ދުނިޔެ

ލޮއިޑް އޮސްޓިންގެ ފޯނުކޯލަށް ޗައިނާ ޖަވާބެއް ނުދިން

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ތަކުރާރުކޮށް ކުރެއްވި ފޯނުކޯލްތަކަށް ޗައިނާ ޖަވާބެއް ނުދިނެވެ. އޮފިޝަލުން ބުނާ ގޮތުން ޗައިނާގެ ހިމޭންވުމަކީ ރޭވުންތެރިކަމުގައި ނުރައްކާ ބޮޑު ކަމަކަށް ވާނެ އެވެ.

ޗައިނާއިން އެމެރިކާ ދެކެ ރުޅިއަރައިގަނެގެން އުޅެނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިނުގަތުމަށް ތަކުރާރުކޮށް އެދިފައި ވަނިކޮށް ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުންނެވެ.

ޓަައިވާން އަކީ ޗައިނާ ގަބޫލުކުރާ ގޮތުގައި ޗައިނާގެ ވަކިން އޮންނަ އަވަށެވެ. ޗައިނާ މައި ސަރުކާރުން ހުއްދަ ނުނަގައި ގައުމުތަކުގެ ވެރިން ޓައިވާނަށް ވަޑައިގެން ރަސްމީ ގޮތުން ހަރަކާތްތައް ބޭއްވުމަކީ މަނާ ކަމެކެވެ.

އެހެން ނަމަވެސް، އެމެރިކާއިން މަސައްކަތްކުރަނީ ޓައިވާން އަކީ މިނިވަން ދައުލަތަކަށް ހެދުމަށެވެ. އެއީ ޓައިވާނަށް އަސްކަރީ ގޮތުން ހަތިޔާރު ފޯރިކޮށްދީގެން ޗައިނާއާ ވާދަކުރެވޭ ފެންވަރުގެ ގައުމަކަށް ހެދުމަށެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ބާރުގަދަކުރުމަކީ ވެސް އެމެރިކާ އެދޭ ގޮތެއް ނޫނެވެ. އެ ސަރަހައްދުގައި އެމެރިކާ ބުނާހާ ގޮތެއް ހަދާ ގައުމެއް ބާރުވެރިކޮށްގެން މެނުވީ ޗައިނާ މައިތިރިކުރެވޭނެ ގޮތެއް ނެތްކަން އެމެރިކާއަށް އެނގެ އެވެ.

އެހެން ނަމަވެސް، ޗައިނާ އަކީ އެމެރިކާ ދަމާހާ ގުއިރޯނެެއްގައި ޖެހޭނެ ބައެއް ނޫންކަން އެމެރިކާ އަށް ވެސް އެނގެ އެވެ. އަނެއްކޮޅުން ޗައިނާ މިހާރު އަވަދިނެތި އުޅެނީ ޓައިވާން ވަށާލައި އަސްކަރީ ފަރިތަކުރުންތަކެއްގަ އެވެ.

އެމެރިކާ ބުނާ ގޮތުން ޓައިވާނަށް ބިރުދައްކައި އަސްކަރީ ފަރިތަކުރުންތައް ރޭވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ޗައިނާއިން މިހާރު ވަނީ އަސްކަރީ ގޮތުންނާއި މޫސުމާ ބެހޭ ގޮތުން އެމެރިކާއާ އެކު ކުރަމުން ގެންދިޔަ މަޝްވަރާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފަ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދެން ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.