ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނިކޮށް އެކަން ހިލޭ ކޮށްދެއްވާފާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވެއްޖެ އެވެ.
ވެމްކޯ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ދުވަހަށް ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ހޯމަ ދުވަހު ރަޖިސްޓްރީވުމަށްފަހު ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ އަންނަ ބުރާސްފަތު ދުވަހުގެ ކުރިންނެވެ. ބިޒްނަސް ޕްލޭން ހަދަނީ ކުންފުނި އިތުރަށް ހަރުދަނާކޮށް ހިދުމަތްތައް ވީހާވެސް ފުރިހަމައަށް ދިނުމަށް ކަމަށް ވެމްކޯ އިން ބުނެ އެވެ.
އެކަމާއި ގުޅިގެން އަމުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަން އެ ކުންފުންޏަށް ހިލޭ ކޮށްދެއްވާފާނެ ކަމަށެވެ. ނަމަވެސް އެއީ އަމިއްލަ ހައިސިއްޔަތުން ކަމެއް އަދި އޭނާ މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި އެސްޓީއޯގެ އެހީތެރިކަމުގައި ކަމެއް ވިދާޅެއް ނުވެއެވެ.
ވެމްކޯ އިން ގެންދަނީ ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ރާއްޖެ އެކި ސަރަހައްދުތަކުގައި ކުނި ނަގައި ޖަމާކުރާނެ ސެންޓަރުތައް ގާއިމުކޮށް މުޅި ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. ވެމްކޯ އިން 2016 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް އެ ކުންފުނި އަދި ހިންގަނީ ވަރަށް ބޮޑު ގެއްލުމެއްގަ އެވެ.