "އުމްރާއޯ ޖާން"، "ގަޔާމަތުސޭ ގަޔާމަތު ތަކް" ފަދަ ފިލްމުތަކެވެ.

އަމީތާބު ބައްޗަންގެ ކެރިއަރުގެ މުހިއްމު ފިލްމުތަކެއް ވެސް އެ ދުވަސްވަރު ނުކުތެވެ. ހާއްސަކޮށް އެ މުއްދަތުގައި ރިލީޒްކުރި އަމީތާބުގެ "ޝެހެންޝާހް" ފާހަގަ ކޮށްލެވެ އެވެ.

ޓީނޫ އާނަންދް ޑައިރެކްޓްކޮށްފައިވާ "ޝެހެންޝާހް" ރިލީޒްކުރީ 1988ގެ ފެބްރުއަރީ ގައެވެ. އިނިސްޕެކްޓާ ވިޖޭގެ ރޯލު އަމީތާބު އަދާކުރި މި ފިލްމުގެ ބަތަލާ އަކީ މީނާކްޝީ ޝެޝާދްރީ އެވެ.

"ޝެހެންޝާހް"ގެ ވާހަކަ އާއި ޑައިލޯގް ލިޔެފައިވަނީ ޑައިރެކްޓަރު ޓީނޫގެ ބައްޕަ އިންދުރަރާޖް އާނަންދެވެ. ޓީނޫ ބުނި ގޮތުގައި އޭނާގެ ބައްޕަ މި ފިލްމުގެ ކްލައިމެކްސްގެ ޑައިލޯގްތައް ލިޔެފައިވަނީ މަރުގެ ތުންފަތްމަތީގައި އޮވެ އެވެ.

"ފިލްމުގެ ސެޓު ތައްޔާރުވެ ޝޫޓިންގް ފަށަން ތައްޔާރުވިއިރު ބައްޕަ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. ފިލްމުގެ ކްލައިމެކްސްގެ ޑައިލޯގްތައް އޮތީ ފުރިހަމަ ނުވެ. އަހަރެން ވަރަށް ކަންބޮޑުވި. އަހަރެން ބޭނުންވީ 23 ސަފުހާގެ ޑައިލޯގް ބައްޕަ ފުރިހަމަ ކޮށްދޭން. އެއީ ކޯޓުގައި އެންމެ އެކްޓަރަކު ދައްކާ ވަރަށް ވަރުގަދަ ވާހަކަތަކެއް ހިމެނޭ ޑައިލޯގްތަކެއް،" ޓީނޫ ކިޔައިދިނެވެ.

ޓީނޫ ބުނި ގޮތުގައި "ޝެހެންޝާހް"ގެ ކްލައިމެކްސް މަންޒަރުތަކުގެ ބައި އޭނާގެ ބައްޕަ ލިޔެދިނީ ހޮސްޕިޓަލުގެ ބަލި އެނދުގައި ވަރަށް ބަލި ހާލުގައި އޮވެ އެވެ.

"ބައްޕަ ބަލިވެ އޮއްވާ އަހަރެން ހޮސްޕިޓަލަށް ޒިޔާރަތް ކުރި ދުވަހަކު، ޑައިލޯގްތައް ނުނިމި ހުރީމަ އަހަރެން ކަންބޮޑުވެފައި ހުއްޓާ ބައްޕައަށް ފެނުނު. އަދި އަހަންނަށް ގޮވާފައި ކައިރިއަށް ގެނެސް އޮކްސިޖަން މާސްކް ތިރިކޮށްލާފައި އަހަރެން ކައިރީ ބުނި ހާސް ނުވާށޭ. ފިލްމުގެ ޑައިލޯގްތައް ލިޔެ ނިންމާލަދޭނަމޭ. ބައްޕަ ދިޔައީ ދަރިފުޅު އަނދަވަޅަކަށް ވައްޓާލާފައޭ އެއްވެސް މީހަކު ބުނުމުގެ ފުރުސަތެއް ނުދޭނަމޭ. އަހަރެންގެ އެސިސްޓެންޓެއްގެ އެހީތެރިކަމާއެކު ބައްޕަ އެ ފިލްމުގެ ޑައިލޯގްތައް ނިންމީ ބައްޕަގެ ހަޔާތުގެ އެންމެ ފަހު ދުވަހު. އެ މަސައްކަތް ނިންމާލިތަނާ ފުރާނަ ދިޔައީ،" ޓީނޫ ބުންޏެވެ.